Roadha Mihaaru
ނައިޖަރަށް އަސްކަރީ ނުފޫޒެއް ނުފޯރުވުމަށް އިންޒާރުކޮށްފި

ނައިޖަރަށް އަސްކަރީ ނުފޫޒެއް ނުފޯރުވުމަށް އިންޒާރުކޮށްފި

02 އޯގަސްޓް 2023

އަސްކަރީ އިންގިލާބަކުން ސިފައިންގެ އަތްމައްޗަށް ވެރިކަން ފުރޮޅާލާފައިވާ ނައިޖަރުގައި، މަދަނީ ވެރިކަމެއް ގާއިމުކުރުމުގެ ނަމުގައި ބޭރުގެ އެއްވެސް ގައުމަކުން އަސްކަރީ ފިޔަވަޅެއް ނޭޅުމަށް، އަވައްޓެރި މާލީ އާއި ބުރްކީނާ ފާސޯ އިން އިއްޔެ އިންޒާރުކޮށްފި އެވެ.

އަސްކަރީ އިންގިލާބަކުން ސިފައިންގެ އަތްމައްޗަށް ވެރިކަން ފުރޮޅާލާފައިވާ ނައިޖަރުގައި، މަދަނީ ވެރިކަމެއް ގާއިމުކުރުމުގެ ނަމުގައި ބޭރުގެ އެއްވެސް ގައުމަކުން އަސްކަރީ ފިޔަވަޅެއް ނޭޅުމަށް، އަވައްޓެރި މާލީ އާއި ބުރްކީނާ ފާސޯ އިން އިއްޔެ އިންޒާރުކޮށްފި އެވެ.

މިހާރު ވެސް ސިފައިންގެ އަސްކަރީ ވެރިކަމެއްގައި އޮތް މާލީ އާއި ބުރްކީނާ ފާސޯ އިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނައިޖަރުގެ އަސްކަރީ ވެރިޔާއާ ދެކޮޅަށް ފިޔަވަޅެއް އެޅުމުން މައްސަލަ އިތުރަށް ގޯސްވާނެ ކަމަށެވެ. އެ ދެ ގައުމުން މި މޭރުމުން އިންޒާރުކުރީ، ކުރިއަށް އޮތް އެއް ހަފުތާގެ ތެރޭގައި ނައިޖަރުގެ ކުރީގެ ސަރުކާރާ އަލުން ވެރިކަން ހަވާލުކުރުމަށް، އެފްރިކާގެ 15 ގައުމެއް ބައިވެރިވާ އިކޮނިމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސްގެ ފަރާތުން މުހުލަތެއް ދީފައިވަނިކޮށެވެ.

އެ ޖަމިއްޔާ އިން އިންޒާރުކޮށްފައިވަނީ، މަގާމުން ދުރުކޮށްފައި ހުރި ރައީސް މުހައްމަދު ބަޒޫމް އަލުން މަގާމަށް ނުގެނެސްފި ނަމަ ނައިޖަރުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރާނެ ކަމަށެވެ.

އެ ޖަމިއްޔާގެ އިންޒާރަށް ރައްދު ދެމުން ބުރްކީނާ ފާސޯ އާއި މާލީން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެއްވެސް ގައުމަކުން ނައިޖަރުގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކޮށްފި ނަމަ، އެއީ އެ ދެ ގައުމަށް ވެސް ދޭ ހަމަލާއެއް ކަމަށް ދެކޭނެ ކަމަށެވެ. އަދި އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އެކަމުގެ ސަބަބުން ހީނުކުރާ ފަދަ ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމަށް ވެސް އެ ދެ ގައުމުގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.

އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، ކުރިން އޮތް މަދަނީ ސަރުކާރާ ވެރިކަން ހަވާލުކުރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން، ވިލާތުގެ ގައުމުތަކުން މިހާރު ވަނީ ނައިޖަރުގައި ތިބި އެ ގައުމުތަކުގެ މީހުން ނައިޖަރުން ބާލަން ފަށައިފަ އެވެ. އެ ގޮތުން ފަރަންސޭސި ވިލާތުން ހަމަޖެއްސި ތިން މަތިންދާބޯޓެއްގައި އިއްޔެ ވަނީ ފަރަންސޭސި ވިލާތުގެ އިތުރުން ވިލާތުގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް ނައިޖަރުން ބޭރަށް ގެންގޮސްފަ އެވެ.

ނައިޖަރުގައި މިހާރު އޮތް އަސްކަރީ ސަރުކާރަށް ތާއީދުކުރާ އާންމުންގެ ގިނަ ބަޔަކު މީގެ ދެ ދުވަސް ކުރިން މަގުތަކަށް ނުކުމެ ކުރި މުޒާހަރާގައި، ވެރިރަށް ނިއާމޭގައި ހުންނަ ފަރަންސޭސި އެމްބަސީއަށް ގެއްލުން ދިނުމާ ގުޅިގެން ފަރަންސޭސި ވިލާތުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ނައިޖަރުގައި ތިބި ވިލާތުގެ ގައުމުތަކުގެ މީހުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ފެށީ ވެސް އެ ހާދިސާއަށް ފަހު އެވެ.

ފަރަންސޭސި ވިލާތުން ބުނި ގޮތުގައި ނައިޖަރުގައި ތިބި ވިލާތުގެ ގައުމުތަކުގެ މީހުން ބޭރު ކުރުމަށް ޚާއްސަ ދަތުރުތަކެއް ހަމަޖައްސަން ޖެހުނީ، ނައިޖަރުގެ އަސްކަރީ ސަރުކާރުގެ ފަރާތުން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން، އާންމު ދަތުރުތައް ހުއްޓިފައިވާތީ އެވެ.

ނައިޖަރަކީ ކުރިން ފަރަންސޭސި އިސްތިއުމާރުގެ ދަށުގައި އޮތް ގައުމަކަށް ވާތީ، ނައިޖަރުގެ އާންމު ރައްޔިތުންގެ މެދުގައި، ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ރުޅިވެރިކަމެއް އޮންނަނީ ފަރަންސޭސި ވިލާތާ މެދުގަ އެވެ.