Roadha Mihaaru
ޗުއްޓީއާ ދިމާވުމުން ޔޫވީއަށް ކުޅުންތެރިންގެ ދަތިކަން

ސްކޫލް ޗުއްޓީއާ ދިމާވުމުން ޔޫވީ އަށް ކުޅުންތެރިންގެ ދަތިކަން

19 ޖުލައި 2023

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބް އީގަލްސް އާ ދެކޮޅަށް ނުކުންނައިރު، ކުޅުންތެރިންގެ ދަތިކަން ކުރިމަތި ވެފައި ވާކަމަށް ޔޫވީގެ ހެޑް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބް އީގަލްސް އާ ދެކޮޅަށް ނުކުންނައިރު، ކުޅުންތެރިންގެ ދަތިކަން ކުރިމަތި ވެފައި ވާކަމަށް ޔޫވީގެ ހެޑް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

ޔޫވީ އިން ވަނީ ލީގު ބްރޭކުގެ ކުރިން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ނަމަވެސް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ކްލަބް ވެލެންސިއާ އާ ދެކޮޅަށް ކުޅެ އުނދަގުލުން ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ.

"ސްކޫލް ޗުއްޓީއާ އެއްވެފަ އޮތީމައި ޔޫވީގެ ސްކޮޑް ވަރަށް ލިމިޓެޑްކޮށް މިއޮތީ. ސްކޮޑުގަ ތިބީ ވެސް ވިއްސަކަށް ކުޅުންތެރިން، ގިނައީ ސްކޫލްގެ 11، 12 ގައި އުޅޭ ކުދިންނާއި މާލޭގެ ކޯސްތައް ހަދާ ކުދިން. ސީނިއާ ކުޅުންތެރިން ވަރަށް މަދު،" ޔޫވީއާ އެކު ހުރި ދަތިތަކާ ގުޅޭގޮތުން ޝާކިއްޓެ ބުންނެވެ.

"ލީގު ބްރޭކާ ސްކޫލް ބަންދާ ދިމާވެފައި އޮތީމައި އެ ކުދިންނަށް ވެސް ބްރޭކް ލިބޭ ދުވަސްކޮޅަކީ މިއީ. އެހެންވެ ގިނަ ކުޅުނތެރިން ވީ ރަށްރަށުގައި. ޓީމް ހަމަކުރަން ވެސް އުނދަގޫ ކުރީ މެޗުގަ ވެލެންސިއާ އަތުން މޮޅު ވިއަސް ބެންޗުގަ ތިބީ ތިން ކުޅުންތެރިން ވަރު. ވަރަށް އުނދަގޫ ހާލަތެއްގައި ޓީމު މިއޮތީ އީގަލްސް ކަހަލަ ވަރުގަދަ ޓީމަކާ ކުރިމަތިލާއިރު."

މީގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕް ފެށިގެން އުޅޭތީ، މާލޭގައި ތިބި ކުޅުންތެރިންނާ އެކު ވެސް އެންމެ ފުރިހަމައަށް ކުޅުންތެރިން ހަމަކޮށް ޕްރެކްޓިސްތައް ކުރިއަށް ނުގެންދެވޭކަން ޝާކިއްޓެ ފާހަގަ ކުރި އެވެ.

"ޕްރެކްޓިސް ނުކޮށް މެޗަށް އައިސް ކުޅެނީއޭ ބުނާ ގޮތަކަށް މި ކުރިއަށް ދަނީ، ޕްރެކްޓިސްގައި 10 ވަތަކަށް ކުޅުންތެރިންނާއެކު ކުރިއަށް ގެންދަނީ،" ރޭގެ ޕްރެސް ކޮންފަރެންސްގައި ޝާކިއްޓެ ބުންޏެވެ.

"މިވަރުގެ ސްކޮޑަކާ އެކު ސީޒަނެއް ނިންމާލުމަކީ ވަރަށް ބޮޑު ޗެލެންޖެއް. މެނޭޖްމަންޓާ ވާހަކަ ދައްކައިގެން ސްކޮޑް ވަރުގަދަ ކުރަން އެބަ މަސައްކަތް ކުރަން. ބޮޑަށް ބަލަނީ ރާއްޖޭން ބޭރު ކުޅުންތެރިންނަށް ވުރެ ބޮޑަށް ރާއްޖޭން ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ލިބޭތޯ."

އީގަލްސްގެ ފަރާތުން ޕްރެސްގައި ބައިވެރިވީ އެޓީމުގެ މެނޭޖަރު މުހައްމަދު އިނާން އަލީ އެވެ. އިނާން ބުނީ، ފާއިތުވި ދެ އަހަރުތެރޭ ޓީމުގެ ފަހަތަށް ކުޅޭ ތިން ކުޅުންތެރިއަކު، ކްލަބް ބަދަލުކުރުމުން ޑިފެންސުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ޓީމަށް ކުރިމަތިވެފައި ވާކަމަށެވެ.

"އަންނަ ޓްރާންސްފާ ބްރޭކާ އެއްކޮށް ބަލާނަން އެ ޑިޕާޓްމަންޓް (ޑިފެންސް) އިތުރަށް ރަނގަޅު ކުރެވޭނީ ކޮން ގޮތަކުންތޯ. ލޯކަލީ ވެސް ރަނގަޅު ކުރެވެން އޮތިއްޔާ އެ ކުޅުންތެރިއަކު ހޯދަން ޖެހިއްޖެއްޔާ ކުޅލުންތެރިއެއް ހޯދައިގެން ވެސް ޑިޕާޓްމަންޓް ވަރުގަދަ ކުރަން މަސައްކަތް ކުރާނަން،" އިނާން ބުންޏެވެ.

"މިދިޔަ ދެ އަހަރު ތެރޭ ފަހަތުން ތިން ކުޅުންތެރިއަކު ހިނގައްޖެ. ވަރަށް ގިނަ ދުވަހު އެކުގައި ކުޅެފައި ތިން ކުޅުންތެރިއަކު ޓީމު ދޫކޮށް ދިޔުމުން އެ އުނދަގޫ އެބަ ހުރި. އެބަތިބި ޓީމުގައި ރަނގަޅު ޔަންގު ކުޅުންތެރިން، އެހެންވެ މަޑުމަޑުން އެ ޑިޕާޓްމަންޓު ރަނގަޅުވަމުން އަންނަތަން ވެސް ފެންނާނެ."

އީގަލްސް ދޫކޮށް ދިޔަ ޑިފެންޑަރުންނަށް ބަލައިލާއިރު، މިދިޔަ ސީޒަންގައި އެޓީމުގެ ވާތުބެކް ހައިޝަމް ހަސަން (ބިޑި) މާޒިޔާއަށް ބަދަލުވެފައި ވާއިރު، މި ސީޒަނުގައި އެޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އާއި ކަނާތު ބެކަށް ކުޅޭ ޓީމުގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވެސް ވަނީ މާޒިޔާ އަށް ބަދަލިވެފަ އެވެ.

އީގަލްސް އާއި ޔޫވީ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.