Roadha Mihaaru
ކުރަހާފައި ވޯޓު ކަރުދާސް ދޫކުރި އޮފިޝަލު ދުރުކޮށްފި

ކުރަހާފައި ވޯޓު ކަރުދާސް ދޫކުރި އޮފިޝަލު މަސައްކަތުން ދުރުކޮށްފި

30 ސެޕްޓެމްބަރ 2023

ލ. ފޮނަދޫގެ ތިން ވަނަ ނަމްބަރު ވޯޓު ފޮށީގައި ދޫކުރި ކަރުދާސްތަކެއްގައި ކުރެހި އޮފިޝަލު މަސައްކަތުން ދުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ފޮނަދޫގެ ތިން ވަނަ ނަމްބަރު ވޯޓު ފޮށީގައި ދޫކުރި ކަރުދާސްތަކެއްގައި ކުރެހި އޮފިޝަލު މަސައްކަތުން ދުރުކޮށްފި އެވެ.

ރިޔާސީ އިންތިހާބަށް ފުލުހުން ފެށި އޮޕަރޭޝަން ބްލޫ ވޭވް އިން ކުރި ޓްވީޓެއްގައި ބުނީ ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭ ކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް އެ ޓްވީޓުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ ވޯޓު ކަރުދާހުގައި ކުރަހާފައި ދޭ މައްސަލަ ފެންމަތިވުމުން ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އިރުކޮޅެއްގެ ތެރޭގައި ވޯޓުލުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާ ފޮއްޓަކަށް ދެން ވޯޓުލާން ފަށާނީ." ހަބީބް ވިދާޅުވި އެވެ.

އެ މައްސަލައާއެކު، ހަބީބް ވިދާޅުވީ، ވޯޓު ކަރުދާސް ދޫކުރަން އިން މަރުކަޒުގެ އެހީތެރިޔާ އެ މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ.

"އޭނާ އެއީ ވޯޓު ކަރުދާސް ދޫކުރަން އިންނަ އޮފިޝަލް. އޭނާ މަސައްކަތުން ދުރުކުރީމަ ދެން ކުރަންޖެހޭ ކަމެއް ނޯންނާނެ."

ވޯޓު ކަރުދާހުގައި ކުރެހި މައްސަލަ ފެންމަތިވީ އެ ފޮއްޓަށް ވޯޓު ލާން ދިޔަ މީހަކަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި ހުރި ކަން އެނގިގެން އޭނާ އެ މައްސަލަ ޖެއްސުމުންނެވެ. އޭނާ ބުނި ގޮތުގައި، އޮފިޝަލުގެ ސަމާލުކަމަށް އެކަން ގެނެސް ދެ ފަހަރަށް ވޯޓު ކަރުދާސްކޮޅު ބަދަލުކުރި އިރު، ފަހުން ދިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް ހުރީ ކުރަހައިފަ އެވެ. ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އިންނަ ގޮޅީގެ ބޭރުގައި އެއްވެސް އެއްޗެއް ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ.