Roadha Mihaaru
ޔުވެންޓަސް ޔޫރަޕުން ބޭރުކޮށް ޗެލްސީ ޖޫރިމަނާ ކޮށްފި

ޔުވެންޓަސް ޔޫރަޕުން ބޭރުކޮށް ޗެލްސީ ޖޫރިމަނާ ކޮށްފި

29 ޖުލައި 2023

ނިޔޯން، ސްވިޒަލެންޑް (ޖުލައި 29) - ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) އާއި ހިލާފުވެގެން ޔޫރަޕްގެ މަޝްހޫރު ދެ ކްލަބް ކަމަށްވާ އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ކްލަބް ޗެލްސީ އަށް ޔޫއެފާ އިން އަދަބުދީފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ނިޔޯން، ސްވިޒަލެންޑް (ޖުލައި 29) - ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) އާއި ހިލާފުވެގެން ޔޫރަޕްގެ މަޝްހޫރު ދެ ކްލަބް ކަމަށްވާ އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ކްލަބް ޗެލްސީ އަށް ޔޫއެފާ އިން އަދަބުދީފި އެވެ.

ޔުވެންޓަސް އަށް ދިން އަދަބަކީ އަންނަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގުން އެޓީމު ބޭރުކޮށް ޖޫރިމަނާ ކުރުމެވެ. މައްސަލަ ބެލުމަށް ފަހު ޗެލްސީ ކުރީ ޖޫރިމަނާ އެވެ.

ޗެލްސީ ޖޫރިމަނާ ކުރީ ފުރިހަމަ ނުވާ މާލީ ލިޔެކިއުން ހުށަހެޅުމުންނެވެ. ޗެލްސީގެ ޖޫރިމަނާ އަދަދަކީ 11 މިލިއަން ޑޮލަރެވެ. ޔުވެންޓަސް ޖޫރިމަނާ ކުރީ 21 މިލިއަން ޑޮލަރުންނެވެ.

ދެ ކްލަބަށް ޔޫއެފާ އިން އަދަބުދިނީ 2012 އިން 2019 ވަނަ އަހަރާއި ދެމެދު ހިނގާފައިވާ ކަންކަމަށް ބެލުމަށް ފަހު އެވެ.

ކުރިއަށް އޮތް ތިން ސީޒަނުގައި ޔުވެންޓަސް އިން އެފްއެފްޕީއާ ހިލާފުނުވެއްޖެ ނަމަ އެޓީމުން ދައްކަން ޖެހޭނީ ޖޫރިމަނާގެ އެއްބައެވެ. ޗެލްސީ އިން ވަނީ އެޓީމު ކުރި ޖޫރިމަނާގެ އަދަދު ދައްކަން އެއްބަސްވެފަ އެވެ.

ޗެލްސީގެ މިހާރުގެ އޯނަރަކީ މިދިޔަ އަހަރުގެ މެއި ފަހު އެ މަގާމާ ހަވާލުވި ޓޮޑް ބޯލީ އެވެ. ބޯލީ ޗެލްސީއާ ހަވާލުވި ފަހުން އެޓީމުން ވަނީ 19 ކުޅުންތެރިންނަށް ގާތްގަނޑަކަށް 770 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އެކަމަކު ޗެލްސީ ޖޫރިމަނާ ކުރީ ކުރީގެ އޯނަރު ރޯމަން އަބްރަމޮވިޗްގެ ޒަމާނުގައި ހިނގާފައިވާ ހަތް އަހަރުގެ ކަންކަމަށް ބެލުމަށް ފަހު އެވެ.

ޔޫއެފާ އިން ބުނީ ޗެލްސީގެ މައްސަލަ ބެލީ އާ މެނޭޖްމަންޓުން އެ ކްލަބާ ހަވާލުވެ މާލީ މުއާމަލާތުތަކާއި ގުޅޭ މައްސަލަތައް ފާހަގަވެ، ޔޫއެފާ އަށް ހުށަހެޅުމުން ކަމަށެވެ. ޔޫއެފާ އިން މައްސަލަ ބަލަން ފެށުމުން ޗެލްސީ އިން ވަނީ އެކަމަށް އެއްބާރުލުންދީ އެއްބަސްވާ ގޮތަކަށް ޖޫރިމަނާ ދައްކާނެކަން ހާމަކޮށްފަ އެވެ.

މިދިޔަ އަހަރުތަކުގައި ތަކުރާރުކޮށް އިޓަލީގެ އެފްއޭ އާއި ޔޫއެފާގެ އަދަބާ ކުރިމަތިލާން ޖެހުނު ޔުވެންޓަސް އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން ނުފެންނާނެ އެވެ. އެ ކްލަބުގެ ބަދަލުގައި ޔޫއެފާ ކޮންފަރެންސް ލީގުގައި އިޓަލީ އިން ކުޅޭނެ ޓީމެއް ނިންމާނީ އެގައުމުގެ ފެޑެރޭޝަނުންނެވެ. ޔުވެންޓަސް ހަތް ވަނައިގައި ނިންމާލުމުން ބެލެވޭ ގޮތުގައި އެ ފުރުސަތު ލިބޭނީ ލީގު އަށް ވަނައިގައި ނިންމާލި ފިއޮރެންޓީނާ އަށެވެ.

ކްލަބުގެ މާލީ މުއާމަލާތްތައް އޮޅުވާލުމުގެ މައްސަލައިގައި މިދިޔަ ސީޒަނުގައި ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރި އެވެ. މިފަހަރުގެ އަދަބާ ގުޅޭގޮތުން ޔުވެންޓަސް އިން އިތުރަށް ވަކާލާތު ނުކުރަން ވަނީ ނިންމައިފަ އެވެ.