Roadha Mihaaru
ޔޫވީ ބަލިކޮށް ޓީސީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި

ޔޫވީ ބަލިކޮށް ޓީސީ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި

04 އޯގަސްޓް 2023

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށްގެން ޓީސީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރެމިއާ ލީގު ޓޭބަލްގެ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބުކޮށްގެން ޓީސީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރެމިއާ ލީގު ޓޭބަލްގެ ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ހަތް މެޗު ދެ ޓީމަށް ނިމިފައި ވާއިރު، މި ނަތީޖާއާ އެކު ފަސްވަނައިގައި އޮތް ޓީސީ މިވަނީ 12 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާ ދެ ޕޮއިންޓަށް ކައިރި ކޮށްފަ އެވެ. ޓީސީ އަށް 10 ޕޮއިންޓް ލިބިފައި ވާއިރު، ތިން ޕޮއިންޓާ އެކު ޔޫވީ އަދި އޮތީ ހަވަނައިގަ އެވެ.

ޓީސީ އިން ލީޑު ނެގީ 11 ވަނަ މިނިޓުގައި ޒަޔާން ނަސީރު ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭގެ 10 މިނިޓް ފަހުން އަހުމަދު އީރާސް ނަގައިދިން ކޯނަރެއް ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެން ލީޑު ފުޅާ ކޮށްދިނީ އަހުމަދު ސާމިއު އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޓީސީގެ ތިންވަނަ ގޯލު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަހްނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. މިއީ އޭރިއާ ތެރެއިން ޒަޔާން އަށް ޔޫވީގެ މުހައްމަދު ސަމްހާން ފައުލް ކޮށްގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ ޒުވާން ވިންގާ، ހަމްދޫން އަބްދުއްލަތީފް އެވެ.

މި މެޗުގައި ދެ ޓީމުގެ ޖޯޒީގެ ކުލަ އެއްގޮތް ވުމުން ގިނަބަޔަކު ވަނީ ސޯޝަލްމީޑިއާގައި އެކަމަށް ފާޑު ކިޔައިފަ އެވެ. ޓީސީ އިން ކަޅު ރޮނގު ދެމި ރަތް ޖޯޒީގައި ކުޅުނުއިރު، ޔޫވީ އިން ބޭނުން ކުރީ ގަދަ ފިޔާތޮށި ކުލައިގެ ޖޯޒީ އެވެ.

ލީގު ފުރަތަމަ ބުރުގެ ފަހު ދެ މެޗު މިއަދު ކުޅޭނެ އެވެ. ހަވީރު 4 ޖަހާއިރު އެންމެ ފުލުގައި އޮތް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗަށް ފަހު، ރޭގަނޑު 9 ޖަހާއިރު ބައްދަލުކުރާނީ އަދި މެޗަކުން ބަލިނުވެ، ލީގު ޓޭބަލްގެ އެންމެ ކުރީގައި އޮތް މާޒިޔާ އާއި އީގަލްސް އެވެ.