Roadha Mihaaru
ކަންޔޭ ވެސްޓް ނަން ބަދަލުކުރަނީ

ކަންޔޭ ވެސްޓް ނަން ބަދަލުކުރަން ކޯޓަށް ހުށަހަޅައިފި

26 އޯގަސްޓް 2021

ކިމް ކާޑޭޝަންއާ އެކު ކައިވެނި ރޫޅުމުގެ މަގުމަތީގައި އޮތް، އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ ނަން ބަދަލުކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިމް ކާޑޭޝަންއާ އެކު ކައިވެނި ރޫޅުމުގެ މަގުމަތީގައި އޮތް، އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ ނަން ބަދަލުކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި 44 އަހަރުގެ ބިލިއަނަރުގެ ނަން ބަދަލުކުރަނީ ކަންޔޭ އޮމާރީ ވެސްޓުން "ޔޭ" އަށް ކަމަށެވެ. ނަން ބަދަލުކުރަން ހުށަހެޅީ ކުރިއަށް އަދި ފަހަތަށް ވެސް އިތުރު ނަމެއް ނުހިމަނައި ހަމައެކަނި "ޔޭ" ކިޔާ ގޮތަށެވެ.

އެ ނަމަކީ މީގެ ކުރިން ވެސް ކަންޔޭ ވަރަށް ޝައުގުވެރިވެ، އެ ނަމުގެ ވާހަކަ ޓްވީޓް ވެސް ކޮށްފައިވާ ނަމެކެވެ. އެގޮތުން 2018 ގައި ކަންޔޭ ވެސްޓް ކިޔުމުގެ ކުރިން ވެސް އޭނާ އަކީ "ޔޭ" ކަމަށް ބުނެފައިވެ އެވެ.

ނަން ބަދަލުކުރަން ކޯޓަށް ކަންޔޭ ހުށަހެޅި ލިޔުންތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އޭނާ ނަން ބަދަލުކުރަން ނިންމި އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ނެތެވެ.

ކަންޔޭ އާއި ކިމް.

ކަންޔޭ އާއި ކިމް.

ކަންޔޭގެ ނަން ބަދަލުކުރަން ކޯޓަށް ހުށަހެޅި އިރު އޭނާގެ ގާތުން ވަރިވާން އަންހެނުން ކިމް ކޯޓަށް ހުށަހެޅި މައްސަލަ އަދި ނުނިމެ އެވެ. އެ ކައިވެންޏަށް ހަތަރު ދަރިން އެބަތިއްބެވެ. އެއީ ނޯތު ވެސްޓް 7، ސެއިންޓް ވެސްޓް، 5، ޝިކާގޯ ވެސްޓް، 3، އަދި ޒަލްމް ވެސްޓް، 2، އެވެ.

ދާދި ފަހުން އަޑުއެރި ގޮތުގައި ކަންޔޭ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާގެ ކުރީގެ ލޯބިވެރިޔާ ރަޝިއާގެ މަޝްހޫރު ސުޕަ މޮޑެލް އައިރީނާ ޝައިކްއާ އެވެ.