Roadha Mihaaru
ކުޅޭ ޒުވާން ކުޅުންތެރިން ގިނަވުމަކީ ލިބޭ ކުރިއެރުމެއް

ލީގުގައި ކުޅޭ ޒުވާން ކުޅުންތެރިން ގިނަވުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ކުރިއެރުމެއް: ޝާކިއްޓޭ

13 މެއި 2023

ދިވެހި ޕްރިމިއާ ލީގުގައި ޒުވާން ކުޅުންތެރިންނަށް ކުޅެން ގިނަ ފުރުސަތު ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޒުވާން ކުޅުންތެރިންނަށް ކުޅެން ގިނަ ފުރުސަތު ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

އެއްވަނަ ޑިވިޝަންގެ ހެޑް ކޯޗެއްގެ ގޮތުގައި މި އަހަރު އަލަށް މަސައްކަތް ފަށާފައިވާ ޝާކިއްޓޭ އަކީ މީގެ ކުރިން ކްލަބް އީގަލްސްގެ ކޯޗިން ޓީމުގައި ހިމެނުނު މުހިއްމު ނަމެކެވެ. އީގަލްސްގައި އޭނާ ވަނީ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ޔޫތު ޗެމްޕިއަންޝިޕުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ހަމަ އެއާ އެކު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗު ކޮށްދީ، ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި ވެސް ޝާކިއްޓޭ ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

"ޅަ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގައި ޕާފޯމް ކުރަން ފުރުސަތު ލިބެނީ ވަރުގަދަ ޓީމުތަކާ އެކީ. ފުރުސަތު ލިބުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވެސް، ގައުމީ ޓީމަށް ވެސް، އޭޖު ގުރޫޕްގެ ނެޝެނަލް ޓީމުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ،" ލީގުގައި ޔޫވީގެ ދެވަނަ މެޗަށް ނުކުތުމުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝާކިއްޓޭ ބުންޏެވެ.

"މީގެ ކުރީ އަހަރުތަކުގައި ދިމާވާ އެއް މައްސަލައަކީ، މިސާލަކަށް 19 އަހަރުން ދަށުގެ ޓީމް ފުރައިގެން ދާއިރު ކުޅުންތެރިން ކްލަބްތަކުގައި އުޅެނީ އެކަމަކު ފުރަތަމަ 11 އެއްގައި ޕާފޯމް ކުރަން ލިބޭ ފުރުސަތު ވަރަށް މަދު. އެއާ ހިލާފަށް މިއަހަރު އެ ފުރުސަތު އެބަ ލިބޭ ބައިވަރު އާ ޒުވާން ކުޅުންތެރިންނަށް. މިއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކެނީ، ހަމަ އެއާ އެކު ކުޅުންތެރިންނަށް ވެސް ލިބޭ ކުރިއެރުމެއް މިއީ ކުޅެން ފުރުސަތު ލިބުމަކީ."

ޝާކިއްޓެ ބުނީ ޔޫވީގެ މެނޭޖްމަންޓުގެ ވިސްނުމަކީ މި އަހަރު ނަތީޖާ ނެރުމުގެ ބަދަލުގައި، ކުރިއަށް އޮތް ތިން އަހަރުތެރޭ މިހާރު އޮތް ޒުވާން ސްކޮޑާއެކު މަސައްކަތްކޮށް ޒުވާން ކުޅުންތެރިންގެ ޓީމެއްގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ބިނާ ކުރުން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ގެއްލޭ ފަދަ ގޮތަކަށް ބިދޭސީ ކުޅުންތެރިން ޓީމަށް ގެނައުމުގެ ވިސްމުނެއް ޔޫވީއިން ނުގެންގުޅޭ ކަމަށް ޝާކިއްޓެ ފާހަގަ ކުރި އެވެ.

މާލީ މައްސަލަތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕްގައި ޔޫވީ ނުކުޅެ އެވެ. ލީގަށް ތައްޔާރުވީ ދެ ހަފްތާގެ ޕްރެކްޓިސްއާ އެކު އެވެ. ލީގުގެ ފުރަތަމަ މެޗުގައި އެޓީމަށް ކުޅެން ޖެހުނީ ރާއްޖޭގައި މިވަގުތު އެންމެ އުހުގައި އޮތް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ފަހަރު ލީޑު ނެގުމުން ވެސް ޔޫވީ އިން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ޔޫވީ ބަލިވީ މެޗުގެ ފަހު 22 މިނިޓު ތެރޭ މާޒިޔާ ކާމިޔާބު ކުރި ފަސް ގޯލުންނެވެ.

"ވަރަށް ރަނގަޅަށް އެ މެޗުގައި (މާޒިޔާ މެޗުގައި) ދިޔައީ. ބަލަން ތިބި އެންމެންނަށް ވެސް އެނގޭނެ ފިޓްނަސް މައްސަލަ މި ޖެހުނީ، 65 މިނިޓް 70 މިނިޓު ގައިގަ ވަރު ހުރިއިރު ވަރަށް ރަނގަޅަށް ކުޅުނު. ތައްޔާރުވާން ލިބުނީ 14 ވަރަކަށް ދުވަސް. ސާދަ ވަރަކަށް ދުވަހަކީ 90 މިނިޓު ކުޅޭވަރަށް ޕްލޭޔަރުން ފިޓް ކުރެވޭނެ މުއްދަތެއް ނޫން. މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ގިން ޕޮޒިޓިވް ކަންތައްތަކެއް ފެނިގެން ދިޔަ، ކުރިއަށް އޮތްތަނުގައި ކުޅުންތެރިންނާ ދޭތެރޭ ވަރަށް އިތުބާރު ބޮޑުވެގެން މި ދިޔައީ." ޔޫވީގެ ޒުވާން ކުޅުންތެރިންގެ ޕާފޯމަންސާ ގުޅޭގޮތުން ޝާކިއްޓޭ ބުންޏެވެ.

"ޓީމުތަކަށް ބަލައިލާއިރު މާޒިޔާ އާއި އީގަލްސް ނަގާފައި ދެން މިއުޅޭ ޓީމުތައް އޮތީ ދާދި އެއް ލެވެލް އެއްގައި. ފިޓްނެސް ވެސް ދެން ތިބި ޓީމުތައް މާ ރަނގަޅުކޮށް ނޫން ފެންނަނީ. މާޒިޔާ ކައިރީގައި 65 މިނިޓް 70 މިނިޓު ހިފަހައްޓާފައި ރަނގަޅަށް ކުޅުނު. ދެން ހުރި ޓީމުތަކުގެ ވެސް ގަބޫލު ކުރަނީ ފިޓްނަސް 90 މިނިޓަށް ނުހުންނާނެއޭ. ގާތްގަނޑަކަށް އެއް ލެވެލް އެއްގެ ޓީމުތަކެއް ވުމުން އެ ޓީމުތަކާ ދެކޮޅަށް، މާޒިޔާއާ ދެކޮޅަށް ކުޅުނު ލެވެލް އަށް ވުރެ މާ ރަނގަޅަށް ކުޅެވޭނެ ކަމަށް ގަބޫލު ކުރަނީ."

ލީގުގައި ޔޫވީ ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. ސަސް ވަނީ ކުޅުނު ފުރަތަމަ މެޗު 5-1 ގެ ނަތީޖާއަކުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.