Roadha Mihaaru
އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ

ޗައިނާއަށް ގޮންޖަހައި، އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ

06 އެޕްރީލް 2023

މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ތައިވާންގެ ރައީސް ސައި އިންގް-ވެންއާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީ ބައްދަލު ނުކުރެއްވުމަށް ޗައިނާ އިން އިންޒާރު ކޮށްފައި ވަނިކޮށް، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ތައިވާންގެ ރައީސް ސައި އިންގް-ވެންއާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީ ބައްދަލު ނުކުރެއްވުމަށް ޗައިނާ އިން އިންޒާރު ކޮށްފައި ވަނިކޮށް، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރައްވައިފި އެވެ.

މެކާތީއަކީ، 1979 ވަނަ އަހަރަށް ފަހު އެމެރިކާގައި ތައިވާންގެ ލީޑަރަކާ މިހާތަނަށް ބައްދަލުކުރެއްވި، އެމެރިކާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅާ އެވެ. މެކާތީއަކީ އެމެރިކާގެ ވެރިންގެ ލިސްޓަށް ބަލާއިރު، ރައީސާއި ނައިބު ރައީސަށް ފަހު އެ ގައުމުގެ ތިން ވަނަ ވެރިޔާ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެންބަރުންނާއި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ވެސް މިއަދު ވަނީ، ތައިވާންގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މެކާތީ ވިދާޅުވީ ތައިވާންގެ ރައީސް ސައި އިންގް-ވެން އަކީ އެމެރިކާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޭޝިޔާ ގައި އިގްތިސާދީ މިނިވަންކަމާއި ޑިމޮކްރެސީ އާއި ސުލްހަޔާއި ހަމަޖެހުން ކުރިއެރުވުމުގައި އެމެރިކާގެ ރައްޔިތުންނާއި ތައިވާންގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް، ދެ ގައުމު ގުޅިގެން ހޯދާނެ ކަމަށެވެ.

އޭނާގެ އެ ތައުރީފުކުރެއްވުމަށް ޖަވާބު ދެއްވަމުން ތައިވާންގެ ރައީސް ސައި އިންގް-ވެން ވިދާޅުވީ އެމެރިކާ އިން ކުރާ ތާއީދުން ތައިވާނަށް އަބަދުވެސް ހިތްވަރު ލިބޭ ކަމަށެވެ.

"އެމީހުން އަހަރެމެންނާ އެކުގައި ތިބުމުގެ އިތުރުން، ހިފެހެއްޓުމެއް ނެތި ތައިވާނަށް އެކުރާ ތާއީދުގެ ސަބަބުން، އަހަރެމެން މިތިބީ އެކަހެރިވެފައި ނޫން ކަމާއި އަހަރެމެން މި ތިބީ އެކަނި ނޫން ކަމުގެ ޔަގީންކަން އިތުރަށް އެބަ ލިބޭ،" ތައިވާންގެ ރައީސް ސައި އިންގް-ވެން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

މީގެ 73 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.