Roadha Mihaaru
ރޯގާ ފެތުރޭތީ ކާނިވާ ހުޅުވުން ފަސްކޮށްފި

ރޯގާ ފެތުރޭތީ، ހުޅުމާލޭގެ މިނިވަން ކާނިވާ ހުޅުވުން ފަސްކޮށްފި

28 ޖުލައި 2023

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ ހުޅުވަން ނިންމި ކާނިވާ ފަސްކުރަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ ހުޅުވަން ނިންމި ކާނިވާ ފަސްކުރަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ކާނިވާ ހުޅުވުން ފަސް ކުރަން ނިންމީ މާލޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ދިން ލަފާގެ މަތިން ކަމަށެވެ.

ކާނިވާ ހުޅުވާ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ހަވާ އެރުވުން ވެސް އެމްއެންޑީއެފުން ވަނީ މިހާރު ފަސްކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަމަވެސް އިއްޔެ ހަވީރު މާލޭގައި ބޭއްވި ފުޅަނދުބުރު ބަލަން ގިނަ ބަޔަކު މަގުތައް ފުރާލާފައި ވަނިކޮށް ރެއިން ފެށިގެން ހޮސްޕިޓަލްތަކަށް ކުޑަކުދިން ގެންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމް ފުރުނެވެ.

ހުޅުމާލޭގައި މިއަދުގެ ފުޅަނދުބުރާއި ކާނިވާ ހުޅުވުން ހޯމް މިނިސްޓްރީން ކެންސަލް ކުރި ނަމަވެސް ގިނަ ބަޔަކު ހުޅުމާލޭ މަގުތަކަށް ހަވީރު އެއްވި އެވެ. ކާނިވާ އޮންނަ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދު ވެސް އޮތީ ފުރާލައިފަ އެވެ.

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި މިއަދު ހަވީރު ޕެރޭޑެއް ބާއްވާފައިވާއިރު، އެ ހަރަކާތް ބަލަން ވެސް ގިނަ އަދަދެއްގެ މީހުން ދިޔަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔަކަށް ވާތީ ސާފުތާހިރުކަމަށާއި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.

އާދަޔާ ހިލާފަށް ކަރު ހިއްކުމާއި ކުޑަކަމުދާ ވަރު މަދުވުމާއި މާ ބޮޑަށް ވަރުދެރަވުމާއި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމުގެ އިތުރުން ހޮޑުލެވުމާއި ބޮޑުކަމު ދާއިރު ލޭގެ އަސަރު ހުރުން ފަދަ އަލާމާތްތައް ފާހަގަ ކުރެވޭ ނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ސަމާލުކަން ދޭނެ ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވަ އެވެ.