Roadha Mihaaru
މަރުވި ކަމަށް އޮތުމުން ވޯޓު ލުމުގެ ފުރުސަތު ގެއްްލިއްޖެ

މަރުވެފައިވާ ކަމަށް ކަނޑައަޅާފައި އޮތުމުން ދިރި ހުރި މީހަކަށް ވޯޓު ލުމުގެ ފުރުސަތު ގެއްލިއްޖެ

09 ސެޕްޓެމްބަރ 2023

ދިރިހުރި މީހެއްގެ ނަން މަރުވެފައިވާ މީހެއްގެ ގޮތަށް ލިސްޓުގައި އޮތުމުން އޭނާ އަށް ވޯޓުލުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދިރިހުރި މީހެއްގެ ނަން މަރުވެފައިވާ މީހެއްގެ ގޮތަށް ލިސްޓުގައި އޮތުމުން އޭނާ އަށް ވޯޓުލުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ކ. މާފުށީގައި މިކަން ހިނގީ އެނގިފައިވާ ގޮތުގައި، އެއް ނަން ކިޔާ ދެ މީހެއްގެ ނަން ލިސްޓްގައި އޮތުމުންނެވެ. މަރުވެފައިވާ ކަމަށް ކަނޑަޅައި ލިސްޓުން އުނިކޮށްފައި ވަނީ ދިރިހުރި މީހާގެ ނަމެވެ. އަނެއް މީހާގެ ނަން ލިސްޓްގައި އެބަ އޮތެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނުން މަސްދަރެއްގެ ގޮތުގައި ބަލަނީ ޑީއެންއާރުގެ ރަޖިސްޓްރީ ކަމަށާއި އެ ލިސްޓުގައި ނެތް މީހަކަށް ވޯޓު ލެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. ދިރި ހުރި މީހަކު މަރުވި މީހެއްގެ ގޮތަށް ވުމުން އެ މީހާ އަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިއުން އެއީ ވަރަށް ހިތާމަވެރި ކަމެއް،" ހަބީބު ވިދާޅުވި އެވެ.

ކުރިމަގުގައި އެފަދަ ކަންކަން ހިނގައިޔަ ނުދިނުމަށްޓަކައި ކޮމިޝަނަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށާއި ނަމަވެސް މި ކަމުގައި ބޮޑަށް އޮތީ ފަރުދީ ޒިންމާ ކަމަށް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން ވެސް އެ މީހާގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ. މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅި ނަމަވެސް ވޯޓު ލުމުގެ ފުރުސަތު ލިބުނީސް ކަމަށް ވިދާޅުވި އެވެ.

"ވަރަށް މުހިންމު ކަމެއް ފަރުދީ ޒިންމާ އަދާކޮށްގެން އެ އޮންނަ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުން،" ހަބީބު ވިދާޅުވި އެވެ.