Roadha Mihaaru
ސައުދީ ލީގު މަޝްހޫރުވީ ރޮނާލްޑޯގެ ސަބަބުން: ނޭމާ

ސައުދީ ލީގު މަޝްހޫރުވީ ރޮނާލްޑޯގެ ސަބަބުން: ނޭމާ

17 އޯގަސްޓް 2023

ރިޔާދު، (އޮގަސްޓް 17) - ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަށް ހިތް ޖައްސުވައި، ލީގަށް ދުނިޔޭގެ ސަމާލުކަށް ލިބިފައި ވަނީ ޕޯޗުގަލްގެ ތަރި ކްތިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް، ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު، (އޮގަސްޓް 17) - ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގަށް ހިތް ޖައްސުވައި، ލީގަށް ދުނިޔޭގެ ސަމާލުކަށް ލިބިފައި ވަނީ ޕޯޗުގަލްގެ ތަރި ކްތިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކަމަށް، ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

އުމުރުން 31 އަހަރުގެ ނޭމާ ވަނީ ހަ ސީޒަން ފްރާންސްގެ ޕީއެސްޖީގައި ހޭދަކުރުމަށް ފަހު އެޓީމު ދޫކޮށް ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ލީގުގެ އަލް ހިލާލަށް ބަދަލުވެފަ އެވެ. ހިލާލުން އޭނާ ގެންދިޔައީ 98 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދި ރޮނާލްޑޯ ވަނީ މިދިޔަ ޑިސެމްބަރު މަހު އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން އައް ނަސްރަށް ބަދަލު ވެފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ މި ހުރިހާ ކަމެއް ފެށީ، އޭރު މީހުން އޭނާއާ ދިމާއަށް މޮޔައެކޭ ވެސް ގޮވި. އެކަމު މިހާރު އެބަ ފެނޭ މި ލީގު ތަރައްގީވާ މިންވަރު،" ހިލާލަށް ބަދަލުވެ ދިން ފުރަތަމަ އިންޓަވިއުގައި ނޭމާ ބުންޏެވެ.

ރޮނާލްޑޯއަށް ފަހު މި ޓްރާންސްފާ ބާޒާރުގައި ސައުދީ ލީގުގެ ކްލަބްތަކުން ވަނީ ޔޫރަޕްގެ މަޝްހޫރު ގިނަ ތަރިންތަކެއް ގެނެސްފަ އެވެ. މަޝްހޫރު ކުޅުންތެރިންނާއި ކޯޗުން ގެންނަން ލީގުގެ ކްލަބްތައް ގާތްގަނޑަކަށް 650 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފައި ވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީ ލީގަށް ގެނައި ފާހަގަ ކޮށްލެވޭ މަޝްހޫރު ކުންތެރިންނަށް ބަލައިލާއިރު މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އާއި ޗެލްސީގެ އެންގޯލޯ ކަންޓޭ އާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ރޮބާޓޯ ފިރްމީނޯ އަދި ސަޑިއޯ މާނޭ އާއި ރިޔާދު މާރޭޒް ހިމެނެ އެވެ. މީގެ އިތުރުން ކޯޗު ސްޓީވެން ޖެރާޑު ވެސް ވަނީ ސައުދީ ލީގު ކުލަބަކާ ހަވާލުވެފަ އެވެ.

"މިކަން ވަރަށް އުފާވެރި، އެހެން ޓީމުތަކުގައި ވެސް އެންމެ ކޮލިޓީ ކުޅުންތެރިން ތިބުމަކީ މޮޅަށް ކުޅެން ލިބޭ މޯޓިވޭޝަނެއް. ހާއްސަކޮށް ރޮނާލްޑޯ، ބެންޒެމާ، ފިރްމީނޯ ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ޖެހުން ވަރަށް ހާއްސަ ވާނެ،" ސައުދީ ލީގު ވާދަވެރި ވެފައި ވާވަރު ހާމަކޮށްދެމުން ނޭމާ ބުންޏެވެ.

ނޭމާ، ހިލާލަށް ސޮއިކުރުމުގެ ތެރެއިން އޭނާގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ނޭމާ، ހިލާލަށް ސޮއިކުރުމުގެ ތެރެއިން އޭނާގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ހިލާލުން ވަނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ތަޖުރިބާކާރު ޕޯޗުގީޒް ކޯޗު ޖޯޖް ޖީސަސް އެޓީމަށް ގެނެސްފަ އެވެ. ހަމަ އެއާ އެކު ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް އާއި ސާބިއާގެ ސާޖެގް މިލިންކޮވިޗް ސަވިޗް އަދި ސެނެގާލުގެ ކަލިދޫ ކުލިބާލީ އާއި ބްރެޒިލްގެ ސްޓްރައިކަރު މެލްކޮމް ވެސް ހިލާލުން ގެނެސްފައި ވެއެވެ.

"ސްކޮޑުގައި ކޮލިޓީ ހުރުން ވަރަށް މުހިއްމު ކަމަށް އަހަރެން ދެކެނީ. އެއީ ކެރިއަރުގައި ވެސް ނިންމާ ނިންމުންތަކަށް ލިބޭ އެހީއެއް، ގައިމު ވެސް އަހަރެންނަށް އެއިން އެހީއެއް ލިބުނު،" ހިލާލަށް ބަދަލުވާން ނޭމާ ނިންމި ނިންމުމާ ގުޅޭގޮތުން އޭނާ ބުންޏެވެ.

ހިލާލް ވަނީ މި މަހު، އާ ތަރިންނާ އެކު މި އަހަރުގެ ޔޫއަފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ފައިނަލްގައި ކުޅެފަ އެވެ. ހޯމަ ދުވަހު އެޓީމުން ވަނީ މި ސީޒަންގެ ސައުދީ ޕްރޯ ލީގުގެ ފުރަތަމަ މެޗުގައި، މެލްކޮމްގެ ހެޓްރިކަކާ އެކު މޮޅުވެފަ އެވެ.

ހިލާލުން ވަނީ މި ސީޒަންގައި ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހޯދަން ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އޭނާއަށް އެއް ސީޒަނަށް ރެކޯޑް 1.1 ބިލިއަން ޑޮލަރު ހަރަދުކުރަން އެޓީމުން ތައްޔާރުވި އެވެ. މެލްކޮމްގެ ސޮއި ހޯދަން ހިލާލްގެ އޮފިޝަލުން މިދިޔަ މަހު ފްރާންސަށް ކުރި ދަތުރުގައި އެމްބާޕޭއާ ބައްދަލުކުރަން މަސައްކަތް ކުރި ނަމަވެސް އެމްބާޕޭ އެކަމާ ދެކޮޅު ހެދި އެވެ.

ހިލާލުން ވަނީ އަހަރަކު 350 މިލިއަން ޑޮލަރުގެ މުސާރައެއް ދީގެން ޕީއެސްޖީއަށް ކުޅުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސައުދީ ލީގުގެ ބަދަލުގައި މެސީ ހިޔާރު ކުރީ އެމެރިކާ ލީގުގެ އިންޓަ މަޔާމީ އެވެ.