Roadha Mihaaru
މުހުލަތު ހަމަވުމުން ނައިޖަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

މުހުލަތު ހަމަވުމުން ނައިޖަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

07 އޯގަސްޓް 2023

ނިއާމޭ (އޯގަސްޓް7) - އަސްކަރީ އިންގިލާބަކުން ވެރިކަމުން ދުރުކޮށްފައިވާ ނައިޖަރުގެ ރައީސް މުހައްމަދު ބާޒޫމްއާ ވެރިކަން ހަވާލުކުރުމަށް، ހުޅަނގު އެފްރިކާގެ ގައުމުތަކުން ދީފައިވާ މުހުލަތު ރޭ ހަމަވުމާއެކު، ނައިޖަރުގެ އަސްކަރީ ވެރިޔާ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

ނިއާމޭ (އޯގަސްޓް7) - އަސްކަރީ އިންގިލާބަކުން ވެރިކަމުން ދުރުކޮށްފައިވާ ނައިޖަރުގެ ރައީސް މުހައްމަދު ބާޒޫމްއާ ވެރިކަން ހަވާލުކުރުމަށް، ހުޅަނގު އެފްރިކާގެ ގައުމުތަކުން ދީފައިވާ މުހުލަތު ރޭ ހަމަވުމާއެކު، ނައިޖަރުގެ އަސްކަރީ ވެރިޔާ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތައް އެކުވެގެން އުފައްދާފައި އޮންނަ ޖަމިއްޔާ، އިކޮނިމިކް ކޮމިޔުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވަސް) އިން ނައިޖަރުގެ އަސްކަރީ ސަރުކާރަށް އަންގާފައި އޮތީ، އޮގަސްޓް 6 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 23:00ގެ ކުރިން، މަދަނީ ވެރިކަން އިއާދަކުރުމަށެވެ. އެ މުހުލަތު ހަމަވާ އިރު މަދަނީ ސަރުކާރު އިއާދަނުކޮށްފި ނަމަ، އަސްކަރީ ބާރުގެ ބޭނުންކުރަންޖެހިދާނެ ކަމަށް ވެސް އެ ޖަމާއަތުން އޮތީ އިންޒާރުކޮށްފަ އެވެ.

ނައިޖަރުގެ އަސްކަރީ ސަރުކާރުން ރޭ ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނީ، ދުޝްމަން ގައުމަކުން ނައިޖަރަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ ބިރު އުފެދުމުން ކަމަށެވެ. ވައިގެ ސަރަހައްދު ބަންދުކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި، ވައިގެ ސަރަހައްދު ދެން ހުޅުވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އަސްކަރީ ސަރުކާރުން ބުނެ އެވެ.

ސަރުކާރުގެ އިސް ވެރިން ހިމާޔަތް ކުރުމަށް ސިފައިންގެ ތެރޭގައި އޮންނަ ޕްރެޒިޑެންޝަލް ގާޑްގެ ސިފައިންނާއި އިސް ޖެނެރަލުންތަކެއް ގުޅިގެން ގެނައި އިންގިލާބުގައި ރައީސް މުހައްމަދު ބާޒޫމް ހައްޔަރުކޮށް އޭނާ ވެރިކަމުން ދުރުކުރީ ހުސްވި ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

ރައީސް ބާޒޫމް ވެރިކަމުން ދުރުކުރުމަށް ފަހު، އެ ގައުމުގެ ވަގުތީ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ޗިއާނީ ކަމަށް، ޖުލައި 28 ވަނަ ދުވަހު ސިފައިން އިއުލާންކުރި އެވެ. އަދި އެ ގައުމުގައި ވެރިކަން ހިންގާނީ ނޭޝަނަލް ކައުންސިލް ފޯ ދަ ސޭފްގާޑް އޮފް ދަ ހޯމްލޭންޑް ކިޔާ އަސްކަރީ ކޮމިޓީއަކުން ކަމަށް ވެސް އިއުލާންކުރި އެވެ.

ނައިޖަރުގެ ސަރުކާރު ވައްޓާލައި ސިފައިން ވެރިކަމާ ހަވާލުވުމާ ގުޅިގެން، އެފްރިކާގެ އިއްތިހާދުންނާއި އިކޯވަސްގެ އިތުރުން ވިލާތުގެ އިއްތިހާދުންނާއި އދ. މަޖިލީހާއި އެމެރިކާ ފަދަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މަދަނީ ސަރުކާރު އިއާދަކުރުމަށް އިކޯވަސް އިން ދިން މުހުލަތު ހަމަވުމާ ގުޅިގެން، އަސްކަރީ ސަރުކާރުގެ ފަރާތުން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބޭރުގެ ގައުމަކުން ނައިޖަރަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއްވެސް ބަޔަކު އަސްކަރީ ބާރުގެ ބޭނުންކޮށްފި ނަމަ، ގައުމު ދިފާއުކުރުމުގެ ފުރިހަމަ ރޭވުމެއް އެބަ އޮތް ކަމަށް ވެސް އަސްކަރީ ސަރުކާރުން ބުންޏެވެ.

އިކޯވަސްގެ ސުލްހަޔާއި ހަމަޖެހުމާއި ސިޔާސީ ކަންކަމާ ބެހޭ ކޮމިޝަނަރު އަބްދުލް ފައްތާހް މޫސާ ވިދާޅުވި ގޮތުގައި ނައިޖަރުގެ މަދަނީ ސަރުކާރު އިއާދަކުރުމަށް ދީފައިވާ މުހުލަތު ހަމަވުމާ އެކު، ބާރުގެ ބޭނުންކުރަންޖެހިދާނެ ހާލަތަކަށް އެ ޖަމާއަތް މިހާރު އޮތީ ތައްޔާރުވެފަ އެވެ. އެހެން ނަމަވެސް އިސްކަން ދެނީ ސުލްހަވެރި ގޮތުގައި ޑިޕްލޮމެޓިކް ހައްލެއް ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިޖަރުގެ މަދަނީ ސަރުކާރު އިއާދަކުރުމަށް ބާރުގެ ބޭނުންކުރުމަށް އިކޯވަސް އިން ތައްޔާރުވަމުން ދާއިރު، ނައިޖަރުގެ އަވައްޓެރި ބައެއް ގައުމުތަކުން ވަނީ، އެފަދަ ފިޔަވަޅެއް ނޭޅުމަށް އިންޒާރުކޮށްފަ އެވެ. އަވައްޓެރި މާލީ އާއި ބުރްކީނާ ފާސޯ އިން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ނައިޖަރާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަކީ، އެ ދެ ގައުމަށް ދެވޭ ހަމަލާއެއް ކަމަށް ދެކޭނެ ކަމަށެވެ.