Roadha Mihaaru
އާމްދަނީ އެންމެ ބޮޑު ސެލެބްރިޓީ އަކީ ކައިލީ

އާމްދަނީ އެންމެ ބޮޑު ސެލެބްރިޓީ އަކީ ކައިލީ

18 ޑިސެމްބަރ 2020

މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ ކައިލީ ޖެނާ ކަމަށް ފޯބްސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ ކައިލީ ޖެނާ ކަމަށް ފޯބްސް އިން ބުނެފި އެވެ.

މިހާރު ވެސް މިލްކިއްޔާތު ބިލިއަނަކަށް އަރާ އެމެރިކާގެ ކައިލީ/ކާޑޭޝަން އާއިލާ އަށް ނިސްބަތްވާ 23 އަހަރުގެ ކައިލީ އަށް މި އަހަރު އާމްދަނީގެ ގޮތުގައި 590 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ފޯބްސް އިން ބުނިގޮތުގައި އޭނާ އަށް އާމްދަނީ ލިސްޓްގެ އެންމެ ކުރިން ޖާގަ ލިބުނު އެއް ސަބަބަކީ ކައިލީ ކޮސްމެޓިކްސްގެ 51 ޕަސެންޓް ހިއްސާ އެމެރިކާގެ ބިއުޓީ ކުންފުނީ ކޯޓީއަށް ވިއްކައިލުމުން ލިބުނު ފައިދާ އެވެ.

ކައިލީޒް ކޮސްމެޓިކްސް އާއި ކައިލީޒް ސްކިންގެ 600 މިލިއަން ޑޮލަރު (51 ޕަސެންޓް ހިއްސާ) ކޯޓީ އަށް ވިއްކައިލާކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ.

އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބުނު 10 ސެލެބްރިޓީންގެ ލިސްޓަށް ބަލާ އިރު ދެވަނާގައި އޮތީ ކައިލީގެ ޅިޔަނު މިއުޒިޝަން ކަންޔޭ ވެސްޓެވެ. ކައިލީގެ އެއްބަނޑު ދައްތަ ކިމް ކާޑޭޝަންގެ ފިރިމީހާ އަށް މި އަހަރު އާމްދަނީގެ ގޮތުގައި 170 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މި އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ވެސް ވާދަކުރި ކަންޔޭގެ މިލްކިއްޔާތު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.

ލިސްޓްގެ ގަދަ ގަދަ ތިނަކުން މި ފަހަރު ޖާގަ ލިބުނީ ޓެނިސް ތަރި ރޮޖާ ފެޑެރާއަށެވެ. އޭނާގެ އާމްދަނީ އަކީ 106.3 މިލިއަން ޑޮލަރެވެ.

ލިސްޓްގައި ދެން ހިމެނޭ ސެލެބްރިޓީން ތަރުތީބުކުރާ އިރު ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މި އަހަރު 105 މިލިއަން ޑޮލަރު، އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލައިނަލް މެސީ އަށް 104 މިލިއަން ޑޮލަރު، އެކްޓަރު ޓައިލާ ޕެރީ އަށް 97 މިލިއަން ޑޮލަރު، ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އަށް 95.5 މިލިއަން ޑޮލަރު، އެމެރިކާގެ ރޭޑިއޯ ޝަހުސިއްޔަތު ހަވާޑް ސްޓާން އަށް 90 މިލިއަން ޑޮލަރު، އެމެރިކާގެ ބާސްކެޓް ތަރި ލެބްރޮން ޖޭމްސް އަށް 88.2 މިލިއަން ޑޮލަރު އަދި އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) އަށް އާމްދަނީގެ ގޮތުގައި 87.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ފޯބްސްގެ ލިސްޓުން މި ފަހަރު އެންމެ ފާހަގަކުރެވުނު އެއް ކަމަކީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީންގެ ކުރި ކައިލީ ހޯދި އިރު، ލިސްޓްގެ ގަދަ 10 ގައި ހިމެނޭ ހަމައެކަނި އަންހެން ސެލެބްރިޓީ އަކީ ވެސް އޭނާ ކަމެވެ.