Roadha Mihaaru
ދެވަނަ ބުރަށް އިލްޔާސް ނުދާނެ ކަމުގެ އިއުތިރާފެއް!

ދެވަނަ ބުރަށް އިލްޔާސް ނުދާނެ ކަމަށް ނަޝީދުގެ އިއުތިރާފެއް!

09 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް "ދަ ޑިމޮކްރެޓްސް" ގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ނުދާނެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް "ދަ ޑިމޮކްރެޓްސް" ގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ނުދާނެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

އިލްޔާސް ލަބީބްގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގައި އޮންނަ ސިޔާސީ ހަގީގަތް ދެނެގަނެގެން ކަމަށެވެ. ކަންކަން ރާވަމުން ގެންދަވަނީ އެ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ނަޝީދު ވިދާޅުވި އެވެ.

އެ އަށް ފަހު ފާހަގަކުރެއްވީ އިދިކޮޅު، ޕީޕީއެމްގެ މަގުބޫލުކަން ބޮޑުކަމާއި އިންތިހާބުގެ ދެވަނަ ބުރަކަށް އެމްޑީޕީ ނުވަތަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރައްވާނެ ވާހަކަ އެވެ.

ނަޝީދު ފާހަގަކުރެއްވީ، ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން އިހުތިޔާރު ކުރަން ޖެހޭނެ ހާލަތު ނުވަތަ ޕާޓީގެ ވާހަކަފުޅެވެ. އެއީ އެމްޑީޕީ ނުވަތަ ޕީޕީއެމެވެ.

އެ މަނިކުފާނު ބޭނުންފުޅުވަނީ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އެމްޑީޕީ އަށް ވޯޓުލާން ޖެހޭނެ ފަދަ ހާލަތެއް މެދުވެރި ނުވެ، ޕީޕީއެމާ އެކު ޑިމޮކްރެސްޓް އޮތުމެވެ. އެކަން އެގޮތަށް ކޮށްދިނުމަށް ޕީޕީއެމްގައި ވެސް ނަޝީދު ރޭ އެދިވަޑައިގަތެވެ.

"ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީ އަށް ވޯޓު ދޭންޖެހޭ ގޮތެއް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެމް އަށް އެކަން އެ ގޮތަށް ކޮށްދެވެން އެބަ އޮތް. ތިޔަ ބޭފުޅުންގެ ތާއިދު ވެސް ބޮޑު. މެންބަރުންގެ އަދަދު ވެސް ގިނަ. މަގުބޫލުކަން ވެސް މި ރާއްޖޭގައި މިއަދު އެބަ އޮތް،" ޕީޕީއެމްގެ ވަރުގަދަކަން ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ޕީޕީއެމާ އެކު މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި، އެ މަނިކުފާނު މިނިވަންކުރަން ބޭރުން ވަކީލުން ގެނެސް، އިހިުތިޖާޖަށް ވެސް ނުކުމެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާނީ އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނެވެ. މި އަހަރުގެ އިންތިހާބަށް 8 ކެންޑިޑޭޓުން ވާދަކުރާއިރު، އާންމުކޮށް އިންތިހާބުތަކުގައި ދެވަނަ ބުރުގައި ފެންނަ މަންޒަރަކީ ބަލިވާ ކެންޑިޑޭޓުން އެހެން ކެންޑިޑޭޓުންގެ ފަހަތަށް އަރާ މަންޒަރެވެ.

ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ވެސް އެ ފަދަ ގޮތަކަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ އިންތިހާބުގައި ފުރަތަމަ ބުރުގައި ދެވަނަ އަށް ނަޝީދު ވަޑައިގެންނެވިއިރު، ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރެއްވީ ބަލިވި ހުރިހާ ކެންޑިޑޭޓުން ނަޝީދަށް ތާއިދު ކުރެއްވުމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނަޝީދާ ވާދަކުރައްވައި ވެރިކަމަށް ވަޑައިގަތީ އެ ގޮތަށެވެ.

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރަައްވާއިރު، ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ގޮންޖެހުމަކަށް ވާނީ ޕީޕީއެމް އެކަނި ކަމާއި އެހެން ޕާޓީތަކުގައި އެފަދަ ތާއިދެއް ނެތް ކަމަށެވެ. ޔާމީންގެ ތާއިދާ އެކު ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި ގޮތުގައި އެ ޕާޓީން ފުރަތަމަ ބުރުގައި އެހެން ބަޔަކާ އެކު ކޯލިޝަން ހަދަން ޖެހޭ ހާލަތެއް މިހާރު ނެތް ކަމަށާއި ފުރަތަމަ ބުރުގައި އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށެވެ. އެ ވަރަށް ޔާމީންގެ ސަޕޯޓަރުން ރާއްޖޭގައި އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅުން ދެވަނަ ބުރާ މެދު މި ވަގުތު ނުވެސް ވިސްނަ އެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވާ ނަމަ އޮންނާނީ އަންނަ މަހުގެ 30 ގަ އެވެ.