ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެ އެވެ. އެންމެ ގިނަ އަމިއްލަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ކެންޑިޑެސީއާ ހިސާބުން ބައެއް މީހުން ފާހަގަ ކުރަން ފެށި އެއް މައްސަލައަކީ އަމިއްލަ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެންޑިޑޭޓުންނާ ދެމެދު ގާނޫނީ ގޮތުން ގެނެސްފައި އޮތް ތަފާތު ކުރުމާއި ގާނޫނުއަސާސީން ލިބިދޭ ހައްގެއް ބޭނުން ކުރުމަށްޓަކައި ދައުލަތަށް ދައްކަންޖެހޭ ފައިސާ އެވެ.
09 އޯގަސްޓް 2023
ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބު ބޯމަތިވެއްޖެ އެވެ. އެންމެ ގިނަ އަމިއްލަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ކެންޑިޑެސީއާ ހިސާބުން ބައެއް މީހުން ފާހަގަ ކުރަން ފެށި އެއް މައްސަލައަކީ އަމިއްލަ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެންޑިޑޭޓުންނާ ދެމެދު ގާނޫނީ ގޮތުން ގެނެސްފައި އޮތް ތަފާތު ކުރުމާއި ގާނޫނުއަސާސީން ލިބިދޭ ހައްގެއް ބޭނުން ކުރުމަށްޓަކައި ދައުލަތަށް ދައްކަންޖެހޭ ފައިސާ އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާގޮތުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޓޭޓެއް ނަމަ އެ މީހަކަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އަމިއްލަ ކެންޑިޓޭޓަކު މަޖިލިސް އިންތިހާބަށް ކުރިމަތިލާނަމަ އެ ދާއިރާއެއް 50 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ. ނަމަވެސް މި ދެ އިންތިހާބުގައި ވެސް ސިޔާސީ ޕާޓީއަކުން ކުރިމަތިލާ ކެންޑިޑޭޓުންގެ މިކަންކަން ކުރާކަށް ނުޖެހެ އެވެ.
"ފައިސާ ނެތުމަކީ އިންތިހާބަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ."
މީގެ އިތުރުން އިންތިހާބުގައި ބައިވެރިވުމަށް ހާއްސަ ފީއެއް ދައްކަން ޖެހެ އެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލާނަމަ އެއް ލައްކަ ރުފިޔާގެ ފީއެއް އަދި މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލާނަމަ 5،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް ގާނޫނުގައި އެގޮތަށް އޮތަސް، ގާނޫނު އަސާސީގައި ރައީސް ކަމުގެ ޝަރުތާއި މަޖިލިސް މެމްބަރުންގެ ޝަރުތު ބަޔާން ކުރާއިރު ވަކި އަދަދަކަށް ފައިސާ ދެއްކުމާއި ސޮއި ހަމަ ކުރުން ލާޒިމެއް ނޫނެވެ.
އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް ވާއިރު، ގާނޫނު އަސާސީގައި ނެތް ޝަރުތެއް ގާނޫނަކުން ގެނެވޭނެތޯ މިއީ ބައެއް ބޭފުޅުން އުފައްދަވާ ސުވާލެކެވެ.
"ފައިސާ ނެތުމަކީ އިންތިހާބަކަށް ކުރިމަތިލުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ނެތް ކަމަކާ މަތިކުރެވިގެން ނުވާނެ." މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދާދިފަހުން ކުރެއްވި ޓްވީޓެއްގައިވެ އެވެ.
ވޯޓު ފޮށްޓެއް --- ފޮޓޯ/މިހާރު
އެކަމަކު އޭގެ އަނެއްކޮޅުން ވިސްނާއިރު، މިފަދަ ހުރަސްތަކެއް ގާނޫނަކުން ކުރިމަތިކޮށްފައި އެ އޮތީ އިންތިހާބަކީ ކުޅޭ ކުޅޭ އެއްޗަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ބެލެވިދާނެ އެވެ.
"ބައެއް ބޭފުޅުން ވިދާޅުވެދާނެ ސޮއި ހަމަ ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ. އެކަމަކު ގައުމުގެ ރައީސް ކަމަށް ކުރިމަތިލާ ބޭފުޅެއް ވިއްޔާ ކޮންމެވެސް ސަޕޯޓެއް އެބަ އޮންނަންޖެހޭ ދެއްތޯ."
މިސާލަކަށް ރާއްޖެ ފަދައިން ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި ވެސް، ވަކި އަދަދެއްގެ ސޮއި އަމިއްލަ ކެންޑިޑޭޓުން ހަމަކުރަންޖެހެ އެވެ. ނަމަވެސް އެމެރިކާއަކީ ފެޑެރަލް ދައުލަތަކަށް ވާތީ އެކި ސްޓޭޓްތަކުގައި އޮންނަ އުސޫލުތައް ތަފާތެވެ.
