Roadha Mihaaru
ޑިމޮކްރެޓްސް އޮތީ ޕާޓީތަކާ އެކު މަޝްވަރާއަށް ތައްޔާރަށް

ޑިމޮކްރެޓްސް އޮތީ ދެ ޕާޓީއާ އެކު ވެސް މަޝްވަރާކުރަން ތައްޔާރަށް

10 ސެޕްޓެމްބަރ 2023

ދެ ވަނަ ބުރުގައި އެކުގައި ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުނިންމާ ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމާއެކުގައި ވެސް މަޝްވަރާކުރަން އޮތީ ތައްޔާރަށް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދެ ވަނަ ބުރުގައި އެކުގައި ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުނިންމާ ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމާއެކުގައި ވެސް މަޝްވަރާކުރަން އޮތީ ތައްޔާރަށް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވަން އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓާ އެކު 84،000 ވޯޓެވެ. އެހެންވެ އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހުމުން، ތިން ވަނައިގައި އޮތް ޑިމޮކްރެޓްސް އިން އަރާ ކޮޅަކުން ނަތީޖާ ނެރުމުގެ ފުރުސަތު ބޮޑެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު އިލްޔާސް ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ފަދަ ކަންކަން އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީން ނިންމާނީ ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ.

"މި ޕާޓީގެ ވިސްނުމާއި މި ޕާޓީގެ ފަލްސަފާ އާއި ޕްރިންސިޕަލްސް އާއި ވެލިއުސް އެއަށް އެލައިން ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ވާހަކަ ދައްކާނީ އަޅުގަނޑުމެން ވާހަކަ ދައްކާ ޕާޓީއަކާ އެކު،" އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަން ތައްޔާރު ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ އެއްވެސް ޕާޓީއަކާ އެކު އަދި މަޝްވަރާކުރަން ނުފަށާ ކަމަށާއި އެކަން ކުރާނީ ޕާޓީގެ އެތެރޭގައި މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ. ގޮތް ނިންމުމުގައި، އެ ޕާޓީއަށް ސަޕޯޓުކުރާ މީހުންގެ ހިޔާލާއި ލަފާ ހޯދާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި ހުރި ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހުން ހުރި ކަމަށް ބުނެ އެ ޕާޓީން ވަކިވެ އުފެއްދި ޑިމޮކްރެޓްސް ލީޑުކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެ ވަނަ ބުރެއްގައި ޕީޕީއެމްއާ އެކުވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވައިފަ އެވެ.

ނަމަވެސް އިލްޔާސް ވިދާޅުވީ، އެފަދަ އިޝާރާތެއް ނަޝީދު މިހާތަނަށް ޕާޓީތެރޭގައި ކުރައްވާފައި ނުވާ ކަމަށާއި ވަކި ބަޔަކާ ވާހަކަ ދައްކަން ވެސް ނުދައްކަން ވެސް ނިންމާފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފަކައި ނެތް އެއްވެސް ބަޔަކާ ވާހަކަ ދައްކަން ވެސް ނުދައްކަން ވެސް،" ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ވިދާޅުވި އެވެ.

އިންތިހާބުގައި އިލްޔާސް ތިން ވަނަ އަށް ދިޔައީ 15،000 ވޯޓާ އެކުގަ އެވެ. ދެން ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނީ ކުރިން ލަފާކުރި ވަރަށް ވުރެ މާ މަދުންނެވެ.