Roadha Mihaaru
"ކަރުދާސް ދޭ އޮފިޝަލުން އަތުގައި ގަލަމެއް ނޯންނާނެ"

ދިމާވީ ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ، އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ: އީސީ

30 ސެޕްޓެމްބަރ 2023

ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހުގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލަ ހައްލުކޮށް ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހުގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލަ ހައްލުކޮށް ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެފި އެވެ.

ފޮނަދޫ ވޯޓުފޮށީގެ ވޯޓުލުން މެދުކެނޑާލީ، ވޯޓުލާން ދިޔަ މީހަކަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި ހުރި ކަން އެނގިގެން އޭނާ އެ މައްސަލަ ޖެއްސުމުންނެވެ. އޭނާ ބުނި ގޮތުގައި، އޮފިޝަލުގެ ސަމާލުކަމަށް އެކަން ގެނެސް ދެ ފަހަރަށް ވޯޓު ކަރުދާސްކޮޅު ބަދަލުކުރި އިރު، ފަހުން ދިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް ހުރީ ކުރަހައިފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި އޮފިޝަލުންނަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.

އެ ވޯޓުފޮށީގައި ދިމާވީ ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް މިހާރު ދީފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފަހު ވޯޓުލާން މިހާރު ފަށާފައިވާ ކަމަށެވެ. އެ މައްސަލައިގައި ނިންމާފައިވަނީ އިތުރު ފޮއްޓަކަށް ވޯޓުލާން ފެށުމަށެވެ.

ވޯޓު ކަރުދާހުގައި ފާހަގަޖަހަން އިންނަ ގޮޅީގެ ބޭރުގައި އެއްވެސް އެއްޗެއް ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ.

އީސީން އެންމެ ފަހުން ބުނި ގޮތުގައި، ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފެށިތާ ފަސް ގަޑިއިރު ވީއިރު، މިހާތަނަށް 50 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ.