Roadha Mihaaru
ޔަމަނުގައި ހަނގުރާމަ ވަރުގަދަވެ ގެއްލުންތައް ބޮޑުވަނީ

ޔަމަނުގައި ހަނގުރާމަ ވަރުގަދަވެ ގެއްލުންތައް ބޮޑުވަނީ

13 ޑިސެމްބަރ 2021

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންނާ ދެމެދު ކުރަމުންދާ ދާހިލީ ހަނގުރާމައިގައި، އިއްޔެ ދެ ފަރާތުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި ކަމަށް ދެ ފަރާތުން ވެސް ބުނެފި އެވެ.

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންނާ ދެމެދު ކުރަމުންދާ ދާހިލީ ހަނގުރާމައިގައި، އިއްޔެ ދެ ފަރާތުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި ކަމަށް ދެ ފަރާތުން ވެސް ބުނެފި އެވެ.

ސަރުކާރު ސިފައިން ބުނި ގޮތުގައި އިއްޔެގެ ހަމަލާތައް އެންމެ ވަރުގަދަ ވެގެން ދިޔައީ، މައުރަބް ޕްރޮވިންސްގެ ހުޅަނގާއި ދެކުނު ސަރަހައްދުގަ އެވެ. ޔަމަންގެ ދާހިލީ ހަނގުރާމައިގައި ޔަމަން ސަރުކާރަށް ވާގިވެރިވުމަށް ސައޫދީން އިސްވެ އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރުން ބުނި ގޮތުގައި އިއްޔެގެ ހަނގުރާމައިގައި ހޫތީންގެ 215 ހަނގުރާމަވެރިން މަރައިލެވުނެވެ.

ޔަމަން ސަރުކާރުގެ ސިފައިންނަށް، ސައޫދީ އަރަބިއްޔާ އާއި ގުޅިފައިވާ ލަޝްކަރުން އެހީތެރިކަން ފޯރުކޮށްދޭ އިރު، ހޫތީ ހަނގުރާމަވެރިންނަށް މަދަދު ފޯރުކޮށްދެނީ އީރާނުންނެވެ.

ގުޅިފައިވާ ލަޝްކަރުން އިއްޔެ ވަރުގަދަ އަށް ހަމަލާ ދިނީ ވައިގެ މަގުންނެވެ. އިއްޔެގެ ހަނގުރާމައިގައި، ގުޅިފައިވާ ލަޝްކަރުގެ ހަމަލާތައް އަމާޒުކުރީ މައުރަބުގެ ދެކުނުގައިވާ ހޫތީންގެ ހަތިޔާރު ގުދަންތަކާއި އަސްކަރީ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅިގެން ހޫތީ ހަނގުރާމަވެރިން ވަނީ މައުރަބުގެ ދެކުނުން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައި ކަމަށް، ގުޅިފައިވާ ލަޝްކަރުން ބުނެ އެވެ.

ގުޅިފައިވާ ލަޝްކަރުން ބުނި ގޮތުގައި އެ ލަޝްކަރުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހޫތީންގެ އަމާޒުތަކަށް 35 ފަހަރެއްގެ މަތިން ހަމަލާ ދީފައިވާނެ އެވެ. އެ ހަމަލާތަކުގައި ހޫތީންގެ އަސްކަރީ ބަރުހަތިޔާރުގެ ތެރެއިން 21 ހަތިޔާރެއް ސުންނާފަތިކޮށްލާފައިވާނެ ކަމަށް ވެސް އެ ލަޝްކަރުން ބުނެ އެވެ.

އޭގެ އިތުރުން، ސަރުކާރު ސިފައިންނަށް މަދަދު ދޭ ހަނގުރާމަވެރިންގެ ޖަމާއަތަކަށް ހޫތީން ދޭން އުޅުނު ހަމަލާތަކަކަށް ހުރަސްއަޅައި، ހޫތީންގެ 15 ހަނގުރާމަވެރިއަކު މަރައިލި ކަމަށް ވެސް ގުޅިފައިވާ ލަޝްކަރުން ބުނެ އެވެ.

ޔަމަންގެ މައުރަބް ޕްރޮވިންސްގެ މައްޗަށް ބާރު ފޯރުވަން ހޫތީން ހަމަލާތައް ދޭން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މައުރަބަކީ، ސަރުކާރުގެ ބާރު އެންމެ ބޮޑަށް މިހާރު އޮތް ސަރަހައްދެވެ. ރައީސް އޮފީހާއި ދިފާއީ ވުޒާރާގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތައް ވެސް ހުންނަނީ އެ ސަރަހައްދުގަ އެވެ.

އޭގެ އިތުރުން މައުރަބަކީ ތެލުގެ މުއްސަނދިކަމާއި ގޭހުގެ މުއްސަނދިކަން ވަރަށް ބޮޑު ސަރަހައްދެކެވެ. ޔަމަންގެ ދާހިލީ ހަނގުރާމަ ފެށުމުގެ ކުރިން ޔަމަންގެ ގިނަ ޕްރޮވިންސްތަކަށް ކަރަންޓުގެ ހިދުމަތް ދެނީ ވެސް، މައުރަބުގައި ހުންނަ އިންޖީނުގެއިންނެވެ.