13 ނޮވެމްބަރ 2022
ހުރިހާ ކަމެއްގައިވެސް ވާދަވެރިކަން ބޮޑު އެމެރިކާ އާއި ޗައިނާގެ އެންމެ އިސް ވެރިން، މާދަމާ އިންޑޮނީޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހުރިހާ ކަމެއްގައިވެސް ވާދަވެރިކަން ބޮޑު އެމެރިކާ އާއި ޗައިނާގެ އެންމެ އިސް ވެރިން، މާދަމާ އިންޑޮނީޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބާލީގައި ބައްދަލުކުރައްވާނީ، މި މަހުގެ 15-16 ބާލީގައި އޮންނަ، ތަރައްގީވެފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގަ އެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަގާމާ ބައިޑެން ހަވާލުވެވަޑައިގެން ފަހު، ޗައިނާގެ ރައީސްއާ އެކުގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް ބައިޑެން އާއި ރައީސް ޝީ މި ބައްދަލުކުރައްވަނީ، ތައިވާންގެ މައްސަލަ އާއި ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އިތުރުވެ، ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދުވަސްވަރެއްގަ އެވެ. އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރީން ޖޭން-ޕިއާ ވިދާޅުވި ގޮތުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ، ދެ ގައުމުގެ ދެމެދުގައި ކުރަމުން އަންނަ މުވާސަލާތު އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމާ ބެހޭ ގޮތުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން (ވ) އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް
އޭގެ އިތުރުން ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަންކަމާ ބެހޭ ގޮތުންނާއި ބައިނަލްއަގުވާމީ މުޖްތަމައުގެ ތެރެއިން ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ރައީސް ޝީއާ އެކުގައި ބާއްވާ ބައްދަލުވުމުން މާ ބޮޑު ކަމެއް ހާސިލުކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އަދި ދެ ބޭފުޅުން ބައްދަލުކުރެއްވި ނަމަވެސް، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލައިގެންދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.
ދެ ގައުމުގެ މެދުގައި އެންމެ ބޮޑު ޚިޔާލު ތަފާތުވުމެއް އޮތީ ތައިވާންގެ މައްސަލައިގަ އެވެ. ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާ އިން ބަލާއިރު، އެމެރިކާގެ ތާއީދު އޮތީ، މިނިވަން ދައުލަތަކަށްވުމަށް ތައިވާނުން ކުރަމުންދާ މަސައްކަތަށެވެ. އެހެން ނަމަވެސް، ތިމާވެށީގެ މައްސަލަތަކާއި އުތުރު ކޮރެއާގެ މައްސަލައިގައި ޗައިނާގެ ފަރާތުން އީޖާބީ ރައްދެއް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާގެ އޮފިޝަލުން ދެކެ އެވެ.
އޮގަސްޓް 18، 2011؛ އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ފަރާތުން އެ ގައުމުގެ ނައިބު ރައީސް ޝީ ޖިންޕިންގް، ބައިޑެން އަށް މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
"ދެ ލީޑަރުން އެއް މޭޒު ދޮށުގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިޔަސް، ދެ ގައުމުގެ ދެމެދުގައި ހުރި ދެބަސްވުންތައް ހައްލުކުރެވޭނެ ކަމަށް އެއްގޮތަކަށް ވެސް ނުދެކެން. ނަމަވެސް، މިފަދަ ފިޔަވަޅެއް އެޅުމަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް، އަހަރެން ދެކެން،" ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް މައްސަލަ ގޯސްވީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ތައިވާނަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެންނެވެ. ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް، ނެންސީ، ތައިވާނަށް ވަޑައިގަތުމާ ގުޅިގެން، ޗައިނާ އިން ވަނީ އެމެރިކާއާ އެކުގައި ކުރަމުން އައި ރަސްމީ މުވާސަލާތުތައް ހުއްޓާލައިފަ އެވެ.
އެ ގުޅުންތައް ކަނޑައިލުމާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރައީސް ޝީގެ ބައްދަލުކުރެއްވުމަށް އިންތިޒާމުކުރުމަށް، އެމެރިކާ ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފި އެވެ. އެ މަސައްކަތުގެ ތެރެއިން އެމެރިކާގެ އޮފިޝަލުން އެންމެ ބޮޑަށް ބާރު އެޅީ، ދެ ގައުމުގެ ދެމެދުގައި ރަސްމީ މުއާމަލާތުތައް އަލުން ފެށުމަށެވެ.
ރައީސް ބައިޑެން އާއި ރައީސް ޝީއަކީ މީގެ ކުރިން ވެސް އެކުގައި ދަތުރުކުރައްވައި ވަރަށް ގާތްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ މެދުގައި އެ ގުޅުންތައް އޮތީ ދެ ބޭފުޅުންގެ އެ ބޭފުޅުންގެ ގައުމުގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބެވި ދުވަސްވަރު އެވެ.
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ
"ވާދަވެރިކަން އޮންނަންވީ ހަމަނުޖެހުން ނުއުފެދޭ ގޮތަށް"
ބައިޑަން އާއި ޝީ މިއަދު މަޝްވަރާކުރައްވާނެ
އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް
ކޮރެއާއާއެކު ސުލްހަޔަށް މަސައްކަތްކުރަން ބޭނުން: ޗައިނާ
ގިނަ އުންމީދުތަކަކާ އެކު ޖީ20ގެ މަހާސިންތާ ފަށައިފި
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި