Roadha Mihaaru
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން

ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން

12 އެޕްރީލް 2023

ތައިވާންގެ ވަށައިގެން އޮތް ކަނޑާއި ވައިގެ ސަރަހައްދުގައި، މި މަހުގެ 8-10 އަށް ޗައިނާ އިން ބޭއްވި އަސްކަރީ ތަމްރީންތަކަކީ، ތައިވާނާ ދެކޮޅަށް ހަނގުރާމައެއް ފަށައި ތައިވާނަށް އަރައިގަތުމަށް ވަމުންދާ ތައްޔާރީތަކުގެ ބައެއް ކަމަށް ތައިވާނުން އިއްޔެ ބުނެފި އެވެ.

ތައިވާންގެ ވަށައިގެން އޮތް ކަނޑާއި ވައިގެ ސަރަހައްދުގައި، މި މަހުގެ 8-10 އަށް ޗައިނާ އިން ބޭއްވި އަސްކަރީ ތަމްރީންތަކަކީ، ތައިވާނާ ދެކޮޅަށް ހަނގުރާމައެއް ފަށައި ތައިވާނަށް އަރައިގަތުމަށް ވަމުންދާ ތައްޔާރީތަކުގެ ބައެއް ކަމަށް ތައިވާނުން އިއްޔެ ބުނެފި އެވެ.

ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި، ޗައިނާ އިން ބާއްވާ އަސްކަރީ ތަމްރީންތައް ކުށްވެރިކުރަމުން ތައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވީ "ފެންނަ ފެނުމަށް ބަލާއިރު އެމީހުން ތައްޔާރުވަމުން އެދަނީ، ތައިވާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން" ކަމަށެވެ.

"އެމީހުން އެ ބާއްވާ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާ ގޮތް ނިކަން ބައްލަވާ، އެމީހުންގެ ބަސްމަގު ހުރި ގޮތް ބައްލަވާ. ފެންނަ ފެނުމަށް ބަލާއިރު އެމީހުން ތައްޔާރުވަމުން އެ ދަނީ ތައިވާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް،" ތައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވި އެވެ.

"ޗައިނާގެ އަސްކަރީ ނުރައްކާތަކާ މެދު ތައިވާނުން ދެކެނީ އެއީ ބަލައިނުގަނެވޭނެ ކަންތައްތަކެއްގެ ގޮތުގައި، އަދި އަހަރެމެން އެކަން ކުށްވެރިވެސް ކުރަން. އެހެން ނަމަވެސް، ތައިވާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ކުރިން ޗައިނާގެ ލީޑަރުން ދެ ފަހަރަށް އެކަމާ މެދު ވިސްނަވާނެ."

ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާ އިން ދީފާނެ އަސްކަރީ ކޮންމެ ހަމަލާއަކަށް ތައިވާން އޮތީ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. އަދި ޗައިނާގެ އަސްކަރިއްޔާ 2027 ވަނަ އަހަރަށް ފުރިހަމަ އަށް ތައްޔާރުވުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންގަވާފައި ވިޔަސް، އެކަމާ ފަރުވާލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ 2025 ކަމަށް ވިޔަސް ނުވަތަ 2027 ކަމަށް ވިޔަސް، ނުވަތަ އެއަށް ވުރެ ފަހުން ވިޔަސް ވެސް، ތައިވާނުން ވެސް އޮންނާނީ ފުރިހަމައަށް ތައްޔާރުވެގެން."

މި މަހުގެ 8-10 އަށް ޗައިނާ އިން ބޭއްވި އަސްކަރީ ތަމްރީންތައް ކުރިއަށް ގެންދިޔައީ، އެ ގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުފުލާ މަނަވަރެއް ވެސް ބޭނުންކޮށްގެންނެވެ. މިއީ، ތައިވާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމާ ބެހޭ ގޮތުން ބޭއްވި އަސްކަރީ ތަމްރީންތަކެއްގައި މިޒާތުގެ މަނަވަރު ބޭނުންކުރި ފުރަތަމަ ފަހަރެވެ.

އެ ތަމްރީންތަކުގައި ޗައިނާގެ ކަނޑާއި ވައިގެ ސިފައިން ވަނީ، ތައިވާން ވަށައިގެން ހިސޯރު ކުރާނެ ގޮތުގެ ފަރިތަކުރުންތަކެއް ބާއްވައިފަ އެވެ. އޭގެ އިތުރުން، ތައިވާންގެ އެންމެ މުހިންމު އަމާޒުތައް ފާހަގަކޮށް އެ ތަންތަނަށް ހަމަލާ ދޭނެ ގޮތުގެ ފަރިތަކުރުންތަކެއް ވެސް ޗައިނާ ސިފައިން ބޭއްވި އެވެ.

ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި ޗައިނާ އިން އަސްކަރީ ތަމްރީންތަކެއް ފެށީ، ތައިވާންގެ ރައީސް ސައި އިންގް-ވެން، މެދުތެރޭ އެމެރިކާގެ ބައެއް ގައުމުތަކަށް ކުރެއްވި 10 ދުވަހުގެ ޒިޔާރަތް ނިންމަވާފައި އެނބުރި ވަޑައިގެންނެވި ދުވަހު އެވެ. ޗައިނާގެ އަސްކަރީ ތަމްރީންތަކުގެ ބޭނުމަކީ، އެކަން ނުކުރުމަށް ޗައިނާ އިން އިންޒާރު ކޮށްފައި އޮއްވާ، ތައިވާންގެ ރައީސްގެ އެ ދަތުރުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީއާ ބައްދަލު ކުރައްވފައިވާތީ، އެކަމަށް ރައްދު ދިނުމެވެ. އަދި ބާރުގެ ބޭނުންކޮށްގެން ވިޔަސް ތައިވާންގެ މިނިވަންކަމަށް ހުރަސް އަޅާނެކަން ހާމަކުރުމެވެ.