Roadha Mihaaru
ކޮމަން ކެންޑިޑޭޓަކީ އަޅުގަނޑަށް ނުވެއްޖަނަމަ ފަހަތަށް ޖެހޭނަން: އިލްޔާސް

ކޮމަން ކެންޑިޑޭޓަކީ އަޅުގަނޑަށް ނުވެއްޖަނަމަ ފަހަތަށް ޖެހޭނަން: އިލްޔާސް

23 ޖުލައި 2023

ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެ އެ ކެންޑިޑޭޓަކީ އޭނާއަށް ނުވެއްޖެ ނަމަ ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެ އެ ކެންޑިޑޭޓަކީ އޭނާއަށް ނުވެއްޖެ ނަމަ ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް، އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް "މިހާރު"އަށް ވިދާޅުވީ ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ވެސް އެކަމުގެ ޝައުގުވެރިކަން، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ މެމްބަރު، ކުރީގެ މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާކުރެއްވި ކަމަށެވެ.

އެކަމަށް އެ ބޭފުޅުންގެ ފުރިހަމަ ސަޕޯޓު ދެއްވައި، ޕްރައިމަރީން ހޮވޭ ބޭފުޅަކާ އެކު ކުރިއަށްދާނެ ކަމަށް ދެންނެވި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް މީގެ ކުރިން އިއުލާންކުރުމުން، ގިނަ ބަޔަކު ގަބޫލުކުރަމުން ދިޔައީ މަޖިލީހުގެ ރައީސްކަން ކުރައްވާ ނަޝީދު އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

އޭގެ އެއް ސަބަބަކީ، އެމްޑީޕީ ދެފަޅިވެ ޑިމޮކްރެޓްސް އުފަންވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގަތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރެއް ހޯދެއްވުމަށް ޕާޓީގެ ޓިކެޓު ކަށަވަރުކުރެއްވީ 24,566 ވޯޓާއެކުގަ އެވެ. ނަޝީދަށް ލިބިވަޑައިގަތީ 15,641 ވޯޓެވެ.

ނަމަވެސް، އެއާ ހިލާފަށް އެ މަނިކުފާނު ވަނީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވި އެވެ.

"ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ވެސް ރައީސާއެކު ވަރަށް މަޝްވަރާކުރިން. އޭރުން ވެސް ރައީސް ވިދާޅުވީ ތިމަންނަ ޕްރައިމަރީއަށް ކުރިމައްޗެއް ނުލާނަމޭ. އެކަމަކު މަސައްކަތްކޮށްދެއްވާނަމޭ ޕްރައިމަރީން ހޮވޭ ބޭފުޅަކާއެކު އިންތިހާބު ކާމިޔާބުކުރަން." އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް އިލްޔާސް އެކަނި ކުރިމަތިލިއަސް، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެ އެވެ. ޕާޓީގެ މެމްބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި އެ މީހަކަށް ތާއިދުކުރާ ކަމަށް 10 ޕަސެންޓް ވޯޓު ލިބިއްޖެނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓެވެ.

ފެންނަ ނުފެންނަ ވޯޓު ނަގާނީ އަންނަ ހުކުރު ދުވަހެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޕާޓީ ވެސް ބައިވެރިވެ އިދިކޮޅު ޕާޓީތަކުން އަންނަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ވާހަކައެއް ފަހުން ނުދައްކަ އެވެ.

އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސް އިން ވެސް ބައިވެރިވެގެން، އިދިކޮޅު ޕާޓީތަކުން ކޮމަން ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމައި އަދި އެ ކެންޑިޑޭޓަކީ އެހެން ބޭފުޅެއް ނަމަ އެކަމަށް އިހުތިރާމްކުރާނެ ކަމަށެވެ. ގައުމުގެ ހައްގުގައި ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީން ނިންމާ ނިންމުންތަކަށް ބަލައި ފަހަތަށް ޖެހެން ޖެހިއްޖެއްޔާ ފަހަތަށް ޖެހޭނަން." އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފުރަތަމަ ބައްދަލުވުމުގައި އިލްޔާސް ރޭ ވިދާޅުވީ އޭނާގެ ސިޔާސީ ދާއިރާގެ ޓީޗަރަކީ ނަޝީދު ކަމަށެވެ. ކުރިއަށްދާނީ އެ މަނިކުފާނުގެ ލަފާފުޅުގެ މަތިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފިލާވަޅު، ސިޔާސީ [ދާއިރާގައި] އަޅުގަނޑުގެ ޓީޗަރަކީ، މުދައްރިސަކީ ރައީސް ނަޝީދު. އެ ބޭފުޅާގެ ފަހަތުގައި ކުރިއަށް މި ދަނީ. ދެން ވެސް ދާން އޮތީ އެ ބޭފުޅާގެ ފަހަތުގައި. އަޅުގަނޑަށް އެ ބޭފުޅާގެ މައްޗަކަށް އެރޭނެ ގޮތެއް ނޯންނާނެ." ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންކޮށް، މި ހިސާބަށް ގެނެސްދިނީ ނަޝީދު ކަމަށާއި އެއީ ސިޔާސީ މުފައްކިރު ކަމަށް ވިދާޅުވި އެވެ.