Roadha Mihaaru
އަނެއްކާ ވެސް ޖެނީނަށް އަރައި 6 މީހުން ޝަހީދުކޮށްފި

އަނެއްކާ ވެސް ޖެނީނަށް އަރައި 6 މީހުން ޝަހީދުކޮށްލައިފި

08 މާޗް 2023

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އިއްޔެ އަނެއްކާ ވެސް ފަލަސްތީނުގެ ހުޅަނގު އައްސީރޭގެ ޖެނީން ފޭލިގެ އަވަށަށް އަރައިގަނެ، ބަޑި ޖަހައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައި އިތުރު 11 މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން އިއްޔެ ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ. އަދި އަނެއް ނުވަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މާޗް 7، 2023؛ އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީން ފޭލިގެ އަވަށަށް ވަދެ ދިން ރޮކެޓް ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތުގެ ތެރެއިން، ޝަހީދުވެފައިވާ ފަލަސްތީނުގެ އާންމުން ނެރުމުގެ މަސައްކަތް ކުރަނީ. --އޭއެފްޕީ

އިޒްރޭލު ސިފައިން އިއްޔެ ހެނދުނު، އަސްކަރީ އުޅަނދުތަކުގައި ޖެނީން އަށް ވަދެގަތުމުގެ ކުރިން، އިޒްރޭލުގެ ސިއްރު ސިފައިންގެ ގުރޫޕެއްގެ ބަޔަކު، އާދައިގެ ހެދުން އަޅައިގެން ތިބެ ފަލަސްތީނު މީހެއްގެ ވޭނެއްގައި ޖެނީން އަށް ވަނެވެ. އަދި ޖެނީންގައި ހުރި ވަކި އިމާރާތެއްގެ ކައިރީގައި އިރުތަކެއް ވަންދެން އުޅުމަށް ފަހު، ދެން ފެނުނީ އިޒްރޭލު ސިފައިންގެ ޖިޕުތައް ޖެނީނަށް ވަދެ އެ އިމާރާތް ވަށައިލި މަންޒަރެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލު ސފައިން އެ އިމާރާތް ވަށައިލުމާއެކު، އިޒްރޭލު ސިފައިންގެ އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަހައްދުގެ މަތީގައި ބުރު ޖަހަން ފެށި އެވެ. އެއަށް ފަހު އިމާރާތުގެ އެތެރޭގައި ފިލައި ތިބި ހަނގުރާމަވެރިން އެ ތަނުން ނުކުތުމަށް އިންޒާރު ދިނުމަށް ފަހު، އެ އިމާރާތަށް ހަމަލާ ދޭން ފެށި އެވެ.

މާޗް 7، 2023؛ އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީން ފޭލިގެ އަވަށަށް ވަދެ ހަމަލާ ދޭން ފެށުމުން ފަލަސްތީނުގެ އާންމުން ފުރާނަ ސަލާމަތް ކުރުމަށް ދުވަނީ.. --އޭއެފްޕީ

މާޗް 7، 2023؛ އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީން ފޭލިގެ އަވަށަށް ވަދެ ހަމަލާ ދޭން ފެށުމުން ފަލަސްތީނުގެ އާންމުން ފުރާނަ ސަލާމަތް ކުރުމަށް ދުވަނީ.. --އޭއެފްޕީ

އިޒްރޭލު ސިފައިން ބަޑިން ހަމަލާ ދިނުމަށް ފަހު، މަތީގައި ބުރު ޖަހަމުން ދިޔަ ހެލިކޮޕްޓަރުތަކުން އެ އިމާރާތަށް ރޮކެޓް ހަމަލާތަކެއް ދީ އެ އިމާރާތުގެ ބޮޑު ބައެއް ހަލާކުކޮށްލި އެވެ. އެއަށް ފަހު އިޒްރޭލު ސިފައިން އެ ސަރަހައްދު ދޫކޮށް ދިޔައީ، ފަލަސްތީނުގެ ބައެއް ޒުވާނުން ހައްޔަރުކޮށްގެންނެވެ.

އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި އެ އިމާރާތުގެ ތެރެއިން މަރައިލި މީހުންގެ ތެރޭގައި، ފަލަސްތީނުގެ އަވަށެއް ކަމަށްވާ ހުވާރާގައި އިޒްރޭލު ސިފައިންގެ ދެ ޒުވާނެއްގެ ގަޔަށް މިދިޔަ މަހު ބަޑި ޖެހި ފަލަސްތީނުގެ ހަނގުރާމަވެރިއަކު ހިމެނެ އެވެ. ހުވާރާގައި ދިން އެ ހަމަލާގައި އިޒްރޭލުގެ ދެ ޒުވާނުން ވަނީ މަރުވެފަ އެވެ.

މާޗް 7، 2023؛ އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީން ފޭލިގެ އަވަށަށް ވަދެ އުޅޭ އިރު، ފަލަސްތީނުގެ ޒުވާނުން އޮއްގަލާއި ހިލަ ފަދަ ތަކެތިން ހަމަލާ ދެނީ. --އޭއެފްޕީ

މާޗް 7، 2023؛ އިޒްރޭލު ސިފައިން އަސްކަރީ އުޅަނދުތަކުގައި ޖެނީން ފޭލިގެ އަވަށަށް ވަދެ އުޅޭ އިރު، ފަލަސްތީނުގެ ޒުވާނުން އޮއްގަލާއި ހިލަ ފަދަ ތަކެތިން ހަމަލާ ދެނީ. --އޭއެފްޕީ

ޖެނީންގެ ރެފިއުޖީ ފޭލިގޭގައި ހިންގި މި އުދުވާނަށް ފަހު، އިޒްރޭލު ސިފައިން އިއްޔެ ހަވީރު ނާބުލްސްގެ ފޭލިގެ އަވަށަކަށް ވަދެގަނެ ތިން މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ޖެނީންގައި އިއްޔެ ދިން ހަމަލާގައި ޝަހީދުކޮށްލި މީހެއްގެ ފިރިހެން ދެ ދަރިން ހިމެނެ އެވެ.

އިޒްރޭލު ސިފައިން އިއްޔެ ޖެނީން އާއި ނާބުލްސް އަށް އަރައިގަނެ އުދުވާންތަކެއް ހިންގި އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ޔަހޫދީ ވަޒަންވެރިން ވަނީ ހުވާރާ އަވަށުގައި ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކަށް ހަމަލާ ދީ، ފަލަސްތީނު މީހުންނާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގައިފަ އެވެ. އިޒްރޭލު ސިފައިންގެ ފުރިހަމަ ހިމާޔަތުގައި ޔަހޫދީ ވަޒަންވެރިން ހިންގި އެ އަމަލުތަކުގައި، ފަލަސްތީނު މީހުންގެ ފިހާރަތަކަށާއި އެއްގަމު އުޅަނދުތަކަށް ގެއްލުން ދިނެވެ.

ހުވާރާގައި މި އުދުވާން ހިންގުމަށް ފަހު، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އެ ސަރަހައްދުގެ މަގު މެދުގައި ނަށައި އުފާފާޅުކުރާ މަންޒަރުތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.