27 ސެޕްޓެމްބަރ 2023
ވާދަވެރި ރިޔާސީ އިންތިހާބެއްގެ މެދުން ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމީ އެވެ. އެކަމަކު ރިޔާސީ އިންތިހާބަކަށް އާ ދައުރެއް ނުފެށެނީސް ވެރިކަން ނިޒާމު ބަދަލު ކުރުމުގެ އިންތިހާބަކަށް ދާއިރު ގެންނަން މި އުޅޭ ނިޒާމެއްގެ ތަސައްވުރެއް މިހާތަނަކަށް ނެތެވެ.
ވާދަވެރި ރިޔާސީ އިންތިހާބެއްގެ މެދުން ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމީ އެވެ. އެކަމަކު ރިޔާސީ އިންތިހާބަކަށް އާ ދައުރެއް ނުފެށެނީސް ވެރިކަން ނިޒާމު ބަދަލު ކުރުމުގެ އިންތިހާބަކަށް ދާއިރު ގެންނަން މި އުޅޭ ނިޒާމެއްގެ ތަސައްވުރެއް މިހާތަނަކަށް ނެތެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އޮތްގޮތުން ނަމަ ބުނާގޮތުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާނަމަ އެންމެ ފުރަތަމަ އަމަލު ކުރަންޖެހޭ ގޮތަކީ ގާނޫނު އަސާސީއަށް އެފަދަ އިސްލާހެއް ގެނައުމުގެ ބިލެއް މަޖިލީހުން ފާސް ކުރުމެވެ. އަދި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނީ އެ އިސްލާހު ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިންނެވެ. ނަމަވެސް މިހާރު ނިޒާމު ބަދަލު ކުރުމާ ގުޅޭ ކަންކަން މި ހިނގަނީ އެއާ ދިމާ އިދިކޮޅަށެވެ. ގެނައި އިސްލާހެއް ނެތެވެ. ހަމައެކަނި އޮތީ މަޖިލީހުގެ ހިޔާލުތަކެކެވެ.
ބަރުލަމާނީ ނިޒާމު އޮންނާނެ ގޮތް ކަމަށް ބުނެ މަޖިލީހުން ހާމަކުރީ ކަރުދާހުގައި އޮތީ ސެމީ ޕާލިމެންޓްރީ ނިޒާމުގެ ސިފަތަކެއް ހިމެނޭ ގޮތަށް އޮތް ނިޒާމެކެވެ. އެހެންވެ، ބަރުލަމާނީ ނިޒާމެއް ގެންނަން ފެނޭތޯ ވޯޓެއް ނަގާއިރު ގެންނަން މި އުޅެނީ ހަގީގީ ބަރުލަމާނީ ނިޒާމެއްކަން ވެސް ޔަގީނެއް ނޫނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ވޯޓު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އެންގުމަކަށެވެ. އޭރު އެމްޑީޕީ އާއި ޑީއާރުޕީގެ މެދުގައި ހިންގި ވާދަވެރި ކެމްޕެއިނަކަށް ފަހު އިންތިހާބުގެ ނަތީޖާ އޭރު ބުރަވީ ޑީއާރުޕީން ތާއީދުކުރި ރިޔާސީ ނިޒާމަށެވެ. ނަމަވެސް އެ ނަތީޖާގެ މައްޗަށް ބުރަވެ ގާނޫނު އަސާސީ ލިޔެ ނިމުނުއިރު އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ހިމެނޭ ގޮތަކަށް ނޫނެވެ.
މިސާލަކަށް ރައީސުލް އައްޔަން ކުރާ ނައިބު ރައީސާއި ވަޒީރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް، މަގާމުން ދުރުކުރަނީ ސިޔާސީ ގޮތުން ދަތި ކުރުމަށެވެ. މަގާމުގެ ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ މަޖިލީހުން ވަޒީރުން ވަކިކުރާއިރު އެ ވަޒީރާ ޒިންމާތައް ހަވާލުކުރި ރައީސްގެ ކުރެން ހޭ ވެސް އަހާލުމެއް ނެތެވެ.
މިކަން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް ފާހަގަ ކޮށްފައިވެ އެބައޮތެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މައްސުނިވެފައިވާ ހައިބްރިޑް ނިޒާމެއްގެ މައްޗަށް..." ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމުގައިވެ އެވެ.
އިންތިހާބެއްގައި މީހަކު ވޯޓުލަނީ --- ފޮޓޯ/މިހާރު
މިފަދަ އެތައް މައްސުނި ސިފަތަކެއް މިހާރު ވެސް ރާއްޖޭގެ ގާނޫނު އަސާސީގައި އެބަހުއްޓެވެ. އެހެންވީއިރު ގެންނަން އުޅެނީ ކޮން ވައްތަރެއްގެ އަދި ކިހާ ބާރުތަކެއް އޮތް ބަރުލަމާނީ ނިޒާމެއްކަން ނޭނގެނީސް، ފެންނަ ނުފެންނަ ވޯޓަށް ގޮސްފިނަމަ އަނެއްކާވެސް މި މައްސަލަތައް އަނެއްކާވެސް ދިމާވެދާނެ އެވެ.
އަންނަ މަހު ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު، ކުރިން ދިމާވި މައްސަލަ މިފަހަރު ދިމާވެދާނެ ކަމަށް ބެލެވޭ ސަބަބުތައް މިހާރު ވެސް މި ދަނީ ފެންނަމުންނެވެ. މިސާލަކަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކުރެއްވި ކަރުދާހުގައި އޮތީ ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކާ ތަފާތުކޮށް ރައްޔިތުންގެ ސީދާ ވޯޓަކުން ރައީސަކު އިންތިހާބުކުރާ ގޮތަށެވެ. ނަމަވެސް އެއީ ބަރުލަމާނީ ނިޒާމާ ތަފާތު، ސެމީ ޕާލިމެންޓްރީ ނިޒާމެއްގެ ސިފައެކެވެ.
ހަމައެހެންމެ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް އެކި ގައުމުތަކުގައި އަމަލުކުރާ މޮޑެލްތައް ތަފާތެވެ. މިސާލަކަށް، ބަރުލަމާނީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި ރައީސަކީ ރަމްޒީ މަގާމެއް ކަމަށް ވިޔަސް، އަނެއް ބައި ގައުމުތަކުގައި ރައީސާއި ބޮޑުވަޒީރަށް ވެރިކަމުގެ ބާރުތައް އޮވެ އެވެ. އަދި ސްރީލަންކާ ފަދަ ބައެއް ގައުމުތަކުގައި ބޮޑުވަޒީރަކީ ނައިބު ރައީސަކާ އެއްފަދަ ޒިންމާތަކެއް އަދާކުރަން ރައީސް އައްޔަން ކުރައްވާ ވަޒީރެކެވެ.
ބަރުލަމާނީ ނިޒާމު އޮންނަ ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި، އާ އިންތިހާބަކަށް ގޮވާލުމުގެ ބާރު ރައީސަށް އޮވެ އެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅިފައިވާ ކަރުދާހުގައި ރައީސަށް އެ ބާރެއް ދޭ ގޮތަކަށް ހިމެނިފައެއް ނެތެވެ. މާނައަކީ ރައީސަކީ ފަތްކޮޅު އެރުވުމާއި ބިލް ތަސްދީގު ކުރެއްވުން ފަދަ ރަމްޒީ ދައުރެއް އޮންނާނެ ބޭފުޅެކެވެ. އެހެންވީއިރު، ރަމްޒީ ޒިންމާތަކެއް އަދާކުރަން ރައްޔިތުންގެ ވޯޓަކުން ރައީސަކު ހޮވާ ގޮތަށް ބަދަލު ގެނައުމުގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފެދެ އެވެ.
ހަމައެހެންމެ، މިސާލަކަށް އެ ހުށަހެޅުމަށް ނިޒާމީ ވޯޓުގައި ރައްޔިތުންގެ ތާއީދު ލިބުނަސް ގާނޫނު އަސާސީ އިސްލާހު ކުރާއިރު އިތުރު ބަދަލުތަކެއް އަނެއްކާވެސް ނާންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އަދި ތަސްދީގު ކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓަކަށް އަނެއްކާވެސް ދާން ޖެހޭނެ އެވެ.
ކުރިން ވެސް ފާހަގަކުރި ފަދައިން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ގެންނަން އުޅޭ ބަދަލެއް ޔަގީން ވުމުންނެވެ. ނަމަވެސް އޭގެކުރިން ފެންނަ ނުފެންނަ ވޯޓަކަށް ދާން މަޖިލީހުން ނިންމީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހަށް އޮންނަ ބާރުގެ ބޭނުންކޮށްގެންނެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުން ފާސްކުރާ ގަރާރަކުން އެފަދަ ވޯޓަކަށް ނުދެވޭނެ އެވެ. އަދި ނިޒާމު ބަދަލުކުރުމާ މެދު އެފަދަ ވޯޓެއް ނެގޭނީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއްގެ ގޮތަށް އެފަދަ އިސްލާހެއް މަޖިލީހުން ފާސްކޮށްގެން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"މަޖިލީހުގެ އެންމެ 35 މެމްބަރުން ފާސްކުރާ ގަރާރަކުން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މިގޮތަށް ވޯޓު ނެގޭނީ ގާނޫނު އަސާސީގައި ބުނާގޮތަށް ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިއްޔަތުން އިސްލާހު ފާސްކޮށްގެން." އެއް ވަކީލަކު ވިދާޅުވި އެވެ.