ނަމަވެސް ގިނަ ގައުމުތަކުގައި އިންތިހާބުތަކުގައި ކެންޑިޑޭޓުން އަތުން ނަގާ ފީއަކީ އިންތިހާބުގައި ވަކި އަދަދަކަށް ވޯޓު ލިބުމުން އަނބުރާ ލިބޭ އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި އޮންނަ ގޮތުން އިންތިހާބު ކާމިޔާބު ވިޔަސް އަދި ނުވިޔަސް އެ ފައިސާއެއް އަނބުރާ ނުލިބެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އޭނާގެ އަމިއްލަ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި ކެންޑިޑޭޓުން އަތުން ފީ ނެގުމާއި ސޮއި ހަމަކުރަން ލާޒިމް ކުރުމަކީ ކެންޑިޑޭޓުންގެ ގާބިލްކަން ކަށަވަރު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
"ބައެއް ބޭފުޅުން ވިދާޅުވެދާނެ ސޮއި ހަމަ ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ. އެކަމަކު ގައުމުގެ ރައީސް ކަމަށް ކުރިމަތިލާ ބޭފުޅެއް ވިއްޔާ ކޮންމެވެސް ސަޕޯޓެއް އެބަ އޮންނަންޖެހޭ ދެއްތޯ. މިއީ ކުޅޭ ކުޅޭ ކަމެއް ނޫން. ސީރިއަސް ކަމެއް މިއީ. މިކަމުގެ ޒާތާއި ބާވަތާއި މީގެ ސީރިއަސް ކަމާއި މި ހުރިހާ ކަމަކަށް ބަލާއިރު އަޅުގަނޑަށް ފެނޭ މަދުވެގެން 2،000 މީހުންގެ ސޮއި ހަމަކުރުން ވެސް މުހިންމު ކަމަށް." ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ކެންޑިޑޭޓުން އަތުން ނަގާ ފީއަކީ ވެސް އެ މީހަކީ އެފަދަ ޒިންމާއެއް އުފުލުމުގެ މާލީ ގާބިލްކަން ހުރި މީހެއްކަން ކަށަވަރު ކުރުމަށް މުހިންމު ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ކަމަށް ކުރިމަތިލާއިރު މިހާރު ދައްކަންޖެހޭ އެއްލައްކަ ރުފިޔާ ވެސް އިތުރަށް ބޮޑުކުރަން ޖެހެ އެވެ.
"ރައީސް ކަމަށް ކުރިމަތިލަންޏާ އެބަ ހުންނަންޖެހޭ ދެއްތޯ ކޮލިޓީސްތަކެއް. އޭނާއަކީ އެފަދަ މަގާމެއް އަދާކުރެވޭ ފެންވަރުގެ މީހެއްކަން އެބަ ޖެހޭ ދެއްތޯ އެނގެން. އެހެން ނޫނީ ރައްޔިތުންނަށް އޭގެ ގެއްލުން ބޮޑުވާނެ." އޭނާ ވިދާޅުވި އެވެ.
އިންތިހާބެއްގައި ވޯޓު ގުނަނީ --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި ބަޔާންކުރާ އިންތިހާބުގެ ޝަރުތުތަކުގެ ތެރޭގައި އެކަން ހިމެނިފައި ނެތުމަކީ އެ ހައްގު ގާނޫނަކުން ހަނި ނުކުރެވޭނެ ސަބަބެއް ނޫނެވެ. އެގޮތުން ބައެއް ހައްގުތަކުން ބާވަތުން އެ ހައްގުތައް ހަނި ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ދެ ލައްކަ ރައްޔިތުން އެއްފަހަރާ ކުރިމަތިލީމަ ދައުލަތުގެ އެތައް ރިސޯސްއެއް އަދި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ އެކަމަށް."
"ގާނޫނުއަސާސީން ލިބޭ ހައްގެއް އެއީ. އެކަމަކު ގާނޫނު އަސާސީގައި ވެސް އޮވޭ އަސާސީ ހައްގެއް ގާނޫނަކުން ހަނި ކުރެވިދާނެއޭ. ހައްގުތަކުގެ ތެރޭގައި ވެސް އެބަހުރޭ އެކި ކަހަލަ އެކި ބާވަތުގެ އަސާސީ ހައްގުތައް." ދުސްތޫރީ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލުމުގައި އެފަދަ އިތުރު ޝަރުތުތަކެއް ކުރިމަތިކުރަނީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ނުދިނުމަށެވެ.
"ބޭނުން ކޮންމެ މީހަކު އިންތިހާބަށް ކުރިމަތިލާން ދޭންވީތޯ ފުރުސަތު. ދެ ލައްކަ ރައްޔިތުން އެއްފަހަރާ ކުރިމަތިލީމަ ދައުލަތުގެ އެތައް ރިސޯސްއެއް އަދި އެތައް ވަގުތެއް ހޭދަކުރަން ޖެހޭ އެކަމަށް. އޭރުން ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުމުގައި ސީރިއަސް ކަމެއް ނޯންނާނެ ދެއްތޯ." އޭނާ ވިދާޅުވި އެވެ.
އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެ ރައްޔިތަކަށް އޮތް ހައްގެކެވެ. ނަމަވެސް ބަޔަކަށް ގެއްލުމެއް ދިނުމަށްޓަކައި އިންތިހާބުތައް ގަޑުބަޑު ކުރުމުގެ ފުރުސަތު ވެސް ދެވިގެން ނުވާނެ އެވެ. އެހެންވެ، އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމަށްޓަކައި އޮންނަ ހުރަސްތަކަކީ އިތުރަށް ވިސްނަންޖެހޭ ކަމެކެވެ.
ނިޒާމަށް ގެންނަ ބަދަލެއް އަދި އިސްލާހެއް ނެތި ވޯޓެއް؟
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ
އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް
ޕާޓީތަކަށް ދޭ ފައިސާ މަދުކުރާ ބިލް ބަލައިގެންފި
ގަވާއިދާހިލާފުވާ ޕާޓީތަކަށް އަޅާ ފިޔަވަޅު ވަރުގަދަކުރަނީ
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 325 ޝަކުވާ
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަނީ