Roadha Mihaaru

ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި

ޝަރުއީ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާން ދައުލަތުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

މުއުތަސިމަށް ދައުލަތުގެ އިއްޒަތް އަރުވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 ޖުލައި 2025

ޝަރުއީ ދާއިރާއަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމު އަދުނާން ދައުލަތުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި، އުއްތަމަފަނޑިޔާރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު ރިޓަޔާ ކުރެއްވި މުއުތަސިމަށް "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު" އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ލަގަބު އެރުއްވީ، ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމާއި ޝަރުއީ ދާއިރާގެ ކަންކަމާއި ޝަރުއީ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ނިންމެވުން ހަރުދަނާ ކުރުމާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކަންކަމުގައި ގާނޫނި ގޮތުން ދޭންޖެހޭ ލަފާ ދެއްވުމާއި އެ ރޮނގުރޮނގުން މުއުތަސިމު ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށެވެ.

މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާ އެކު، ރިޓަޔާވެ ވަޑައިގެންނެވި ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަން ކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު ހާސިލް ކުރެއްވުމަށް ފަހު، މުއުތަސިމް އަދި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު ހާސިލް ކުރެއްވުމަށް ފަހު، މުއުތަސިމް އަދި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން ރައީސް މުއިއްޒާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމު އައްޔަންކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

މުއުތަސިމު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، ފެބްރުއަރީ 19، 1983 ގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުންނެވެ. އޭގެ ފަހުން، އެ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވައި ޝަރުއީ ދާއިރާއަށް ނުކުމެވަޑައިގަތެވެ.

އެ މަނިކުފާނު ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިންނެވެ. އޭގެފަހުން، ސްކޮޓްލޭންޑްގެ ޔުނިވާސިޓީ އޮފް ގްލެސްގޯއިން މާސްޓާ އޮފް ފިލޯސޮފީ ހާސިލްކުރައްވައި އަދި ދަ ހޭގް އެކެޑަމީ އޮފް އިންޓަނޭޝަނަލް ލޯގައި ޕަބްލިކް އިންޓަނޭޝަނަލް ލޯއިން ފެލޯޝިޕެއް ފުރިހަމަކުރެއްވި އެވެ.