Roadha Mihaaru
ކަންޔޭ ގެވެހި ސާމާނުގެ ވިޔަފާރިއެއް ފަށަނީ

ކަންޔޭ ގެވެހި ސާމާނުގެ ވިޔަފާރިއެއް ފަށަނީ

09 ސެޕްޓެމްބަރ 2021

މިހާރު ވެސް "ޔީޒީ" ގެ ނަމުގައި ބޫޓާއި ފެޝަނާ ގުޅޭ އުފެއްދުންތަކުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ކަންޔޭ ވެސްޓް އަމިއްލަ ނަމުގައި ގެވެހި ސާމާނުގެ ވިޔަފާރި އަށް ނުކުންނަން ތަރައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވެސް "ޔީޒީ" ގެ ނަމުގައި ބޫޓާއި ފެޝަނާ ގުޅޭ އުފެއްދުންތަކުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން އަންނަ އެމެރިކާގެ މަޝްހޫރު މިއުޒިޝަން ކަންޔޭ ވެސްޓް އަމިއްލަ ނަމުގައި ގެވެހި ސާމާނުގެ ވިޔަފާރި އަށް ނުކުންނަން ތަރައްޔާރުވާން ފަށައިފި އެވެ.

ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކަންޔޭ ވެސްޓް" ގެ ނަމުގައި ހޯމްވެއާ ލައިނެއް ލޯންޗްކުރުމަށްޓަކައި އޭގެ ޓްރޭޑްމާކް ލައިސަންސް ހޯދުމަށް އެމެރިކާގެ ޕޭޓެންޓް އެންޑް ޓްރޭކްޑްމާކް އޮފީހަށް މިދިޔަ މަހުގެ 27 ގައި ހުށަހެޅީ އޭނާގެ ކުންފުނި މެސްކޮޓް ހޯލްޑިންސްގެ ފަރާތުންނެވެ. ކަންޔޭ އަކީ އެ ކުންފުނީގެ ސީއީއޯ އެވެ.

ނަމަވެސް އަލަށް ފަށަން އުޅޭ ވިޔަފާރިއާ ބެހޭ ގޮތުން އޭނާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މީޑިއާތަކުން ބުނީ ގޮތުގައި ކަންޔޭގެ އަމާޒަކީ އާންމު ދިރިއުޅުމަށް ގޭތެރޭގައި ބޭނުންކުރާ ގިނަ އުފެއްދުންތައް އޭނާގެ އަމިއްލަ ލޭބަލްގެ ދަށުން ނެރުމެވެ. އޭގެ ތެރޭގައި ދޮރުފޮއްޗާއި ބްލޭންކެޓާއި ބާލީހުއުރަ އާއި ތުވާއްޔާއި ޝަވަ ކާޓެއިންގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ އެއްޗިހި ހިމެނެ އެވެ. އަދި ކުޑަކުދިންނާއި އޮޅު ޖަނަވާރުންނަށް ހާއްސަ އެކި އުފެއްދުންތައް ވެސް ހިމެނެ އެވެ.

މިއުޒިކުން ވެސް ބޮޑު އާމްދަނީއެއް ލިބޭ ކަންޔޭ، 44، އަކީ އޭނާގެ އަމިއްލަ ވިޔަފާރިތަކާ އެކު މިހާރު ބިލިއަނަރެއް ވެސް މެ އެވެ. އޭނާގެ މިލްކިއްޔާތު 1.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ކަންޔޭ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ މަހުގެ 29 ގައި ނެރުނު "ޑޮންޑާ" އެވެ.

ވިޔަފާރީގައި ކިތަންމެ ކާމިޔާބަސް ކަންޔޭގެ ޒާތީ ދިރިއުޅުން އޮތީ އަޑިގަނޑެއްގެ ތެރޭގަ އެވެ. ހަތަރު ދަރިން ލިބިފައި ވަނިކޮށް އޭނާގެ ގާތުން ވަރިވާން، މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ.

ކިމް އަކީ ވެސް ކަންޔޭ ގޮތަށް ތަފާތު އެކި ކަހަލަ އަމިއްލަ ވިޔަފާރިތަކުން ބޮޑު އާމްދަނީއެއް ލިބޭ ބިލިއަނަރެކެވެ. މީގެ ފަސް މަސްކުރިން ބިލިއަނަރެއްގެ މަގާމު ލިބުނު ކިމްގެ މިލްކިއްޔާތަކީ 1.2 ބިލިއަން ޑޮލަރަށް އަރަ އެވެ.