Roadha Mihaaru
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު

ޝަނާން: ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ކުރިއެރުމެއް ހޯދި އުންމީދީ ސްޓްރައިކަރު

13 އޮކްޓޯބަރ 2023

އުމުރުން އެންމެ 17 އަހަރުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކޮޅަށް ގޯލު ޖެހި އެވެ. އަދި އެންމެ ފުރަތަމަ ގައުމީ ޖޯޒީގައި 19 އަހަރުން ދަށުގެ ޓީމު ލީޑު ކުރަމުން ފުރަތަމަ މެޗުގައި ވެސް ގޯލު ޖެހި އެވެ. މިހާރު އޭނާގެ އަޒުމަކީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދުމެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުމުރުން އެންމެ 17 އަހަރުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކޮޅަށް ގޯލު ޖެހި އެވެ. އަދި އެންމެ ފުރަތަމަ ގައުމީ ޖޯޒީގައި 19 އަހަރުން ދަށުގެ ޓީމު ލީޑު ކުރަމުން ފުރަތަމަ މެޗުގައި ވެސް ގޯލު ޖެހި އެވެ. މިހާރު އޭނާގެ އަޒުމަކީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދުމެވެ.

ފުޓްސަލްގައި މަޝްހޫރު ކ. ގާފަރަށް އުފަން ޝަނާން ރަޝާދު، ފުޓްބޯޅައަށް ތައާރަފްވީ މިދިޔަ އަހަރު ގްރޭޑް 10 ނިންމާފައި މާލެ އައިސް، 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރަޔަލްސް ތެރެއިންނެވެ.

ޒުވާން ގައުމީ ޓީމުގެ ޓްރަޔަލްސްއާ ޝަނާން ގުޅުނީ އޭނާގެ ދެބެންގެ ދެދަރި ބޭބެ، ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު މަޝްހޫރު ފޯވާޑް އަހުމަދު ނިޝާން (ކާނޫ) ގެ ލަފާ ހޯދައިގެންނެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެން ވެސް އޭނާ މިސާލެއްގެ ގޮތުން ދެކެމުން އައީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

"ދޮމްބެ (ނިޝާން)ގެ ލަފާ ހޯދައިފަ ފުޓްބޯޅަ ޗޫޒް ކުރީ. ރަށުގައި އާއްމުކޮށް ފުޓްސަލް ކުޅެ އުޅުނަސް އަބަދުވެސް ފުޓްބޯޅަ ކުޅޭހިތްވޭ، ގައުމީ ޖޯޒީގައި ކުޅުމަކީ ކުޑައިރު އަޝްފާގު މެން ކުޅޭތަން ޓީވީން ފެންނަން ފެށީއްސުރެން ހުވަފެނެއް،" ޝަނާން "މިހާރު" އާ ވާހަކަ ދައްކަމުން ކިޔައިދިނެވެ.

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޝަނާން، އިންވިކްޓަސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ.-- ފައިލް ފޮޓޯ: އެފްއޭއެމް

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޝަނާން، އިންވިކްޓަސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ.-- ފައިލް ފޮޓޯ: އެފްއޭއެމް

ކާމިޔާބު ޓްރަޔަލްސް އަކަށް ފަހު ޒުވާން ގައުމީ ޓީމުގައި ހިމެނިގެން ޝަނާން ވަނީ މިދިޔަ އަހަރު އޮތް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅެފަ އެވެ. ޒުވާން ޓީމު ތިންވަނަ ޑިވިޝަންގައި ކުޅުވީ ކުޅުންތެރިން އެކުގައި މެޗުތަކެއް ކުޅުވައި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުންނެވެ. އެ ފުރުސަތުގެ ބޭނުން ވެސް ޝަނާން ވަނީ ވަރަށް ފުރިހަމައަށް ހިފައިފަ އެވެ. މުބާރާތުގައި ކުޅުނު ތިން މެޗުގައި ވެސް ޝަނާން ގޯލު ޖެހިއިރު، ފުރަތަމަ މެޗުގައި ޒުވާން ޓީމުގެ ފުރަތަމަ ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ.

ތިންވަނަ ޑިވިޝަނުގައި ކުޅުނު ނަމަވެސް މި ސީޒަންގައި ފުރަތަމަ ޑިވިޝަން ކުޅެން ފުރުސަތެއް ލިބިދާނެ ކަމަށް އޭނާ އުންމީދެއް ނުކުރެ އެވެ. އުންމީދު ނުކޮށް ހުއްޓައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނީ، ޒުވާން ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ.

"ފުރަތަމަ ޕްރިމިއާ ލީގު ކުޅޭގޮތަކަށް ނޫން ސްކޫލް ނިންމި ގޮތަށް މާލެ އައީ. އެކަމު އަންޑަ 19 ގެ ޓްރަޔަލްސް އަށް ފަހު ޝާކިއްޓޭ ކޯޗު ބުނީ ތިމަންނާއޭ ޔޫވީގެ ކޯޗަކީ މި ސީޒަންގައި، ޔޫވީއަށް ކުޅެދޭންވީ ނޫންހޭ. އެއީ ވަރަށް އުފާވި ވަގުތުކޮޅެއް، ކޯޗުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތް ކުރެވޭ ކަމުގެ އިހުސާސް އެ ގަޑީ ކުރެވުނު،" މިދިޔަ ޖޫން މަހު 18 އަހަރު ފުރުނު ޝަނާން ބުންޏެވެ.

މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއާ ދެކޮޅަށް ޔޫވީ ކުޅުނު މެޗެއްގައި ޝަނާން ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާއާ ދެކޮޅަށް ޔޫވީ ކުޅުނު މެޗެއްގައި ޝަނާން ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ޝަނާން މިހާތަނަށް ޔޫވީއާ އެކު ކުޅުނު 10 މެޗުން އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާ ކޮޅަށް ގޯލު ޖަހައި، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި ވަގުތަކީ ޝަނާންގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ.

"ލީގުގައި ފުރަތަމަ ވެސް ކުޅެން ޖެހުނީ މާޒިޔާއާ ދެކޮޅަށް. ރާއްޖޭގެ ޗެމްޕިއަނާ ދެކޮޅަށް ނުކުތް އިރު ވެސް ވަރަށް އުންމީދު ކުރިން ގޯލެއް ޖެހޭނެ ކަމަށް. ކަން ދިމާކުރި ގޮތުން އެކަން ހާސިލްވި. ދެން 19 އަހަރުން ދަށުގެ ޓީމާ އެކު ކުޅުނު ފުރަތަމަ އިންޓަނޭޝަނަލް މެޗުގައި ވެސް ގޯލެއް ކާމިޔާބު ކޮށްދެވުނު. އެއީ އަބަދުވެސް ހަނދާނުގައި ހުންނާނެ ވަރަށް ހާއްސަ ދެ ވަގުތުކޮޅު،" ޝަނާން ބުންޏެވެ.

ޔޫވީގައި ޝަނާން ދައްކަމުން އަންނަ އުންމީދީ ކުޅުމާ އެކު ސީނިއާ ގައުމީ ޓީމުގެ ކޯޗުންނަށް ވެސް އޭނާ ފާހަގަ ވެއްޖެ އެވެ. މިއަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށް އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނެގި ޕްރިލިމިނަރީ ސްކޮޑާއި، ވޯލްޑް ކަޕް ކޮލިފައިން އަށް ކޯޗު އަލީ ސުޒޭން ނެގި ޕްރިލިމިނަރީ ސްކޮޑުން ވެސް ޝަނާން އަށް ފުރުސަތު ލިބުނެވެ.

ސީނިއާ ގައުމީ ޓީމުގެ ފްރެކްޓިސްގައި ޝަނާން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީނިއާ ގައުމީ ޓީމުގެ ފްރެކްޓިސްގައި ޝަނާން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީނިއާ ގައުމީ ޓީމާ އެކު ކުރި ފަރިތަކުރުންތަކުގައި، ސީނިއާ ކުޅުންތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ކޯޗުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކަކީ ޝަނާން ދެކޭގޮތުގައި ފުޓްބޯޅައިން ކުރިއަށް ދާން ލިބޭ ބޮޑު ހިތްވަރެކެވެ.

ދެފަހަރު މަތިން މިއަހަރު ސީނިއާ ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑާ އެކު ޕްރެކްޓިސް ކޮށް، ފައިނަލް ސްކޮޑަށް އަދި ނޭރިއެއް ކަމަކު، ޝަނާން ހުރީ ވަރުގަދަ އަޒުމެއްގަ އެވެ. އޭނާ ބުނީ މޮޅު ކުޅުންތެރިއަކަށް ވާން ދަސްކުރަން ޖެހޭ ބައިވަރު ކަންކަން އަދި ވެސް ހުރި ކަމަށެވެ. އަދި އުންމީދަކީ ކުރިމަގުގައި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށްވެ، ބައިނަލްއަގުވާމީ ކާމިޔާބީއެއް ހޯދުމެވެ. އެއީ މަސައްކަތް ކޮށްފި ނަމަ ޝަނާން އަށް ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް ކަމަށް ކޯޗު ޝާކިއްޓޭ ގަބޫލު ކުރެ އެވެ.

"ޝަނާން އަކީ އަސަކޮ (އަސަދުﷲ އަބްދުﷲ) އާއި ޓޮމް (އަހުމަދު ތޯރިގު) ފަދަ ކުޅުންތެރިން ރިޕްލޭސް ކުރާނެ ފެންވަރުގެ ނަމްބަ ނައިން އެއް. ފުޓްބޯޅަ ކުޅުންތެރިއެއް ކިބައިން ފެންނަން ޖެހޭ ހުރިހާ ކަމެއް އޭނާގެ އެބަހުރި. ޑިސިޕްލިން ހިފަހައްޓައިގެން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ކުރިއަށް އޮތް ދެތިން އަހަރުތެރޭ އޭނާ އަކީ ސީނިއާ ޓީމުގައި ހިމެނިގެން ވިދާލާނެ ކުޅުންތެރިއެއް،" ޝަނާނާ ބެހޭގޮތުން ޝާކިއްޓޭ ބުންޏެވެ.

"ކޯޗުން ބުނާ ހުރިހާ ކަމަކަށް އޭނާ ވަރަށް ސަމާލުކަން ދޭނެ. އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އޭނާގެ އެޓިޓިއުޑް. ބަލިވާކަށް އޭނާ ބޭނުމެއް ނުވާނެ، އަބަދުވެސް ޓީމަށް އެންމެ ރަނގަޅަށް ކުޅެދީ، މޮޅުވުމުގެ މެންޓަލިޓީއެއް އޭނާ ގެންގުޅެނީ."

އާއިލާ އާއި ރަހުމަތްތެރިން އަދި ކޯޗު ޝާކިއްޓޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝަނާން ބުނީ، ފުޓްބޯޅައިން ކުރިއަށް ދާން ޑިސިޕްލިން އަކީ ވަރަށް މުހިއްމު ފެކްޓާއެއް ކަމަށެވެ. ކުރިއެރުން ލިބޭނީ ދަނޑުމަތީގަ އާއި ދަނޑު ބޭރުގައި ވެސް ރަނގަޅު އަހުލާގެއްގެ މަތީ މަސައްކަތް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.