Roadha Mihaaru
ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލީ އިލްޔާސް އެކަނި

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލީ އިލްޔާސް އެކަނި

22 ޖުލައި 2023

އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކަމަށް އެ ޕާޓީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދެވި ޑިމޮކްރެޓްސް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4:00 އަށް ހަމަވެފައިވާ އިރު އިލްޔާސް ވަނީ މިއަދު 1:00 ގައި ޑިމޮކްރެޓްސްގެ އޮފީހަށް ވަޑައިގެން ފޯމް ހުށަހަޅުއްވައިފަ އެވެ.

އެ ޕާޓީގެ އަސާސީ ގަވައިދުގައި ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައި ވެ އެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވަރަށް ފަހުން އެ ޕާޓީއަށް ސޮއިކުރެއްވި ނަޝީދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. މިއާއެކު އެމަނިކުފާނުގެ ނަން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ނޯންނާނެ ކަން ގާތްގަނޑަކަށް ކަށަވަރުވީ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހު 7 އަކާ ހަމައަށް ހުޅުވާލައިފަ އެވެ.