Roadha Mihaaru
އިތިއޮޕިއާ ސިފައިން މުހިންމު ދެ ސަރަހައްދެއް ހިފައިފި

އިތިއޮޕިއާ ސިފައިން މުހިންމު ދެ ސަރަހައްދެއް ހިފައިފި

07 ޑިސެމްބަރ 2021

އިތިއޮޕިއާގެ އުތުރު ކޮޅުގައި އޮންނަ ޓިގްރޭ ކިޔާ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މުހިންމު ދެ ސަރަހައްދެއް، އަލުން ހިފައިފި ކަމަށް، އިތިއޮޕިއާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އިތިއޮޕިއާގެ އުތުރު ކޮޅުގައި އޮންނަ ޓިގްރޭ ކިޔާ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މުހިންމު ދެ ސަރަހައްދެއް، އަލުން ހިފައިފި ކަމަށް، އިތިއޮޕިއާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އަސްކަރިއްޔާ އިން ބުނި ގޮތުގައި މިދިޔަ ދެތިން ދުވަހު ކުރި ހަނގުރާމައިގައި، ސަރުކާރު ސިފައިން އަލުން ހިފާފައިވަނީ، މީގެ މަހެއްހާ ދުވަސް ކުރިން ޓިގްރޭގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ ޑޭސީ ސަހަރާއި ކޮމްބޮލްޗާ ސަހަރެވެ. މިއީ ވެރިރަށް އެޑިސްއަބާބާގެ އުތުރުން އޮންނަ އަމްހަރާ ސަރަހައްދުގެ ދެ ސަހަރެވެ.

އިތިއޮޕިއާ ސަރުކާރުން ބުނި ގޮތުގައި ތާރީހީ ސަހަރެއްގެ ގޮތުގައި މަޝްހޫރު ޑޭސީ އާއި ވިޔަފާރި އާއި ސިނާއަތްތެރިކަމުގައި މަޝްހޫރު ސަހަރެއް ކަމަށްވާ ކޮމްބޮލްޗާ މިނިވަން ކުރެވުމަކީ، ޓިގްރޭ ހަނގުރާމަވެރިން ބަލިކުރުމަށް ސަރުކާރު ސިފައިން ކުރަމުން އަންނަ ހަނގުރާމައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ޓިގްރޭ ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ކުރި ހޯދަން ފަށާފައި މިވަނީ، ބޮޑުވަޒީރު އާބީ އަހްމަދު، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަނގުރާމައިގެ އެންމެ ކުރީ ސަފަށް ނުކުމެވަޑައިގެން، ސަރުކާރު ސިފައިންނާ އެކު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ފަހުންނެވެ. ބޮޑުވަޒީރު ހަނގުރާމައިގެ ކުރީ ސަފަށް ނުކުމެވަޑައިގަތީ، ޓިގްރޭގެ ހަނގުރާމަވެރިން، ވެރިރަށް އެޑިސް އަބާބާއާ ކައިރި ސަރަހައްދުތަކުގައި ބާރުގަދަ ކުރަން ފެށުމާ ގުޅިގެން، ސަރުކާރު ސިފައިންނަށް އިތުރު ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

ސިފައިންނާ އެކު ހަނގުރާމައިގެ މައިދާނުގައި ހުންނެވި ބޮޑުވަޒީރު އާބީ އަހްމަދާ ހަވާލާދެއްވައި، އިތިއޮޕިއާ ސަރުކާރުގެ ޓީވީން ބުނި ގޮތުގައި، މިދިޔަ ދެތިން ދުވަހުގެ ތެރޭގައި، ޓިގްރޭގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދެވިއްޖެ އެވެ. ދުޝްމަނުންނަށް އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށާއި، ސަރުކާރު ސިފައިންނަށް ލިބެމުންދާ ކާމިޔާބީ އެ ގޮތުގައި ދެމެހެއްޓޭނެ ކަމަށް ވެސް ޓީވީން ބުންޏެވެ.

"މިދިޔަ ފަސް މަސް ތެރޭގައި ޓިގްރޭގެ ހަނގުރާމަވެރިން ހިފާފައިވާ ހުރިހާ ސަރަހައްދެއް، ސަރުކާރު ސިފައިން އަލުން ހިފާފައި މިވަނީ އެންމެ 15 ދުވަހުގެ ތެރޭގައި. އެއީ މަގުފޭރޭ ޓެރަރިސްޓް ޖަމާއަތެއް. އެ ޖަމާއަތުގެ ބާރު ކަނޑުވައިލެވެންދެން މި ހަނގުރާމަ ކުރިއަށް ދާނެ،" ބޮޑުވަޒީރު އާބީ އަހްމަދު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޓިގްރޭ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިޔަ އެންމެ މުހިންމު ސަރަހައްދު ކަމަށްވާ، ލަލިބޭލާ ވެސް މިހާރު ވަނީ މިނިވަންކުރެވިފަ އެވެ. ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ބަޔަކު ލަލިބޭލާ މިނިވަންކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ސަރަހައްދެކެވެ.