Roadha Mihaaru
ރީރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 ފޯމު

ދެ ވަނަ ބުރަށް ރީރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ ފޯމު

17 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން އެ ދުވަހު އެކަނިވެސް 9،206 ފޯމު ލިބުނު ކަމަށެވެ.

އިއްޔެ، 18،349 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅި ކަމަށް ހަބީބް ވިދާޅުވި އެވެ.

ދެ ދުވަސް ތެރޭ ޖުމްލަ 25،493 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅިއިރު، އޭގެ ތެރޭގައި ގިނައީ ހަބީބް ވިދާޅުވި ގޮތުގައި އޮންލައިންކޮށް ހުށަހެޅި ފޯމުތަކެވެ.

މިހާތަނަށް ހުށަހެޅި ފޯމު ތަކުގެ ތެރެއިން، 10،271 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އިރު، އެކިއެކި ސަބަބުތަކާ ހުރެ، 1،546 ފޯމު ރިޖެކްޓް ކުރި ކަމަށް ވިދާޅުވި އެވެ.

"ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ. އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިން ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމުން ރީ-ރަޖިސްޓަރީ ކުރި ކަމުގެ މެސެޖް އެ މީހަކަށް ލިބޭނެ އެވެ. އަދި މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފި ނަމަ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ލިބުން ނާދިރު ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނިކުންނަ އިރު، ދެވަނަ ބުރުގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ކުރަމުން އަންނަނީ، ހުށަހަޅާ މީހާ އަށް ނޭނގި، ވޯޓުތަކެއް ގެއްލުވައިލަން ކަމަށް ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

އެހެންކަމުން، އެ މީހަކު ވޯޓު ލާން ރަޖިސްޓްރީ ވެފައިވާ ތަން މިހާރު ވެސް ޗެކު ކުރަމުން ގެންދިޔުމަށް އީސީން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.