20 އޮކްޓޯބަރ 2023
ކަންޢާން އާއި އެ ބިމުގެ ވަށައިގެންވާ ބިންތައް (ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ޖެހެންދެން) މާތްﷲ ޔަހޫދީންނަށް މިލްކު ކޮށްދެއްވާނެ ކަމުގެ ވައުދު އެ މީހުންގެ މުގައްދަސް ފޮތުގައި އައިސްފައި ވާތީ ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށް އެ ބައިމީހުން ދައުވާ ކުރެ އެވެ. މިކަމަށް ބާރު ލިބޭ އެހެން ބައެއް ކަންކަން ވެސް އެ މީހުން ފާހަގަ ކުރެ އެވެ.
ކަންޢާން އާއި އެ ބިމުގެ ވަށައިގެންވާ ބިންތައް (ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ޖެހެންދެން) މާތްﷲ ޔަހޫދީންނަށް މިލްކު ކޮށްދެއްވާނެ ކަމުގެ ވައުދު އެ މީހުންގެ މުގައްދަސް ފޮތުގައި އައިސްފައި ވާތީ ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށް އެ ބައިމީހުން ދައުވާ ކުރެ އެވެ. މިކަމަށް ބާރު ލިބޭ އެހެން ބައެއް ކަންކަން ވެސް އެ މީހުން ފާހަގަ ކުރެ އެވެ.
އޭގެ ތެރެއިން އެއްކަމަކީ އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނާ ހަމައިން ފެށިގެން މޫސާގެފާނާއީ ޔޫޝަޢުގެފާނާ ހަމައަށް ޔަހޫދީންގެ ކާބަފައިން އެ ބިމުގައި ދިރިއުޅެމުން ދިއުމެވެ. ދެ ވަނަ ކަމަކީ ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ޒަމާނުގައި ޔަހޫދީންގެ ރަސްކަން އެ ބިމުގައި ކުރުމެވެ. ތިން ވަނަ ކަމަކީ މީލާދީން 70 ވަނަ އަހަރުން ފެށިގެން ޔަހޫދީންތައް އެ ބިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަހާލެވުމާ ހަމައާ ޖެހެންދެން ވެސް އެ ބިމުގައި ޔަހޫދީން ދިރިއުޅެމުން ގެންދިއުމެވެ. ހަތަރު ވަނަ ކަމަކީ ޔަހޫދީންނަކީ އެހެން އެންމެންގެ ތެރެއިން ﷲ އިހުތިޔާރު ކުރެއްވި މާތް ދަރިކޮޅެއް ކަމަށް ވުމެވެ.
މި ދައުވާ އަށް ބަލާއިރު ތާރީޚީ ގޮތުން ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ކަމަކީ ޔަހޫދީން ދުނިޔެ އަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ފަލަސްތީނުގެ ބިމުގައި އެހެން ދަރިކޮޅުތައް ދިރިއުޅެމުން ދިޔަ ކަމެވެ. އެ ބިމުގެ އުތުރު ބައިގައި މީލާދީގެ ކުރިން 3،000 އަހަރުން ފެށިގެން ފީނީޤީން ދިރިއުޅުނެވެ. އެ އަށް ފަހު މީލާދީގެ ކުރިން 2،500 ވަނަ އަހަރުން ފެށިގެން އެ ބިމުގެ މެދުބައިގައި އަރަބި ކަންޢާނީ ދަރިކޮޅުގެ މީހުން ދިރިއުޅެން ފެށި އެވެ. އެ އަށް ފަހު މީލާދީގެ ކުރިން 1،200 ވަނަ އަހަރުން ފެށިގެން ކްރީތު ޖަޒީރާގެ ފަލަސްޓީނު ކިޔާ ބަޔަކު ޔާފާ އާއި ޣައްޒާއާ ދެމެދުގެ ބިންތަކުގައި އުޅެން ފެށި އެވެ. ކަންޢާނީން މި ބައިމީހުނަށް ފަލަސްތީނީންއޭ ކިޔެވެ. އެއާ އެކު، އެ މީހުންނަށް ނިސްބަތްކޮށް މުޅި އެ ބިމަށް ވެސް ފަލަސްތީންގެ ނަން އާންމު ކުރެވިގެން ދިޔަ އެވެ. ބަނީއިސްރާއީލު (ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު) އަށް ނިސްބަތްވާ ޔަހޫދީން އެ ބިމަށް ޔޫޝަޢުގެފާނާ އެކުގައި ވަނުމަށް ފަހު އެ ބިމުގައި ދިރިއުޅެމުން ދިޔަ އެހެން ޤަބީލާތަކާ އެކު ތަފާތު ހަނގުރާމަތައް ކޮށް، މީލާދީން 70 ވަނަ އަހަރުން ފެށިގެން އެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭރުކޮށްލެވިގެން ދިޔަ އެވެ.
ދެ ވަނަ ކަމަކީ ފަލަސްތީނަށް މިހާރު ހިޖުރަ ކޮށްފައިވާ ގިނަ ޔަހޫދީންނަކީ ބަނީ އިސްރާއީލުގެ މީހުން ކަމަށް ނުވުމެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ މީހުންނަކީ ރަޝިއާގެ ދެކުނުގައި އޮންނަ ޚަޒަރް ކިންގްޑަމް ގެ ނަސްލުގެ ބައެކެވެ. އެ މީހުންގެ ކާބަފައިން ދުވަހަކު ވެސް ފަލަސްތީނުގެ ބިމުގައި ފައި ޖައްސާލާފައި ވެސް ނުވެ އެވެ.
ތިން ވަނަ ކަމަކީ ބަނީއިސްރާއީލުން ފަލަސްތީންގައި ދިރިއުޅުނީ އެންމެ ގިނަ ވެގެން ވެސް ފަސް ވަރަކަށް ގަރުނު ކަމުގައި ވުމެވެ. އެ އަށް ފަހު އެ މީހުން އެ ރަށުން ބޭރުކޮށްލެވިގެން ދިޔަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ އެ މީހުންނަށް ﷲ ދެއްވި އުޤޫބާތެކެވެ.
ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ ހަނގުރާމައިގައި، ހަމަލާދީ ފުނޑުފުނޑުކޮށްލި ގާޒާގެ އަލް އަހްލީ ހޮސްޕިޓަލް.
ދެން އޮތީ ދީނީގޮތުން މި ދައުވާގެ ހަގީގަތަށް ބަލައިލުމެވެ. މިގޮތުން ބަލާއިރު ފާހަގަ ކުރެވޭ އެއްކަމަކީ އެ މީހުންގެ މުޤައްދަސް ފޮތްތަކުގައި ހުރި ކަމަށް އެ ދައުވާ ކުރާ ނައްޞުތަކަކީ އޭގެ ސައްހަކަން ކަށަވަރު ކުރެވެން ނެތް ނައްސުތަކަކަށް ވުމެވެ. ސަބަބަކީ އެ މީހުންނަކީ، އެ މީހުންގެ އަހުދު އުވާލައި ފޮތުގެ ކަލިމަތައް އޭގެ އަސްލުން ނަގައި ތަޙުރީފު ކުރި ބައެއް ކަމުގައި ﷲ ބަޔާން ކުރައްވާފައި ވުމެވެ. (އަލްމާއިދާ 13).
ދެ ވަނަ ކަމަކީ، އެ މީހުންގެ ފޮތުގައި ހުރި ވާހަކަތައް ސައްހަ ކަމަށް ބެލިޔަސް އެ މީހުން އެ ބުނާ ގޮތަށް އެ ފޮތުގައި ސަރީހަކޮށް ނެތުމެވެ. އެ މީހުންގެ ފޮތްތަކުން ވެސް އެނގެން އޮތީ އިބްރާހީމްގެފާނަށް ކަންޢާންގެ ބިން ﷲ ދެއްވި ކަމެވެ. އެހެންކަމުން އެ ބިމުގައި ދިރިއުޅުމުގެ ހައްގު އިބްރާހީމްގެފާނުގެ އެންމެހާ ދަރިފަސްކޮޅަށް ލިބިގެންވާނެ އެވެ. އޭގެ ތެރޭގައި ޔަހޫދީން (އަސްލު) ނިސްބަތްވާ އެހެން ބަނީ އިސްރާއީލުން ހިމެނޭނެ އެވެ. އިބްރާހީމްގެފާނަކީ ޔަހޫދީއެއް ކަމަށް ޔަހޫދީން އަދި ނަޞާރާއެއް ކަމަށް ނަޞާރާއިން ކުރި ދައުވާތަކަށް ދެވިފައިވާ ރައްދެއްގެ ގޮތުގައި ޤުރްއާނުގައި ބަޔާން ކޮށްފައި ވަނީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަސްބާޠު އެއީ ޔަހޫދީން ނުވަތަ ނަޞާރާއިން ކަމުގައި ނުވާނެ ކަމަށެވެ. (އަލްބަޤަރާ 140).
ތިން ވަނަ ކަމަކީ ވައުދު ވެވިގެންވާ ބިމުން ޔަހޫދީންނަށް ހައްގު ވާނެ ކަމަށް ބެލިޔަސް އެ މީހުންގެ ފޮތުން ވެސް ޤުރްއާނުން ވެސް އެނގެނީ އެއީ އަބަދުގެ އަބަދަށް އޮތް ވައުދެއް ނޫން ކަމެވެ. ސަބަބަކީ ﷲ އެ ވައުދު ކުރައްވާފައި ވަނީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ނަސްލުގެ މީހުން އީމާންކަން މަތީ ދެމިތިބި ހިނދު ދެއްވި ނިއުމަތެއްގެ ގޮތުގައި ކަމަށް ވާތީ އެވެ. މިކަން ކަށަވަރު ވަނީ ބަނީއިސްރާއީލުންގެ ތެރެއިން ނަބީބޭކަލުން ފޮނުއްވި ކަމާއި އެ މީހުންގެ ތެރެއިން ރަސްރަސްކަލުން ލެއްވި ކަމާއި އެ ޒަމާނުގެ އެއްވެސް ބަޔަކަށް ނުދެއްވާ ފަދަ ނިއުމަތްތައް ﷲ ދެއްވިކަން ބަޔާން ކުރެއްވުމަށް ފަހު ދެން އޮތް ބަސްފުޅުންނެވެ.
"އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! މުޤައްދަސް ވެގެންވާ ބިމަށް ތިޔަބައި މީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ވެގެން ހިނގައިދާނެ އެވެ." (އަލްމާއިދަތު 21).
މި އާޔަތުގައި މި ބަޔާންކުރާ ބިން ބަނީއިސްރާއީލުންނަށް ކަނޑައެޅިގެން ވަނީ އަބަދަކަށް ނޫން ކަމަށް ތަފްސީރު އިލްމުވެރިން ވިދާޅުވެ އެވެ. އެއީ ﷲ އަށް ފުރަގަސްދީ، އެނބުރި ހިނގައްޖެ ނަމަ އެ މީހުން ގެއްލެނި ވެގެން ދާނެ ކަމަށް އޮތުމުންނެވެ. ތާރީހީ ގޮތުން ބަލާއިރު ވެސް އެ މީހުން ފަލަސްތީނުގެ ބިމުން ނެރެލެވި އެކި ދިމަދިމާއަށް އުކާލެވިގެން ދިޔަ އެވެ. އަނެއްކޮޅުން ބަލާއިރު ބިން ވާރުތަ ކޮށްދިނުން އޮންނަނީ ވެސް ﷲ އަށް އީމާންވާ ހެޔޮލަފާ އަޅުންނަށް ކަމުގައި ޒަބޫރުގައި ލިޔުއްވިގެން ވި ކަމަށް ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. (އަލްއަންބިޔާއު 105). ބަނީއިސްރާއީލުންނަކީ ބިމުގައި ފަސާދަކުރި ބައެއް ކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އަދި އޭގެ ސަބަބުން ﷲ އެ މީހުންނަށް ލައުނަތް ލެއްވިކަން ވެސް ބަޔާން ކުރައްވާފައި ވެ އެވެ.
