Roadha Mihaaru
ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން

ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން

19 ޖޫން 2023

ބެއިޖިން )ޖޫން 19) - ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޝިން ގާންގްއާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަރަށް އޮއްޓަރު ހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބެއިޖިން )ޖޫން 19) - ޗައިނާގެ ވެރިރަށް ބެއިޖިންގްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޝިން ގާންގްއާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަރަށް އޮއްޓަރު ހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

މިއީ ދެ ގައުމުގެ ގުޅުން ހީނަރުވެ އަދި ފާޑުކިޔުން އިތުރުވެފައި އޮންނަތާ ގާތްގަނޑަކަށް ފަސް އަހަރު ފަހުން، ދެ ގައުމުގެ މަތީ ފެންވަރުގެ ވަޒީރުންގެ މެދުގައި ބޭއްވި މިފަދަ ފުރަތަމަ ބައްދަލުކުރުމެވެ. އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވާދަވެރި އެމެރިކާ އާއި ޗައިނާއާ ދެމެދު، ގިނަ ކަންކަމުގައި އޮންނަނީ އަބަދުވެސް އޮންނަނީ ޚިޔާލު ތަފާތުވެފަ އެވެ.

ޗައިނާގައި ބޭއްވި މަޝްވަރާތަކުގައި ބްލިންކެން ވަނީ، ހައްސާސީ މައްސަލަތަކުގައި ދެ ގައުމުގެ ދެމެދުގައި އޮޅުން އެރުމަކަށް ޖާގަ ނުދިނުމުގެ ގޮތުން، ޑިޕްލޮމެޓިކް ދާއިރާގައި ދެ ގައުމުން މުވާސަލާތުކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

މި މަޝްވަރާތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާއާ އެކުގައި ޗައިނާ އިން ދަމަހައްޓަން ބޭނުންވަނީ، ވަރަށް ބިނާކުރަނިވި އަދި ވަރަށް ހަމަޖެހޭ، އަދި ވާނުވާ ރަނގަޅަށް އެނގޭ ފަދަ ގުޅުމެކެވެ. އޭގެ އިތުރުން އެމެރިކާ އިން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން ޗައިނާ އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައް ވެސް، ޗައިނާގެ ޚާރިޖީ ވަޒީރު އެމެރިކާގެ ޚާރިޖީ ވަޒީރަށް ދެންނެވި އެވެ.

އެ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެމެރިކާ-ޗައިނާގެ ގުޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ތައިވާން މައްސަލައާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތެވެ.

މި މަޝްވަރާތަކުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވެސް ވަނީ އެމެރިކާ ކަންބޮޑުވާ ކަންތައް، ޗައިނާގެ ޚާރިޖީ ވަޒީރަށް ދަންނަވައިފަ އެވެ. އަދި ދެ ގައުމުގެ މަސްލަހަތާ ގުޅޭ ގޮތުން ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންތައް ވެސް ބްލިންކެން ފާހަގަކުރެއްވި އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮތަސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑޮނީޝިޔާގެ ބާލީގައި އޮތް ޖީ20ގެ މަހާސިންތާގެ ހަވާސާގައި ބައްދަލުކުރައްވައިފަ އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ޖީ20ގެ މަހާސިންތާގައި ވެސް ދެ ބޭފުޅުން ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ސެން ފްރެންސިސްކޯގައި ބާއްވާ، އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ބައިޑެން ވަނީ ރައީސް ޝީ އަށް ދައުވަތު އަރުވައިފަ އެވެ.