Roadha Mihaaru
ނުވާވަރުން ބޭރު ކުޅުންތެރިންނެއް ނުގެންނާނަން: އިންމަ

ނުވާވަރުން ބިދޭސީ ކުޅުންތެރިންނެއް ނުގެންނާނަން: އިންމަ

19 ޖުލައި 2023

މެނޭޖް ނުކުރެވޭ ވަރުން ބިދޭސީ ކުޅުންތެރިން ޓީމަށް ގެންނަން ނުވިސްނާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ހެޑް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މެނޭޖް ނުކުރެވޭ ވަރުން ބިދޭސީ ކުޅުންތެރިން ޓީމަށް ގެންނަން ނުވިސްނާ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ހެޑް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންމަ ބުނީ، އަނިޔާ އާއި އަމިއްލަ ސަބަބުތަކާ ހުރެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިއަކު މިހާރު ކްލަބް ދޫކޮށްލާފައި ވާކަމަށެވެ. އަދި އެ މަގާމުތަކަށް ބިދޭސީ ކުޅުންތެރިން ހޯދުމުގެ ބަދަލުގައި ދިވެހި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ.

ވިސްނާފައެއް ނެތް ރާއްޖޭން ބޭރު ކުޅުންތެރިން ގެންނާކަށް، ސަބަބުތަކެއް ވެސް އެބަހުރި. ރާއްޖޭގެ ފުޓްބޯޅަ މި އޮތް ހާލަތުން، ބޭރު ކުޅުންތެރިން ގެނެސްގެން ބައެއް ޓީމުތައް ވަރަށް ހިތި ތަޖުރިބާތަކެއް މިހާރު ވެސް ކުރަމުން ދަނީ. އަޅުގަނޑުމެން ބޭނުމެއް ނޫން މިކަހަލަ ތަޖުރިބާތަކެއް ކުރާކަށް،" އިންމަ ބުންޏެވެ.

"ނަމަވެސް ޓީމުގެ ފައިނޭންޝަލް ކަންތައް ރަނގަޅުވާވަރަކަށް މި ވިސްނުން އައުން އެކަށީގެންވޭ. ކޯޗެއްގެ ގޮތުގައި އަޅުގަނޑު ހުންނަކަމަށް ވަންޏާ ބޭނުންވާނެ ބޭރުގެ މޮޅެތި ކުޅުންތެރިން ޓީމަށް ލާން. ނަމަވެސް މެނޭޖް ކުރުމުގެ ގާބިލްކަން ތަން ދޭ ވަރަކުން އެ ފިޔަވަޅު އެޅޭނީ. ރިސްކު ނަގައިގެން މިއަހަރު އުނދަގޫތަކެއް ކުރިމަތި ނުވިއަސް އަންނަ އަހަރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުމުގެ ބިރު އެބަ އޮތް."

އިންމަ ބުނީ ސަސްގެ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ އޮފީސްތަކުގައި މަސައްކަތް ކުރަމުން ދާ ކުޅުންތެރިންނަށް ވެފައި، މި ދުވަސްވަރު އިތުރު މުބާރާތްތަކެއް އޮތުމުން އެ މުބާރާތްތަކަށް ކުޅުންތެރިން ދޫކުރުން ވެސް މަޖުބޫރު ވާކަމަށާއި، ނަމަވެސް ބޭނުން ކުރެވޭ ކުޅުންތެރިންނާ އެކު ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމަށެވެ.

ލީގު ބްރޭކަށް ދިޔުމުގެ ކުރިން ސަސް ފެނުނީ ވަރުގަދަ ކްލަބެއް ގޮތުގަ އެވެ. ނަމަވެސް ބްރޭކުގެ ފަހުން އެޓީމު ވަނީ ކްލަބް އީގަލްސް އާ ދެކޮޅަށް ކުޅެ 7-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އިންމަ ފާހަގަ ކުރި ގޮތުގައި ނިމުނު ބްރޭކް ތެރޭގައި ޓީމާއެކު އެންމެ ރަނގަޅަށް ފަރިތަކޮށް މަސައްކަތްތަކެއް ކުރެވުނީ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނާ އެކު ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރައިކަރުންނަކީ ބްރޭކް މި ލިބުނު ދޮޅުމަސް ތެރޭ ވެސް ޓީމާ އެކު ޓްރޭން ކުރި ކުޅުންތެރިން. މި ފަންގްޝަން އެކަނި މަސައްކަތް ކުރެވިފައި ހުރީ،" ބްރޭކް ތެރޭގައި ޓީމުގެ ކުޅުންތެރިން އެކުގައި ފަރިތަ ނުކުރެވުމުން ދިމާވި އުނދަގޫތަކާ ގުޅޭގޮތުން އިންމަ ބުންޏެވެ.

"މިޑްފީލްޑާއި ސެންޓްރަލް ޑިފެންޑަރުން ވެސް ގައުމީ ޓީމާ އެކު ދިޔައީމައި (އެކުގައި ފަރިތަ ނުކުރެވުމުގެ މައްސަލަ) އެކަން ދިމާވި. ނަމަވެސް ކޯޗެއް ގޮތުން ހިތްހަމަ ޖެހޭ ކުޅުންތެރިންގެ ޕާފޯމަންސާ މެދު، ހާއްސަކޮށް އެޓޭކިން ޕްލޭޔަރުން ދައްކާ ޕާފޯމަންސާ ދޭތެރޭ."

ސަސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުރީ ޕްރެޒިޑެންޓްސް ކަޕްގައި ލިބުނު އަނިޔާއަކާ ގުޅިގެން އަދިވެސް އެއްކޮށް ރަނގަޅު ނުވެ އެވެ. އިންމަ ބުނީ، 37 އަހަރުގައި ވެސް އަޝްފާގަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ޓީމު މޯޓިވޭޓް ކޮށްދޭ ކުޅުންތެރިއެއް ކަމަށެވެ. ކައިރި މުސްތަގުބަލެއްގައި އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާ ނުކުރެވުނަސް، ސީޒަންގެ ކޮންމެވެސް ހިސާބަކުން އަޝްފާގުގެ ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށް އިންމަ ބުންޏެވެ.