Roadha Mihaaru
ވޯޓު އަމިއްލަ އަތުން: މިނިވަންކަން ލިބުނު ދުވަހެއް!

ފުރަތަމަ ފަހަރަށް ވޯޓު އަމިއްލަ އަތުން: މިނިވަންކަން ލިބުނު ދުވަހެއް!

09 ސެޕްޓެމްބަރ 2023

ބޭނުން ކެންޑިޑޭޓަކަށް ވޯޓު ލުމުގެ މިނިވަންކަމާއި ސިއްރު ވޯޓެއް ލުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ކަށަވަރު ކޮށްދީފައި އޮތަސް ލޯފަން މީހުން ކޮންމެ އިންތިހާބެއްގައި މިއަދާ ހަމައަށް ކުރަމުން އައި ތަޖުރިބާ މުހައްމަދު ސައްދާން ކިޔައިދިނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޭނުން ކެންޑިޑޭޓަކަށް ވޯޓު ލުމުގެ މިނިވަންކަމާއި ސިއްރު ވޯޓެއް ލުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ކަށަވަރު ކޮށްދީފައި އޮތަސް ލޯފަން މީހުން ކޮންމެ އިންތިހާބެއްގައި މިއަދާ ހަމައަށް ކުރަމުން އައި ތަޖުރިބާ މުހައްމަދު ސައްދާން ކިޔައިދިނެވެ.

ލޯފަން މީހަކަށް ވާތީ، އެންމެ ފަހުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޭނާ ވޯޓުލާން ދިޔައީ އެހީތެރިއަކާ އެކީ އެވެ. ވޯޓުލުމުގެ ހައްގު އޮތަސް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާނީ އޭނާ އިތުބާރުކޮށްފައި ގެނައި އެހީތެރިޔާ އެވެ.

"ރައްޓެއްސަކާ އެކީ ވޯޓު ލާން ދަނިކޮށް [ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ] ކެންޑިޑޭޓަކު އަތުން އިޝާރަތް ކޮށްފަ އެހީތެރިޔާ ކައިރީ ބުނަނީ ތިމަންނަ އަށް ފާހަގަ ޖަހާދޭ ށޭ. އޭނާއަކަށް [ލޯފަން މީހާއަކަށް] ނޭނގޭނެ ނޫންހޭ ފާހަގަ ޖެހިޔަސް،" ސައްދާން ބުންޏެވެ.

ސައްދާނު އަށް މިކަން އެނގުނީ އޭނާގެ ވޯޓު ލާން ގެންދިޔަ އެހީތެރިޔާ ވޯޓުލައި ނިމިގެން އެ ވާހަކަ ކިޔައިދިނުމުންނެވެ. އެކަމާ ކިތަންމެ ކަންބޮޑުވުން އޮތް ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. އޭނާ ވޯޓު ދޫކޮށްލީ އެހީތެރިޔާ އަށް ކުރާ އިތުބާރަކަށެވެ.

ރިޔާސީ އިންތިހާބުގައި ލޯފަންމީހަކު ވޯޓުލުމަށް އޮފިޝަލަކު އެހީތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ރިޔާސީ އިންތިހާބުގައި ލޯފަންމީހަކު ވޯޓުލުމަށް އޮފިޝަލަކު އެހީތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިދިޔަ ޖޫން މަހު ގެނައި އިސްލާހާ އެކު، މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިމިގެން ވޯޓު ލާ މަރުކަޒުން ސައްދާން ނުކުތީ ވަރަށް އުފަލުންނެވެ.

"ވަރަށް އުފާވެއްޖެ. މިހާރު ހަމަ ގައިމު ވެސް އަޅުގަނޑުގެ އޮވޭ އެ ޔަގީން ކަން އަޅުގަނޑު ވޯޓުލީ މީހަކު އެހެން މީހަކަށް ނޭނގޭނެ ކަން،" އޭނާ ބުންޏެވެ.

ސައްދާން ބުނި ގޮތުގައި މިއަދު މި އައި ބަދަލާއެކު މީގެ ކުރިން ދިމާވި އެތައް މައްސަލައެއް ހައްލު ވާނެ އެވެ.

މީގެ ކުރިން އާއިލާތަކުގެ ޕްރެޝަރާއި ނުފޫޒު ވެސް ވަރަށް ބޮޑު ކަމަށާއި ކޮންމެ ފަހަރަކު އެންމެ އިތުބާރު ކުރެވޭ މީހެއް ހޯދަން ވެސް އުނދަގޫ ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް އަޅުގަނޑު ގޮވައިގެން ދާނީ އޭނަތޯ މީނަތޯ ދެން ހުރި މީހާތޯ. މިއީ ވަރަށް ބޮޑު ބަހުސެއްގައި އޮންނަ ކަމެއް. ކޮންމެ މީހަކު ވެސް ބޭނުން ވަނީ ދެ ވޯޓު ލާން. އަޅުގަނޑު ގެންދާ މީހަކީ ދެ ވޯޓު ލެވޭނެ މީހެއް ކަން ޔަގީންވޭ. ކޮންމެ މީހަކު ވެސް އަމިއްލަ ފިކުރަށް ބޭނުންވޭ ދެ ވޯޓު ލާން." އޭނާ ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ލޯފަންމީހަކު ވޯޓުލުމަށް އޮފިޝަލަކު އެހީތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ރިޔާސީ އިންތިހާބުގައި ލޯފަންމީހަކު ވޯޓުލުމަށް އޮފިޝަލަކު އެހީތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ގާނޫނުއަސާސީގައި ހައްގުތައް އެންމެނަށް ހަމަހަމަ އަށް ކަށަވަރު ކޮށްދޭ އިރު ލޯފަން މީހުންނަށް މިނިވަންކަމާއެކީ ވޯޓު ލުމުގެ ހައްގު ކަށަވަރުވީ އޭގެ 16 އަހަރު ފަހުން މިއަދު ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި އެކި މިންވަރަށް ލޯފަން ހުންނަ އާބާދީ 800 އަށް ވުރެ ގިނަ އިރު މިއީ އެންމެ މީހެއްގެ ތަޖުރިބާ ހުރި ގޮތެއް ނޫނެވެ.

ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި އޭނާ ވެސް މިއަދާ ހަމައަށް އައިއިރު އެފަދަ އެތައް ތަކުލީފެއް އުފުލަން ޖެހުނެވެ.

ކޮންމެ ފަހަރަކު ވެސް ވޯޓު ލާން ޖެހިއްޖެ ނަމަ އެހެން މީހަކަށް ބަރޯސާ ވާން ޖެހޭ ކަމަށާއި މިއަދު އެ ހާލަތު އެކީ ނިމުމަކަށް އައުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ އިހުތިޔާރާ އެކީ އެހެން މީހަކަށް ބަރޯސާ ނުވެ ވޯޓު މި ދެވުނީ. ވަރަށް އުފާވެރި ދުވަހެއް، ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް. ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތެއް." އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖޫން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއެކު ލޯފަން މީހުން ވޯޓުލުމަށް ބޭނުން ކުރާނީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ވަގުތީ ގޮތުން ހަރު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޓެމްޕްލެޓެކެވެ.

އެ ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަ ޖެހޭ ގޮތަށް ކެނޑުމެއް ހިމެނެ އެވެ.