Roadha Mihaaru
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ

ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ

15 ނޮވެމްބަރ 2022

ތައިވާންގެ މައްސަލައިގައި "ރަތް ރޮނގު" ހުރަސް ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެންނެވި ކަމަށް ޗައިނާ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ތައިވާންގެ މައްސަލައިގައި "ރަތް ރޮނގު" ހުރަސް ނުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެންނެވި ކަމަށް ޗައިނާ ސަރުކާރުން އިއްޔެ ބުނެފި އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާއަށް، އިންޑޮނީޝިޔާގެ ބާލީ އަށް ވަޑައިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިއްޔެ ބޭއްވި މަޝްވަރާތަކުގެ ތަފްސީލުތައް، ޗައިނާގެ ފަރާތުން ހާމަކުރީ ޗައިނާ ރަސްމީ ނޫސް އޭޖެންސީންނެވެ.

ރައީސް ޝީ އާއި ރައީސް ބައިޑެންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ތައިވާން މައްސަލައިގެ މައްޗަށެވެ. ޗައިނާގެ ރަސްމީ ނޫސް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ތައިވާންގެ މައްސަލައިގައި އެއްވެސް ފަރާތަކުން ނުބައި އަންދާޒާއެއް ކުރުމަށް ޗައިނާ ނޭދެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޗައިނާގެ އެންމެ މަތީ މަސްލަހަތުގެ ވެސް އެންމެ ކުރީގައިވަނީ ތައިވާން ކަމަށް، ރައީސް ޝީ އިއްޔެ ރައީސް ބައިޑެން އަށް ދެންނެވި އެވެ. ޗައިނާ އާއި އެމެރިކާގެ ގުޅުމުގައި ދެމިފައިވާ ފުރަތަމަ ރަތް ރޮނގަކީ ތައިވާން މައްސަލަ ކަމަށް ވެސް ރައީސް ޝީ ދެންނެވި އެވެ.

ރައީސް ބައިޑެން އާއި ރައީސް ޝީ މި ބައްދަލުކުރެއްވީ، ތައިވާންގެ މައްސަލަ އާއި ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އިތުރުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދުވަސްވަރެއްގަ އެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމުތަކުން ޔޫކްރޭން ހަނގުރާމައާ ދެކޮޅު ހަދައި ރަޝިޔާ ކުށްވެރިކުރި އިރުވެސް، ޗައިނާ އިން ރަޝިޔާއާ ދެކޮޅަށް މިހާތަނަށް އެއްޗެއް ނުބުނެ އޮތުމަކީ އެމެރިކާ ހިތްހަމަނުޖެހޭ އެއް ސަބަބެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އޮތީ ތައިވާންގެ މައްސަލައިގަ އެވެ. ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާ އިން ބަލާއިރު، އެމެރިކާގެ ތާއީދު އޮތީ، މިނިވަން ދައުލަތަކަށްވުމަށް ތައިވާނުން ކުރަމުންދާ މަސައްކަތަށެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް މައްސަލަ ގޯސްވީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ތައިވާނަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެންނެވެ. ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް، ނެންސީ، ތައިވާނަށް ވަޑައިގަތުމާ ގުޅިގެން، ޗައިނާ އިން ވަނީ އެމެރިކާއާ އެކުގައި ކުރަމުން އައި ރަސްމީ މުވާސަލާތުތައް ހުއްޓާލައިފަ އެވެ.

ރައީސް ބައިޑެން އާއި ރައީސް ޝީއަކީ މީގެ ކުރިން ވެސް އެކުގައި ދަތުރުކުރައްވައި ވަރަށް ގާތްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ މެދުގައި އެ ގުޅުންތައް އޮތީ ދެ ބޭފުޅުންގެ އެ ބޭފުޅުންގެ ގައުމުގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބެވި ދުވަސްވަރު އެވެ.