Roadha Mihaaru
އިލްޔާސްގެ ފޯމް މިރޭ ފާހެއް ނުވި

މިރޭ ފާސްވީ ރައީސާއި ނާޒިމްގެ ފޯމު، އިލްޔާސްގެ ފޯމު ފާހެއް ނުވި!

07 އޯގަސްޓް 2023

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު މިރޭ ފާހެއް ނުކުރެވުނެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު މިރޭ ފާހެއް ނުކުރެވުނެވެ.

އެނގިފައިވާ ގޮތުގައި އިލްޔާސްގެ ފޯމު ފާސް ނުވީ އޭނާގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުންނެވެ.

އަދި އެކަމުގެ ލިޔުން ހުށަހަޅަން އީސީން އެދިފައިވާ ކަން އެނގިފައިވެ އެވެ. އެކަމަކު އެކަމާ ގުޅިގެން އިލެކްޝަން އަދި އެ ޕާޓީގެ ބަހެއް ނުލިބުނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން މިއަދު ފޯމު ހުށަހެޅުއްވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމްގެ ކެނޑިޑޭސީ ފޯމު ބަލައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާއި ނާޒިމު ވެސް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

އަންނަމަހު ނުވަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ހަތަރު ޕާޓީއަކުން ފޯމު ހުށަހަޅާފައި ވެ އެވެ. އެއީ ރައީސް ސޯލިހާއި ނާޒިމް އަދި އިލްޔާސްގެ އިތުރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

ފޯމު ހުށަހެޅުމުގެ ވަގުތު މާދަމާ މެންދުރު 2:00 އަށް ހަމަވާއިރު، އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ބައެއް ބޭފުޅުން އަދިވެސް ކެންޑިޑެސީ ހުށަހަޅާފައެއް ނުވެ އެވެ.

އޭގެތެރޭގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވަ އެވެ.

މީގެއިތުރުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެދިވަޑައިގަންނަވާފައިވީ ނަމަވެސް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މާދަމާ ހެނދުނު ހުށަހަޅުއްވާނެ ކަން އެނގިފައި ވެ އެވެ.