Roadha Mihaaru
ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން 9،000 ފޯމު

ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން އެއް ދުވަސް ތެރޭގައި 9،000 ފޯމު ހުށަހަޅައިފި

16 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓާކުރަން 9،000 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް އެއް ދުވަސް ތެރޭގައި ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓާކުރަން 9،000 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް އެއް ދުވަސް ތެރޭގައި ހުށަހަޅައިފި އެވެ.

ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަނަށް އީސީން ހުޅުވާލީ އިއްޔެ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރެޖިސްޓާކުރަން އިއްޔެ، 9،000 އަށް ވުރެ ގިނަ ފޯމު އެ ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން 7،000 ވުރެ ގިނަ ފޯމު ހުށަހެޅީ އޮންލައިންކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރުމަށް، އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން ގެންދާ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން އީސީގެ ފޯނު ނަންބަރަކުން ފޯމު ހުށަހަޅާ މީހުންނަށް ގުޅާނެ ކަމަށެވެ.

އެގޮތަށް އަމަލުކުރަން ފެށީ އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ފޯމު ހުށަހަޅާ ކަމުގެ ޝަކުވާ ބޮޑުވުމުންނެވެ.

"ސައްހަ ނޫން ފޯމެއް ހުށަހަޅައިފި ނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ވާހަކަ ވެސް ދަންނަވަން،" ހަބީބްގެ ޕޯސްޓުގައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެވަނަ ބުރުގެ ވޯޓު ލުން ބާއްވަނީ މި މަހު 30 ގަ އެވެ.