Roadha Mihaaru
ފަހަތުން އަރައި ސަސް ބަލިކޮށް ވެލެންސިއާ ތިން ވަނައަށް

ފަހަތުން އަރައި ސަސް ބަލިކޮށް ވެލެންސިއާ ތިން ވަނައަށް

02 ޖުލައި 2022

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް، ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް، ކްލަބް ވެލެންސިއާ ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް، ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށް، ކްލަބް ވެލެންސިއާ ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

ވެލެންސިއާ ތިންވަނައަށް ޖެހިލީ 15 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް މާޒިޔާ އަށް 42 ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް ލިބުނީ 37 ޕޮއިންޓެވެ.

ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. މުބާރާތުގެ ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބުނީ 17 ޕޮއިންޓެވެ. ޖުމުލަ 14 ޕޮއިންޓާ އެކު ސަސް އޮތީ ހަތްވަނައިގަ އެވެ. ފުލުގައި އޮތް ދަ ގްރާންޑޭ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ސަސް އިން މެޗުގެ ކުރީކޮޅު، އައިހަމްގެ ލަނޑުން ލީޑު ނެގުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ސަސް އިން މެޗުގެ ކުރީކޮޅު، އައިހަމްގެ ލަނޑުން ލީޑު ނެގުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުގެ ނުވަ ވަނަ މިނިޓްގައި ފުރަތަމަ ލީޑް ނެގީ ސަސް އިންނެވެ. މުހައްމަދު ސާމިރު ނެގި ބޯޅައަކުން އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު އައިހަމެވެ. އޭގެ ކުރިން ސަސްގެ ފޯވާޑް އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލެއް ކޮށްގެން، ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފްރީ ސިނާން ހުސެއިން ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ވެލެންސިއާ އިން އެއްވަރު ކުރަން މެޗުގެ 36 ވަނަ މިނިޓުގައި ލަނޑެއް ވެސް ޖެހި އެވެ. ނަމަވެސް އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ބޯޅަ ދިންއިރު އަސްހަދު އަލީ (އަޑޭ) ހުރީ އޮފްސައިޑްގަ އެވެ. އޭގެ 10 މިނިޓް ކުރިން އަޑޭ ފޮނުވައިލި ބާރު ހަމަލާއެއް ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ދިފާއު ކުރި އެވެ. ޗެކް އަތުގައި ޖެހިފައި ރިބައުންސްވި ބޯޅަ ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލަށް ލިބުމުން ފޮނުވާލި ބޯޅަ ވެސް އޭނާ ދިފާއު ކުރި އެވެ.

ވެލެންސިއާ އަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 50 ވަނަ މިނިޓުގައި ހަލީލް އެވެ. އޭނާ އެ ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރަކުން ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބޮލުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ވެލެންސިއާގެ އުމެއިރު އަތުން ބޯޅަ ހޯދަން، ސަސް އަށް ލަނޑު ޖަހައިދިން އައިހަމް މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ވެލެންސިއާގެ އުމެއިރު އަތުން ބޯޅަ ހޯދަން، ސަސް އަށް ލަނޑު ޖަހައިދިން އައިހަމް މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ނަތީޖާ އެއްވަރު ކުރިތާ ހަ މިނިޓު ފަހުން ވެލެންސިއާ އަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ފޯވާޑް އަބްދުﷲ ޔާމީން ޔާނެވެ. ހަލީލްގެ ލަނޑަށް ފަހު، ބިޗަޑްގެ ބަދަލުގައި ކުޅެން އަރައި ޔާނު އެ ލަނޑު ޖަހައިދިނީ އީސަ ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅައެއް ވެއްޓިގެންފައި ގޯލަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، ޕިލާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ފޮނުވާލި ނަމަވެސް،ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރި އެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ބްރޭކަށް ފަހު ވެލެންސިއާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މުހައްމަދު އުމެއިރެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ އިރު، އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވެލެންސިއާ އެވެ.