Roadha Mihaaru
ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

16 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ވުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބަށް، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ވުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ އިންތިހާބަށް ރީ-ރަޖިސްޓަރީވާން ހުޅުވާލިޔަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ އެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކް ކުރެވޭނެ އެވެ.

އީސީގެ އިއުލާނުގައި ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ އަދި ފުވައްމުލަކުގެ އަވަށްތަކުގެ އޮފީސްތަކަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.

މާލޭގައި ނަމަ ފޯމު ހުށަހަޅާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒަށެވެ.