Roadha Mihaaru
އިތިއޮޕިޔާގައި އަހުލީ ހަނގުރާމައެއް ފެށިދާނެ

އިތިއޮޕިޔާގައި ވަރަށް އަވަހަށް އަހުލީ ހަނގުރާމައެއް ފެށިދާނެ

09 ނޮވެމްބަރ 2021

ސިޔާސީ އަދި އިގްތިސާދީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައި މިހާރު އޮތް އިތިއޮޕިޔާގައި، ވަރަށް އަވަހަށް އަހުލީ ހަނގުރާމައެއް ފެށިދާނެ ކަމަށް، އެފްރިކާގެ އިއްތިހާދުންނާއި އދ. މަޖިލީހުން އިންޒާރުކޮށްފި އެވެ.

ސިޔާސީ އަދި އިގްތިސާދީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގައި މިހާރު އޮތް އިތިއޮޕިޔާގައި، ވަރަށް އަވަހަށް އަހުލީ ހަނގުރާމައެއް ފެށިދާނެ ކަމަށް، އެފްރިކާގެ އިއްތިހާދުންނާއި އދ. މަޖިލީހުން އިންޒާރުކޮށްފި އެވެ.

އޭގެ އިތުރުން، އެފްރިކާ އިއްތިހާދާއި އެމެރިކާ އިން ބުނާ ގޮތުގައި، އިތިއޮޕިޔާގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމިގެން ދިއުމަށް މިހާރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އަދި މިހާރުން މިހާރަށް ހަނގުރާމަ ނުހުއްޓައިފި ނަމަ، ދިގު ދެމިގެންދާ އަހުލީ ހަނގުރާމައެއްގެ ތެރެއަށް އެ ގައުމު ވެއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

އެފްރިކާ އިއްތިހާދުގެ މަންދޫބު އަދި ނައިޖީރިޔާގެ ކުރީގެ ރައީސް އޮލެސެގޯން އޮބަސަންޖޯ އާއި އދ.ގެ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ ރޯޒްމޭރީ ޑިކާރްލޯ ވިދާޅުވީ، އިތިއޮޕިޔާގެ މިހާރުގެ ހާލަތު އޮތް ގޮތް، ވަރަށް ތަފްސީލުކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

ނައިޖީރިޔާގައި ހުންނަވައި އޮބަސަންޖޯ ވިދާޅުވީ އިންސާނީ އެހީތެރިކަމުގެ ސާމާނު އިތިއޮޕިޔާ އަށް ފޮނުވުމާއި، އެހީތެރިކަމުގެ ސާމާނު ފޮނުވަންޖެހޭ ސަރަހައްދުތަކުން ސިފައިންނާއި ހަނގުރާމަވެރިން ބޭލުމުގެ ވަގުތު ތާވަލަކާ މެދު، މި ހަފުތާ ނިމުމުގެ ކުރިން އެއްބަސްވެވޭނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށެވެ.

"ވެރިރަށް އެޑިސް އަބާބާގައި އޮތް ސަރުކާރާއި، އުތުރުގައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިން ވެސް އެބަ އެއްބަސްވޭ، ދެ ފަރާތުގެ މެދުގައި ޖެހިގެން މި އުޅެނީ ސިޔާސީ މައްސަލައެއް ކަމަށް. އެހެންކަމުން ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ވެސް މިހާރު ބޭނުންވޭ،" އޮބަސަންޖޯ ވިދާޅުވި އެވެ.

އިތިއޮޕިޔާގެ ހާލަތު ވަޒަން ކުރެއްވުމަށް ފަހު، ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި، ބުނެފައި ވަނީ އިތިއޮޕިއާގައި މިހާރު ހިނގަމުންދާ ދާހިލީ ހަމަނުޖެހުން ހުއްޓުވުމަށް އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށާއި، އެކަމަށް އޮތް ވަގުތުކޮޅު ވެސް ވަރަށް ކުޑަ ކަމަށެވެ. އެހެންކަމުން މިހަނި ފުރުސަތުގެ ބޭނުން ހިފައި، ހަނގުރާމަ ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައިވެ އެވެ.

އދ.ގެ އިން ބުނާ ގޮތުގައި އިތިއޮޕިއާގެ އުތުރުގައި އޮންނަ ޓިގްރޭ ސަރަހައްދުގައި ހަނގުރާމަ ފެށުނުތާ އަހަރުވެގެން ދިޔަ އިރު، އެ ސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 400،000 މީހުން މިހާރު ތިބީ ބަނޑަށް ޖެހިފައިވާ ފަދަ ހާލަތެއްގަ އެވެ.

ހުސްވި 2020 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ޓިގްރޭ ސަރަހައްދުގައި ހަނގުރާމަ ފެށުނީ، އެ ސަރަހައްދުގައި ހުންނަ އިތިއޮޕިޔާގެ ގައުމީ ދިފާއީ ބާރު (ސިފައިން)ގެ މައި މަރުކަޒު، ޓިގްރޭގެ ހަނގުރާމަވެރިންގެ ލަޝްކަރުން ހިފުމާ ގުޅިގެންނެވެ. މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެ ސަރަހައްދު ދޫކޮށް ދެ މިލިއަނެއްހާ މީހުން އެހެން ސަރަހައްދުތަކަށް ހިޖްރަކޮށްފި އެވެ.