Roadha Mihaaru
މެދުއިނގިލީގައި ފާހަގަޖެހުމުގެ ނިންމުން ބަދަލުކޮށްފި

މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިލީގައި ފާހަގަ ޖަހަން ނިންމައިފި

28 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވޯޓުލީކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލުކޮށް، ވައަތުގެ ކަށި އިނގިލީގައި އެ ފާހަގަ ޖަހަން މިރޭ ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވޯޓުލީކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލުކޮށް، ވައަތުގެ ކަށި އިނގިލީގައި އެ ފާހަގަ ޖަހަން މިރޭ ނިންމައިފި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަޖެހީ ވައަތުގެ ޝަހާދަތް އިނގިލީގަ އެވެ. އެހެންވެ، އިލެކްޝަން ކޮމިޝަނުން މިއަދު ފުރަތަމަ ނިންމީ ދެވަނަ ބުރުގައި ވޯޓުލާ މީހުން ދެނެގަތުމަށް ކޮންމެ މީހެއްގެ ވައަތުގެ މެދު އިނގިލީގައި ފާހަގައެއް ޖެހުމަށެވެ.

ނަމަވެސް، އެގޮތަށް ނިންމުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކޮމިޝަނުން މިރޭ ބުނީ ވައަތުގެ މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިލީގައި ފާހަގަ ޖެހުމަށް ނިންމާފައިވާ ކަމަށެވެ.

ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން އެ ފާހަގަ ޖަހާނީ ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުންނެވެ. ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް، ފާހަގަ ޖަހާ އިނގިލި ބަދަލުކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އަދި އިނގިރޭސިވިލާތުގަ އެވެ.