Roadha Mihaaru
ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ ޖަލުތަކެއް

ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ ޖަލުތަކެއް

11 ޖުލައި 2023

އިޒްރޭލު ސަރުކާރުން އުޅެނީ، އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި 1967 ވަނަ އަހަރުން ފެށިގެން، ފަލަސްތީނުގެ 800000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ގައިދުކޮށްގެން ކަމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އިއްޔެ ބުނެފި އެވެ.

އިޒްރޭލު ސަރުކާރުން އުޅެނީ، އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި 1967 ވަނަ އަހަރުން ފެށިގެން، ފަލަސްތީނުގެ 800000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ގައިދުކޮށްގެން ކަމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އިއްޔެ ބުނެފި އެވެ.

އެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނޭޒް އިއްޔެ ވިދާޅުވި ގޮތުގައި، އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތައް، 1967 ވަނަ އަހަރުން ފެށިގެން އޮތީ އިޒްރޭލުން ހިސޯރުކޮށްފަ އެވެ. އެހެންކަމުން އެ ބިންތަކުގައި ދިރިއުޅޭ އެންމެންނަކީ ވެސް، މިނިވަންކަމެއް ނެތި ގައިދުކޮށްފައި ތިބި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުވެތިކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ މީހުންގެ އިތުރުން، އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު ރައްޔިތުންގެ އަދަދު ވެސް 5000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި 160 ކުޑަކުދިން ވެސް ހިމެނެ އެވެ. ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 1100 މީހުންނަކީ، އިޒްރޭލު ސަރުކާރުން އެމީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނެތް މީހުންނެވެ.

އދ.ގެ ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނޭޒް ވިދާޅުވި ގޮތުގައި އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނާ މެދު އިޒްރޭލުން މުއާމަލާތު ކުރަނީ، ޖަލެއްގައި ގައިދުކޮށްފައި ތިބޭ ބައެއް ފަދައިންނެވެ. އެހެންކަމުން މިހާރު އެ ބިންތަކަކީ އާންމުކޮށް ހުޅުވައިލެވިފައި އޮތް ޖަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފަށް ފަލަސްތީނު ރައްޔިތުން ޖަލުތަކުގައި ގައިދުކޮށްގެން ގެންގުޅުމަކީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރުން މިހާރުން މިހާރަށް ތަހުގީގުކުރަންޖެހޭ، ބައިނަލްއަގުވާމީ ޖަރީމާއެއްގެ ދަރަޖައިގައި ހިމެނޭ ކަމެއް،" ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނޭޒް، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓްގައިވެ އެވެ.

"މީގެ އިތުރުން، އިޒްރޭލު ސަރުކާރުގެ މި ޖަރީމާތަކަކީ، އަޅުވެތިކޮށްފައިވާ ސަރަހައްދުތަކުން ފަލަސްތީނު މީހުން ހުސްކުރުމަށް ރާވާފައިވާ ރޭވުމުގެ އެއް ބައި. މި ކަމުގެ ސަބަބުން، ފަލަސްތީނު ރައްޔިތުންގެ ގައުމިއްޔަތު ދެމިއޮތުން ވަނީ ނުރައްކަލަށް ހުށަހެޅިފައި."

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ކޮންމެ މީހަކާ މެދު އިޒްރޭލުން ދެކެނީ، އެމީހުންގެ މައްޗަށް ހެއްކެއް ނެތް ނަމަވެސް، ކުށްވެރިވެފައިވާ މީހެއްގެ ގޮތުގަ އެވެ. އަދި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި ކަމަށާއި ޖަލުތަކުގައި ބަންދުކޮށްފައި ތިބީ އެއްވެސް ދައުވާއެއް ނުކޮށް އަދި ޝަރީއަތެއް ވެސް ނުހިންގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ހައްޔަރުކޮށްފައި ތިބި 5000 އަށް ވުރެ ގިނަ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ޖަލުތަކުގައި ލާއިންސާނީ ބޮޑެތި އަނިޔާތައް ދޭ ކަމަށް ވެސް، ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނޭޒްގެ ރިޕޯޓްގައިވެ އެވެ. އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި، ފަލަސްތީނު ރައްޔިތުންގެ އެތައް ޖީލެއްގެ ބަޔަކު ވަނީ، ގަދަބާރުން ހައްޔަރުކޮށް އެމީހުންގެ މިނިވަންކަން ނިގުޅައިގެންފައި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

"މިއީ ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް، އަދި މިކަންތައް ވަގުތުން ހުއްޓައިލަންޖެހޭ."

އޭގެ އިތުރުން، ޚާއްސަ ރެޕަޓުއާ ފްރަންޗެސްކާ އަލްބަނޭޒްގެ ރިޕޯޓްގައި، ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ޚިލާފަށް ޔަހޫދީންނަށް ގެދޮރު އިމާރާތްކުރުމަށް އިޒްރޭލުން ކުރާ މަސައްކަތަށް ތާއީދު ނުކުރުމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުތަކަށް ގޮވާލާފައިވެ އެވެ. އަދި އިޒްރޭލުން ހިންގާ މި ޖަރީމާތަކާ މެދު އިޒްރޭލު ސަރުކާރު ޒިންމާދާރުކުރުވުމަށް ވެސް ގޮވާލައްވާފައިވެ އެވެ.

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސަރުކާރުން ޔަހޫދީންނަށް ހަދައިދޭ ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ، އިޒްރޭލުގެ ކުންފުނިތަކުގެ އިތުރުން، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނެދަލޭންޑްސް، ފަރަންސޭސި ވިލާތް، ސްޕެއިން އަދި ލަގްޒަމްބާގްގެ ކުންފުނިތަކެވެ.