ހަތަރު ވަނަ ކަމަކީ އެ މީހުންގެ ފޮތްތަކުގައި އަދި ކީރިތި ޤުރްއާނުގައި ވެސް ބަޔާންވެފައި އެވާ ވައުދު ވެވިގެންވާ ބިން ހަގީގަތުގައި އެ މީހުންނަށް ލިބިގެން ހިނގައްޖެ ކަމެވެ. އެއީ ޔޫޝައުގެފާނާ އެކު، އެ މީހުން އެ މުޤައްދަސް ބިމަށް ވަދެ އެ ތަނުގައި އެތައް ދުވަހެއް ވަންދެން އުޅެވުމެވެ. ނަމަވެސް އެ މީހުން ފުރަގަސްދީ ބިމުގައި ފަސާދަ ކުރުމުން އެ މީހުން ބިމުން ބޭރުކޮށްލެވިގެން ދިޔައީ އެވެ.
ފަސް ވަނަ ކަމަކީ ﷲ ގެ ވައުދުތައް އަބަދުވެސް އަންނަނީ ޝަރުތަކާ އެކުގައި ކަމަށް ވުމެވެ. އެއީ އެކަލާނގެ އަށް އަޅުވެތިވުމާއި ހެޔޮލަފާވުމާއި ބިމުގައި ފަސާދަ ނުވުމުގެ ޝަރުތެވެ. ތައުރާތުގައި ވެސް މިކަން ވަނީ ބަޔާން ކުރައްވާފަ އެވެ. އެ މީހުން އެ ޝަރުތުތައް ފުރިހަމަ ނުކުރާ ނަމަ ﷲ ގެ ވައުދުގެ ފޮނިމީރުކަން އެ މީހުންނަށް ނުލިބޭނެ ކަމަށެވެ. އަލްއަޢުރާފް ސޫރަތުގެ 128 ވަނަ އާޔަތާއި އަލްއަންބިޔާއު ސޫރަތުގެ 105 ވަނަ އާޔަތާއި އައްނޫރު ސޫރަތުގެ 55 ވަނަ އާޔަތާއި އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުން މިކަމަށް އިތުރަށް ދަލީލު ލިބިގެން ދެއެވެ.
ވީމާ މި ހުރިހާ ކަމަކުން އެނގިގެން ދަނީ ވައުދުވެވިގެންވާ ބިމޭ މި ކިޔާ ބިމުން ޔަހޫދީންނަށް ހައްގެއް އޮތީ އެ މީހުންގެ ތެރެއިން ﷲ އަށް އީމާންވީ މީހުންނަށް އެކަނި ކަމެވެ. ﷲ އަށް ފުރަގަސްދީ، ބިމުގައި ފަސާދަ އުފެއްދި ޔަހޫދީންނަށް އަދި އެހެން ބަނީއިސްރާއީލުންނަށް ވެސް އެ ވައުދުން ހައްގެއް ނެތް ކަމެވެ. ތާރީހީ ގޮތުން ބަލާއިރު އެ މީހުން އެ ވަނީ އެ ބިމުން ބޭރުކޮށްލެވިފަ އެވެ. ހަމަ އެއާ އެކު، އިބްރާހީމްގެފާނުގެ ނަސްލަށް ނިސްބަތް ނުވާ ބަޔަކަށް ވެސް (އެބަޔަކަށް ޔަހޫދީންގެ ނަން ދެވުނަސް) އެ ވައުދުން ހައްގެއް ނެތް ކަމެވެ. ދެން އޮތީ މިހާރު އެ ތަނަށް އަރައި އެ ތަނުގައި ވަޒަންވެރިވަމުންދާ ދިއުމެވެ. އެކަން ސައްހަތޯ ނުވަތަ ނޫންތޯ ބަހުސް ކުރުން އެއީ އަދި އެހެން ކަމެކެވެ.
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި
އަގްސާމިސްކިތާއި ހައިކަލާ ގުޅުވައިގެން ފަތުރާ ދޮގުވާހަކަ
އަގްސާ މިސްކިތާއި ހައިކަލާ ގުޅުވައިގެން ފަތުރާ ދޮގު!
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން