Roadha Mihaaru
93 ގޮނޑިއާ އެކު އިންތިހާބީ ދާއިރާތައް ކަނޑައަޅައިފި

މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކު އިންތިހާބީ 93 ދާއިރާ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށްފި

27 ސެޕްޓެމްބަރ 2023

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކޮށްފި އެވެ.

އީސީން އާންމުކުރި ރިޕޯޓުގައި ބުނީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ގޮނޑީގެ އަދަދަކީ 93 ކަމަށެވެ. އެހެންވެ، އެ އިންތިހާބުގައި އިތުރު ހަ ގޮނޑިއަށް މެމްބަރުން ވާދަކުރާނެ އެވެ. މިހާރު މަޖިލީހުގެ ގޮނޑީގެ އަދަދަކީ 87 އެވެ.

އިތުރުވި ދާއިރާތައް

1. ހުޅުމާލެ މެދު ދާއިރާ

2. ހުޅުމާލެ އުތުރު ދާއިރާ

3. ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ)

4. ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ)

5- ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ)

6- ފޭދޫ އުތުރު ދާއިރާ (ސ. ފޭދޫ، މަރަދޫފޭދޫ)

އެ ބަދަލާ އެކު، ބ. އޭދަފުށި، ގއ. ވިލިނގިލި އަދި ރ. މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި، ބައެއް އިންތިހާބީ ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވެ އެވެ. ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.

އީސީން ބުނީ މާދަމާ އިން ފެށިގެން އަންނަ މަހު 19 ގެ ނިޔަލަށް މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.