Roadha Mihaaru
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި

މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި

18 ސެޕްޓެމްބަރ 2023

ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާ އާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ބާއްވައިފި އެވެ.

ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާ އާއި ޗައިނާއާ ދެމެދުގައި އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި ދިޔަ ހަފުތާ ބަންދުގައި މޯލްޓާގައި ބޭއްވި މަޝްވަރާތައް ކުރިއަށް ދިޔައީ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން އާއި ޗައިނާގެ ޚާރިޖީ ވަޒީރު ޗާންގް ޔީ އާ ދެމެދު އެވެ. ހޮނިހިރު، އާދީއްތަ ދުވަހު ބޭއްވި މަޝްވަރާތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު އެންމެ ބޮޑަށް ފާހަގަކުރެއްވީ ތައިވާންގެ މިލްކުވެރިކަމާ މެދު ޗައިނާ އިން ދަމަހައްޓަމުން އަންނަ ސިޔާސަތެވެ.

އޭނާ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރަށް ދެންނެވި ކަމަށްވަނީ، އެމެރިކާ އާއި ޗައިނާގެ ގުޅުމުގައި ވެސް ހުރަސް ނުކުރެވޭނެ ރަތް ރޮނގެއް އޮންނާނެ ކަމަށާއި، އެއީ ޗައިނާއަށް ލިބިގެންވާ ތައިވާންގެ މިލްކުވެރިކަން ކަމަށެވެ. އޭނާގެ މި ވާހަކަތަކުގެ ރައްދުގައި އެމެރިކާގެ މަންދޫބު ވިދާޅުވި ކަމަށްވަނީ ޗައިނާގެ އުދުވާނަކުން ތައިވާނު ދިފާއުކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށެވެ.

މި ޚިޔާލު ތަފާތުވުން ހުއްޓަސް ދެ ބޭފުޅުންވެސް ވަނީ ތައިވާން ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމުގެ މުހިންމުކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އެ ކަން ދެމެހެއްޓުމުގެ ގޮތުން ދެ ފަރާތުގެ މެދުގައި މުވާސަލާތު ކުރެވޭނެ މަގު ފަހިކޮށްފައި ބޭއްވުމަށް ވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތް ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދު މި ހަފުތާ ބަންދުގައި ބޭއްވީ ވަރަށް ބިނާކުރަނިވި އަދި އޮއްޓަރު ހުރި މަޝްވަރާތަކެއް ކަމަށެވެ. އެހެން ނަމަވެސް، ޗައިނާ އަށް ދަތިކުރާ ހަތިޔާރެއްގެ ގޮތުގައި، އެމެރިކާ އިން ޓެކްނޮލޮޖީ އާއި ވިޔަފާރި ބޭނުންކުރަމުން އަންނަ ކަމަށް ޗައިނާ އިން ތުހުމަތުކުރި އެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް މި ބޭއްވީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން މިއަހަރުގެ ފަހުކޮޅު ބައްދަލުކުރެއްވުމަށް ތާވަލުކޮށްފައިވާތީ އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ސުލިވާން އާއި ވާންގްގެ ބައްދަލުވުމެއް މި އަހަރުގެ މެއި މަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ވެސް ބޭއްވި އެވެ.