Roadha Mihaaru
މިނިވަންކަމުގެ ރަމްޒަކީ ހާރިޖީ ގުޅުންތައް: އިމްރާން

ގައުމުތަކާއެކު އޮތް ގުޅުމަކީ ރާއްޖޭގެ މިނިވަންކަމުގެ ރަމްޒު: އިމްރާން

26 ޖުލައި 2023

ދޭދޭ ގައުމުތަކާ އެކު އޮތް ގުޅުންތަކަކީ ރާއްޖޭގެ މިނިވަންކަމުގެ ރަމްޒު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދޭދޭ ގައުމުތަކާ އެކު އޮތް ގުޅުންތަކަކީ ރާއްޖޭގެ މިނިވަންކަމުގެ ރަމްޒު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަންކަމަށް 58 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ ކާބަފައިން ހޯދައިދެއްވި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ވާޖިބެއް ކަމަށެވެ.

އެ ޒިންމާ އަދާކޮށް، ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސް ކުރެވުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިއަދުގެ ސަރުކާރުން އެ ޒިންމާ ނަގައި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ގައުމުތަކާ އެކު އޮތް ގާތް ގުޅުން ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލެނީ ގައުމުތަކާ މެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަން ކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަން އިހުސާސް ކުރެވި، ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލްހަވެރި މަތިވެރި ގުޅުންތަކަކީ މިއަދު މި ރާއްޖޭގެ މިނިވަންކަމުގެ ރަމްޒު،" އިމްރާން ވިދާޅުވި އެވެ.

އެ ގުޅުން އެ ގޮތުގައި ދެމި އޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި، އެ ސިޔާސަތު ދެމެހެއްޓުމުގެޒިންމާ އަދާކުރާ ފަރާތްތަކުގެ ޝަރަފާއި އިއްޒަތް ދެމެހެއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިނިވަންކަން ގެއްލިގެންދާ ފަދަ ބައެއް ކަންކަމުުގައި ފަރުވާ ކުޑަކުރާތަން މިހާރު ފެންނަ ކަމަށެވެ. އެކަމާ މެދު ރައްޔިތުން ސަމާލުވެ، އެފަދަ ފިކުރުތަކުން ދުރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދީނުގެ ނަމުގައި އުފެދޭ ހަރުކަށި ފިކުރުތަކާއި ދީނާ ދެކޮޅަށް އުފެދި ބޮޑުވާ ފިކުރުތައް ހުއްޓުވާ މައިތިރި ކުރުމަކީ އެންމެން ގުޅިގެން ކުރަން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައި ހޯމް މިނިސްޓްރީން ވަނީ މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތައް ބާއްވަން ރާވައިފަ އެވެ.