ރައީސާއި މަޖިލީހުގެ ރައީސް ސަލާމް ކުރައްވަނީ --- ފޮޓޯ/މިހާރު
ބަރުލަމާނީ ނިޒާމު ރާއްޖޭގައި އޮންނާނެ ގޮތް ބުނެ މަޖިލީހުން މައުލޫމާތުތަކެއް އާންމު ކޮށްފައި ވިޔަސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނީ ހައިސިއްޔަތެއް އޮތް އެއްޗެއް ނޫނެވެ. އެހެންވެ، ނިޒާމަށް ގެންނަ ބަދަލެއް ރައްޔިތުންނަކަށް އެނގޭނީ އިސްލާހެއްގެ ގޮތަށް ފާސްކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަރުލަމާނީ ނިޒާމެކޭ ބުނާއިރު ކޮން ކަހަލަ ބަރުލަމާނީ ނިޒާމެއްތޯ މި ގެންނަނީ. ވެސްޓްމިނިސްޓާ މޮޑެލްގެ ނިޒާމެއްތޯ. ރިޔާސީ ނިޒާމުގެ ސިފަތަކެއް އެކުލެވޭ ފަދަ ބަރުލަމާނީ ނިޒާމެއްތޯ މިއިން އެއްވެސް ކަމެއް އަދި ނޭނގެ." ދުސްތޫރީ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.
"ގަރާރެއް ވިޔަސް އަދި ކޮންމެ ނަމެއް ކިޔަސް މަޖިލީހުގެ ވިސްނުމެއް މިހާރު އެ އޮތީ ފެންނަން. އެއަކަށް ގާނޫނީ ހައިސިއްޔަތެއް ނުލިބޭ. ހައިސިއްޔަތެއް ލިބޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައިގެ އަޣުލަބިއްޔަތުން ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ގޮތަށް ފާސްކުރީމަ." އޭނާ ވިދާޅުވި އެވެ.
އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫނެވެ. އެ ބޭފުޅުން ފާހަގަ ކުރެއްވީ 2007 ވަނަ އަހަރު ރިޔާސީ ނިޒާމަކަށް ރައްޔިތުން ތާއީދު ކުރިޔަސް، މައްސުނި ގޮތަކަށް ގާނޫނު އަސާސީ ލިޔެފައި އޮތް އޮތުމެވެ.
"ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓު ދިނުމުން އެ ނިޒާމުގެ ސިފަތަކުގެ ތެރެއިން ދުސްތޫރުގައި އެކުލެވިގެންވަނީ ހަމައެކަނި އެ ނިޒާމުގައި ވެރިކަން ކުރުމުގެ ބާރު އެކުލެވިގެންވާ ގޮތް. ގިނަ ގުނަ ބަރުލަމާނީ ސިފަތަކެއް މިހާރުގެ ދުސްތޫރުގައި ހިމެނިގެންވޭ." ޑރ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަކީ ވޯޓު ކަރުދާހުގައި ޖަހާލާ އެންމެ ފާހަގައަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. ގާނޫނު އަސާސީއަށް އިސްލާހު ނުގެނެސް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ބަދަލު ގެނައުމުން ކުރިން ވެސް ދިމާވި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.
ހައްގެއް ހޯދަން 1،500 ސޮއި، އެއްލައްކަ ރުފިޔާ!؟
އީސީގެ މެމްބަރުންނަށް ފިޔަވަޅު އަޅަންޖެހޭ: ނަޝީދު
އަސާސީ ހައްގެއް ހަނިކުރުމުގެ އެހެން ބޮޅެއް
ދެ އިންތިހާބު އެއްކޮށްލަން ގާނޫނު އިސްލާހުކުރަނީ
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 325 ޝަކުވާ
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަނީ
މަޖިލީހުގެ އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ
93 ގޮނޑިއާ އެކު އިންތިހާބީ ދާއިރާތައް ކަނޑައަޅައިފި
ބަރުލަމާނީގެ ހުށަހެޅުމަކީ ރައްޔިތުން ރައީސް ހޮވުން
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