Roadha Mihaaru
އިތިއޮޕިއާގައި އދ.ގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި

އިތިއޮޕިއާގައި އދ.ގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި

11 ނޮވެމްބަރ 2021

އިތިއޮޕިއާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އައި، އދ.ގެ މުވައްޒަފުންތަކެއް އެ ގައުމުގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް، އެ ޖަމިއްޔާ އިން ބުނެފި އެވެ.

އިތިއޮޕިއާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އައި، އދ.ގެ މުވައްޒަފުންތަކެއް އެ ގައުމުގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް، އެ ޖަމިއްޔާ އިން ބުނެފި އެވެ.

އިތިއޮޕިއާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި، ދުނިޔޭގެ ކާނާއާ ބެހޭ ޖަމިއްޔާ، ވޯލްޑް ފުޑް ޕްރޮގްރާމްގެ އެއްގަމު އުޅަނދުތައް ދުއްވާ 72 ޑްރައިވަރަކު ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. މި 72 ޑްރައިވަރުން ހައްޔަރުކޮށްފައި މިވަނީ، ވެރިރަށް އެޑިސްއަބާބާގައި އދ.ގެ 22 މުވައްޒަފަކު ހައްޔަރުކުރިކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވަނިކޮށެވެ.

އދ.ގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިތިއޮޕިއާ ސަރުކާރުން ޑްރައިވަރުންތައް ހައްޔަރުކުރީ އަފާރް ޕްރޮވިންސްގެ ވެރިރަށް ސެމެރާ އިންނެވެ. އެއީ ހަނގުރާމަ ހިނގަމުންދާ ޓިގްރޭ ސަރަހައްދަށް ދެވެން މިހާރު އޮތް ހަމައެކަނި މަގު އޮންނަ ސަރަހައްދެވެ. އދ.ގެ ކާނާއާ ބެހޭ ޖަމިއްޔާ އިން ބުނާ ގޮތުގައި، ޓިގްރޭ ސަރަހައްދުގައި ދިރިއުޅޭ އާންމުން މިހާރު ތިބީ ބަނޑަށް ޖެހިފައި ތިބި ފަދަ ހާލަތެއްގަ އެވެ.

ސެމެރާ އިން ހައްޔަރުކުރި 72 ޑްރައިވަރުންނަކީ، ދުނިޔޭގެ ކާނާއާ ބެހޭ ޖަމިއްޔާއާ އެކުގައި އެއްބަސްވުން ހަދައިގެން ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ، އިތިއޮޕިއާ ރައްޔިތުންނެވެ. އދ.ގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެމީހުން ހައްޔަރުކުރި ސަބަބެއް އޮޅުންފިލުވުމަށް، އިތިއޮޕިއާ ސަރުކާރާ އެކުގައި މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.

ޓިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިންނާއި އެމީހުންނާ ގުޅިފައިވާ އޮރޯމޯ ލިބަރޭޝަން އާމީގެ ހަނގުރާމަވެރިން، ވެރިރަށް އެޑިސްއަބާބާއަށް އަރައިފާނެ ކަމުގެ ބިރު އުފެދިފައިވާތީ، އިތިއޮޕިއާ ސަރުކާރުން މިހާރު ވަނީ، ހަ މަސްދުވަހުގެ މުއްދަތަށް މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.

ގާނޫނީ ވަކީލުން ބުނާ ގޮތުގައި ހަމައެއް ލަމައެއް ނެތި، ޓިގްރޭ ސަރަހައްދަށް ނިސްބަތްވާ މީހުން ހައްޔަރުކުރުމުގެ ހަރަކާތެއް ސަރުކާރު ސިފައިން ފަށާފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. ސަރުކާރުން ޓިގްރޭ ސަރަހައްދުގެ މީހުން ހައްޔަރު ކުރަމުން ދަނީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތުގަ އެވެ.

މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި، ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ސިފައިންނަށް ލިބިދެ އެވެ. ތަންފީޒީ އިދާރާތަކުން ބުނާ ގޮތުގައި މީހުން ހުއްޓުވައި ފާސްކުރުމަށް ފަހު، ޝައްކުކުރެވޭ މީހުން ހައްޔަރުކުރަނީ، ޓިގްރޭ ސަރަހައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތް ނައްތައިލުމުގެ ގޮތުންނެވެ.

ޓިގްރޭގައި އަމިއްލަ ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ، ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރޮންޓް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިތިއޮޕިއާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.