Roadha Mihaaru
މިނިވަންކަމަށް ބޮޑު އަގެއް ދައްކަންޖެހޭ: އިމްރާން

މިނިވަންކަމުގެ އަގު ދައްކަން އެންމެން އެކުގައި ތައްޔާރުވާން ޖެހޭ: އިމްރާން

26 ޖުލައި 2021

މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި މިނިވަންކަން ހޯދުމާއި އެ ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށާއި އެންމެން އެކުގައި އެ އަގު ދައްކަން ތައްޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި މިނިވަންކަން ހޯދުމާއި އެ ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމަށާއި އެންމެން އެކުގައި އެ އަގު ދައްކަން ތައްޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުމަށް ދައްކަންޖެހޭ އަގު ފުރިހަމަ އަށް ދެއްކުނު ބަޔަކަށް ނޫނީ މިނިވަންކަން ނުލިބޭނެ ކަމަށެވެ. އެ އަގު ދެއްކުމަށް މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ އެންމެން އެކުގައި ތައްޔާރުވާން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފުރިހަމަ އަގު ދެއްކުމަށް، މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ ނުވަތަ އެ ގައުމެއްގެ އެންމެން އެކުގައި ތައްޔާރުވާންޖެހޭ. މިނިވަންކަން ލިބެނީ އެންމެން އެކުގައި ކުރާ ބުރަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން،" އިމްރާންގެ މެސެޖުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިނިވަންކަން ދެމެހެއްޓޭނީ ވެސް އެންމެން އެކުގައި ކުރާ ބުރަ މަސައްކަތަކުންނެވެ. އަދި މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ހިނގައި ދަނީ މުޖުތަމައުގައި އޮންނަ ބައިބައިވުމާއި އަދާވަތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި މި ފަހަރުގެ މިނިވަން ދުވަސް މުޅި ރާއްޖޭގައި ފާހަގަކުރާ ގޮތަށް ނިންމީ އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ހެދި ދަތިތަކެއް ކުރިމަތިވި ނަމަވެސް މި ފަހަރުގެ މިނިވަން ދުވަހުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.