Roadha Mihaaru
ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޑިމޮކްރެޓްސްގެ ދައުވަތު

ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ޑިމޮކްރެޓްސްގެ ދައުވަތެއް

06 އޯގަސްޓް 2023

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ ބައެއް މެމްބަރުންނަށް ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން ގުރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ދައުވަތު އިއްޔެ ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ ބައެއް މެމްބަރުންނަށް ޑިމޮކްރެޓްސް ޕާޓީއާ ގުޅިގެން ގުރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ދައުވަތު އިއްޔެ ދީފި އެވެ.

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީ، ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިން ގާތު ރޭ ވިދާޅުވީ، ޕީޕީއެމާ އެކު މަަސައްކަ ތްކުރުމުގެ ޝައުގުވެރިކަން އެ ޕާޓީން ގެންގުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް ވަރަށް މާޔޫސީ ވަގުތެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ޕާޓީގެ ހިތާމަ އިހުސާސް ކުރެއްވޭ ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޑިމޮކްރެޓްސްއާ އެކު މަަސައްކަތް ކުރުމަށް ރޭ ދައުވަތު ދެއްވާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ޕީޕީއެމާ އެކު މަސައްކަތް ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ.

"އެ ޕާޓީން ކެނޑިގެން މި ޕާޓީއަށް އަންނާށެކޭ ނޫން މި ދަންނަވަނީ. އެ ބޭފުޅުން އެ ބޭފުޅުންގެ ޕާޓީގައި ތިއްބަވައިގެން ވަކި ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކޮށްދެއްވުމަށް މިރޭގެ ވަގުތެއްގައި ވާނީ ބައެއް މަޖިލިސް މެމްބަރުންނަށް ދައުވަތު ދެއްވާފައި،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ދައުވަތު ދިން ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ހަސަން ވިދާޅުވި ގޮތުގައި، ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް އަވަހަށް ފަށަން ބޭނުންވާކަން އެ މެމްބަރުންނަށް ވާނީ ދަންނަވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނުކުންނަވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިޔަސް އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މިއަދު އިއްވާ ހުކުމުންނެވެ.

ހަސަން ވިދާޅުވީ، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ ދެ ޕާޓީ ގުޅިގެން ކުރިއަށް ދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމާ އެކު މަޝްވަރާ ކުރާތާ ތިން މަހެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު އެންމެ ބޭނުންވާ ގޮތަށް އެ މަޝްވަރާތައް ނުގެންދެވި ވަނީ ޔާމީން ޖަލަށް ލާފައިވާތީ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ވާދަކުރައްވާ ކެންޑޑިޭޓް އިލްޔާސް ލަބީބްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރުމަށް އިލްޔާސްގެ ފޯމު ހުށަހަޅަން ޑިމޮކްރެޓްސް އިން ނިންމިއިރު އެ ޕާޓީން އަންނަނީ އެއް ކެންޑިޑޭޓަކު ނެރުމަށް ޖޭޕީއާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. މިއަދު ވެސް ކުނޫޒުގައި ޑިމޮކްރެޓްސްގެ އިސްވެރިންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.

އެހެންވެ، އިލްޔާސްގެ ކެންޑިޑެސީ ފޯމު ހުށަހެޅިޔަސް އެހެން ކެންޑިޑޭޓަކަށް ތާއިދުކުރަން ޑިމޮކްރެޓްސް އިން ނިންމަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ހަސަން ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަން އުނދަގޫ ކަމަށެވެ.

ހަސަން ތަކުރާރުކޮށް ރޭ ވިދާޅުވީ، ޑިމޮކްރެޓްސް އުފެދުނީއްސުރެ، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އަބަދުވެސް ވިދާޅުވަމުން އަންނަ ކަމަށާއި އެއް ކެންޑިޑޭޓަކާ އެކު މަސައްކަތް ކުރަން ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ. އެ ވިސްނުން އަދިވެސް ބަދަލުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދިވެސް ނުވޭ ބަދަލެއް އެ ސްޓޭންޑެއް. މިއަދާ ހަމައަކަށް ކޮމަން ކެންޑިޑޭޓެއް ނެތް. އަޅުގަނޑުމެންނަކަށް ނޭނގޭ ކޮމަން ކެންޑިޑޭޓެއް. އެހެންވެ މާދަމާ [މިއަދު] މި ހުށަހަޅަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއް. އަޅުގަނޑުމެންނަކަށް އެކަން ނުކޮށް މަޑުކޮށްގެން ތިބެވޭކަށް ނެތް.--- ހަސަން
"ދަ ޑިމޮކްރެޓްސް" ހަރުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީީބް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދަ ޑިމޮކްރެޓްސް" ހަރުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީީބް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑިމޮކްރެޓްސަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ނަޝީދުގެ އަރިސް ބޭފުޅުން އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އިންތިހާބަށް ނިކުންނަވާ ކެންޑިޑޭޓަކީ ވެސް ނަޝީދުގެ ވަރަށް އަރިސް އަދި އެ މަނިކުފާނު ވިދާޅުވާ ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.