Roadha Mihaaru
ހަމަނުޖެހުން ބޮޑުވެ ކަޒަކިސްތާނުން ރަޝިޔާގެ އެހީ ހޯދަނީ

ހަމަނުޖެހުން ބޮޑުވެ ކަޒަކިސްތާނުން ރަޝިޔާގެ އެހީއަށް އެދިއްޖެ

06 ޖެނުއަރީ 2022

ކަޒަކިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ، ރައްޔިތުން މައިތިރިކުރުމުގައި ސަރުކާރު ގޮތް ހުސްވުމުން ރަޝިޔާގެ އެހީއަށް ކަޒަކިސްތާނުން އެދިއްޖެ އެވެ.

ކަޒަކިސްތާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ، ރައްޔިތުން މައިތިރިކުރުމުގައި ސަރުކާރު ގޮތް ހުސްވުމުން ރަޝިޔާގެ އެހީއަށް ކަޒަކިސްތާނުން އެދިއްޖެ އެވެ.

ކަޒަކިސްތާނު ސަރުކާރުން ބުނި ގޮތުގައި ގައުމުގެ ސަލާމަތީ ކަންތައް ބަލަހައްޓައި އަމަން ގާއިމުކުރުމުގައި ސަރުކާރު ސިފައިންނަށް އެހީވުމަށް ރަޝިޔާ ސިފައިން ވަރަށް އަވަހަށް އަންނާނެ އެވެ. މުޅި ގައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ދާހިލީ ހަމަޖެހުން ގެއްލިފައިވާ އިރު، ރަޝިޔާ އިސް އުފައްދާފައި އޮންނަ، ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) ގައި ހިމެނޭ ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގެ ސިފައިން ކަޒަކިސްތާނަށް މިއަދުގެ ވަގުތެއްގައި ދާނެ ކަމަށް ބެލެވެ އެވެ.

ސީއެސްޓީއޯގައި ހިމެނެނީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ބައެއް ގައުމުތަކެވެ. މިހާރު އެ ޖަމާއަތުގެ މެމްބަރު ގައުމުތަކަކީ، އަރްމީނިއާ، ބެލަރޫސް، ކަޒަކިސްތާން، ކިރްގިޒިސްތާން، ރަޝިޔާ އަދި ތަޖިކިސްތާނެވެ.

ސަރުކާރާ ދެކޮޅަށް، ކަޒަކިސްތާނުގެ އާންމު ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށީ، ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުން ސިޔާސީ އެހެން ފަރާތްތަކުން މުޒާހަރާގައި ބައިވެރިވެ، ސިޔާސީ އެއްވުންތަކަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

ކަޒަކިސްތާނުގެ ރައީސް ގާސިމް ޖޮމާޓް ޓޮކަޔޭފް ވިދާޅުވި ގޮތުގައި އެ ގައުމުގައި ހަމަނުޖެހުންތައް ހިންގަނީ ބޭރުން ތަމްރީން ހޯދާފައިވާ ޓެރަރިސްޓް ގޭންގަކުންނެވެ. މުޒާހަރާތައް ވަރުގަދަވެ މުޅި ގައުމަށް ފެތުރުމާ ގުޅިގެން، ރައީސް ގާސިމް މިހާރު ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ރޭގަނޑުގެ ވަގުތުގައި ބޭރަށް ނުކުމެ އުޅުން މުޅިން މަނާވާނެ އެވެ. އަދި ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުން ވެސް މަނާވާނެ އެވެ. އޭގެ އިތުރުން މުޒާހަރާތައް ރޫޅައިލުމަށް ބާރުގެ ބޭނުންކޮށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސިފައިންނާއި ފުލުހުންނަށް ފުރުސަތު ލިބޭނެ އެވެ.

ސީއެސްޓީއޯގެ މި ދައުރުގެ ރައީސް އަދި އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަން އިއްޔެ ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ ލަޝްކަރެއް ތަޖިކިސްތާނަށް ފޮނުވާނީ ވަކި މުއްދަތަކަށް އެ ގައުމުގައި ދެމިތިބޭ ގޮތަށެވެ. އެއީ ހަނގުރާމަ އަށް ފޮނުވާ ލަޝްކަރެއް ނޫން ކަމަށާއި، އެއީ ކަޒަކިސްތާނުގައި ސުލްހަ ބަލަހައްޓާ ލަޝްކަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ގާސިމަކީ، ކުރީގެ ސޮވިއެޓް ޔޫނިއަން އިން ވަކިވެ 1991 ވަނަ އަހަރު މިނިވަންކަން އިއުލާންކުރި ފަހުން، ކަޒަކިސްތާނުގައި ވެރިކަން ކުރައްވާ ދެ ވަނަ ރައީސެވެ. އޭނާ ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް، ވެރިކަމުގެ ކަންކަމުގައި ނުފޫޒު އޮންނަނީ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި، އެ ގައުމުގެ ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރްބަޔޭވް ކަމަށް ސިޔާސީ ފަރާތްތަކުން ބުނެ އެވެ.

މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ވެސް، ރައީސް ގާސިމަށް ރައްދުކުރާ ފާޑުކިޔުންތަކަށް ވުރެ، ސަލާމަތީ ކަންކަމާ ބެހޭ މަޖިލީހުގެ ރައީސަށް ރައްދުކުރާ ފާޑުކިޔުންތައް މާ ގިނަ އެވެ. އެހެންކަމުން، ރައީސް ގާސިމް އިއްޔެ ނެރުއްވި ރިއާސީ ގަރާރަކުން، ނޫރުސުލްތާން ނަޒަރްބަޔޭވް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން އިއްޔެ ވެސް ވަނީ ސަރުކާރުގެ އިމާރާތްތަކަށާއި އާންމުންގެ ފިހާރަތައް ފަދަ ތަންތަނަށް ގެއްލުންދީފަ އެވެ. ކަޒަކިސްތާނުގެ އެންމެ ބޮޑު ވައިގެ ބަނދަރުގައި ތިބި މުވައްޒަފުން ވެސް އިއްޔެ ވަނީ، މުޒާހަރާގެ ބައިވެރިން ވައިގެ ބަނދަރު ސަރަހައްދަށް ވަންނަން ފެށުމާ ގުޅިގެން، ވައިގެ ބަނދަރު ދޫކޮށް ފިލައިފަ އެވެ.

ކަޒަކިސްތާނުގެ އެންމެ ބޮޑު ސަހަރު ކަމަށްވާ އަލްމަޓީގެ މޭޔަރުގެ އޮފީހަށް ވެސް، މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ގެއްލުންދީ ހުޅު ޖަހައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހަރުކަށި އިސްލާމީ ފިކުރުގެ މީހުންނާއި ހައްދުފަހަނައެޅި ގޭންގުތަކުގެ މީހުން އިއްޔެ ވެސް އާންމުންގެ 500 އަށް ވުރެ ގިނަ މީހުންނަށް ހަމަލާ ދިނެވެ. އަދި އެތައް ބައިވަރު ވިޔަފާރިތަކަށް ވެސް ގެއްލުން ދިނެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަޒަކިސްތާނުގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގައި، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ތިބި ސިފައިންނާއި ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. ރަޝިޔާގެ އެހީތެރިކަމަށް ކަޒަކިސްތާނު ސަރުކާރުން އެދުނީ، އެ ސަބަބާ ހުރެ އެވެ.