Roadha Mihaaru

އިންޑިއާގައި ފައިޓަ ޖެޓް އިންޖީން އުފައްދަން ފަށަނީ

އިންޑިއާގައި ފްރާންސް ކުންފުންޏަކާ ގުޅިގެން ފައިޓަ ޖެޓް އިންޖީން އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ފައިޓަ ޖެޓް އިންޖީން އުފައްދަން ފަށަނީ

އިންޑިއާގައި ފްރާންސް ކުންފުންޏަކާ ގުޅިގެން ފައިޓަ ޖެޓް އިންޖީން އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު ސިންގް މިދިޔަ މެއި މަހު ވަނީ ފަސް ވަނަ ޖެނެރޭޝަންގެ އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއާކްރާފްޓް (އޭއެމްސީއޭ) ގެ ޕްރޮޓޯޓައިޕް އުފެއްދުމުގެ ހުއްދަ ދެއްވިކަން ހާމަކުރައްވައި، އެއީ އިންޑިއާގެ ދިފާއީ ގާބިލްކަން ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސިފަކުރައްވައިފަ އެވެ.

ހުކުރު ދުވަހު ނިއު ދިއްލީގައި އޮތް ކޮންފަރެންސެއްގައި މިކަމުގެ ބައެއް ތަފްސީލް ދެއްވަމުން ސިންގް ވިދާޅުވީ އެ މަސައްކަތް ކުރަނީ ފްރާންސްގެ ކުންފުންޏަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އެއާކްފާރްޓް އިންޖީން ސީދާ އިންޑިއާގައި އުފެއްދުމުގެ މަސައްކަތުގައި ކުރިއަށް،" އިންޑިއާގެ މީޑިއާތަކުން ސިންގްއާ ހަވާލާދީ ބުނެފައިވެ އެވެ.

"އިންޖީން އުފެއްދުމަށް ބައިވެރިވަނީ ފްރާންސްގެ ކުންފުންޏެއް."

އެއީ ކޮން ކުންފުންޏެއްކަން ސިންގް ހާމަ ނުކުރެއްވި ނަމަވެސް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ އިންޑިއާގެ އޭވިއޭޝަން އަދި ޑިފެންސް އިންޑަސްޓްރީގެ އެކި ކަންކަމުގައި ބައިވެރިވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ފްރާންސް ކުންފުންޏެއް ކަމަށްވާ "ސަފްރަން" އެވެ. ނަމަވެސް އެކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށެއް ނުދެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއިން، ފާއިތުވި އަހަރުތަކުގައި ވަނީ ހުޅަނގުގެ ގައުމުތަކާ އެކު ދިފާއީ ގުޅުން ބަދަހިކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއާޑް އެލަޔަންސް ހިމެނެ އެވެ.

އިންޑިއާއިން މިދިޔަ އޭޕްރީލް މަހު ވަނީ ފްރާންސްގެ ޑަސޯލްޓް އޭވިއޭޝަނުން ރަފޭލް މަރުކާގެ 26 ފައިޓަ ޖެޓް ގަތުމަށް އެތައް ބިލިއަން ޑޮލަރެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ އިންޑިއާގައި މިހާރު ގެންގުޅޭ ރަޝިޔާގެ މިގް-29ކޭ މަރުކާގެ ފައިޓަ ޖެޓްތައް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިހާރުވެސް އިންޑިއާގައި ރަފޭލް މަރުކާގެ 36 ޖެޓް އޮވެ އެވެ.

ސިންގް ވަނީ އަމިއްލަ ހަތިޔާރު އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން 2033 ވަނަ އަހަރުގެ ނިޔަލަށް ޑޮމެސްޓިކް މިލިޓަރީ ހާޑްވެއާގެ މަދުވެގެން 100 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. -- އޭއެފްޕީ