Roadha Mihaaru
އިޒްރޭލުން ކުރަނީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް

އިޒްރޭލުން ކުރަނީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެއް: އދ

15 އޮކްޓޯބަރ 2023

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާގައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައަކީ، ފަލަސްތީނުގައި ދިރިއުޅޭ އަރަބި އިސްލާމީ ދަރިކޮޅުގެ ނަސްލު އެ ބިމުން ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް، އދ.ގެ ޚާއްސަ ރެޕަޓުއާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާގައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައަކީ، ފަލަސްތީނުގައި ދިރިއުޅޭ އަރަބި އިސްލާމީ ދަރިކޮޅުގެ ނަސްލު އެ ބިމުން ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް، އދ.ގެ ޚާއްސަ ރެޕަޓުއާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ބިންތަކުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް އދ.ގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި ގޮތުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުރައްކަލެއްގަ އެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖްތަމައުން މެދުވެރިވެގެން، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުވުމަށް އޭނާ ގޮވައިލެއްވި އެވެ.

"މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އިއާދަ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން، މި ހަނގުރާމަ ވަގުތުން ހުއްޓުމަށްޓަކައި އދ. މަޖިލީހާއި އެ މަޖިލީހުގެ މެމްބަރު ގައުމުތަކުން، އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި އެވެ.

"މި އަނިޔާވެރި ޖަރީމާތަކުން ރައްޔިތުން ދުރުހެލިކޮށް ހިމާޔަތް ކުރުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން އުފުލަންޖެހޭނެ ޒިންމާއެއް. އިޒްރޭލުގެ އިސްތިއުމާރީ ލަޝްކަރުތަކުންނާއި ހަމާސް ޖަމާއަތުން ވެސް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެ ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭނެ."

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ބަޔަކު ކާ އެއްޗިހިތަކެއް ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ބަޔަކު ކާ އެއްޗިހިތަކެއް ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި ގާޒާގައި މިހާރު ހިންގަމުންދާ ޖަރީމާތަކުން ފެންނަނީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެމީހުންގެ ބިމުން ފައްސައިލުމަށް މީގެ ކުރިން އިޒްރޭލުން ހިންގި ފަދަ ޖަރީމާތަކެއް ތަކުރާރުވާން އުޅޭ ފަދަ މަންޒަރެކެވެ.

"މިހާރު އަހަރެމެންނަށް ގާޒާ އިން ފެންނަމުން އެދަނީ، 1948 ވަނަ އަހަރުގެ ނަކްބާ އާއި 1967 ވަނަ އަހަރުގެ ނަކްސާ އަލުން ތަކުރާރުވާން ކައިރިވަމުން ދާ ފަދަ މަންޒަރެއް. މިކަން އަލުން ތަކުރާރުވުމުގެ ކުރިން މިކަން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭނެ."

އިޒްރޭލުގެ ދައުލަތް ގާއިމުކުރުމުގެ މަރުހަލާގައި (1947-1949) ފަލަސްތީނުގެ ބިމުން މުސްލިމުން ފައްސައިލުމަށް، ޒަޔަނިސްޓު ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކަކީ، ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި އެންމެ ވޭން ދެނިވި މުސީބާތުގެ ގޮތުގައި ފާހަގަކޮށް، އެ ހާދިސާ މަޝްހޫރުވެފައިވަނީ ނަކްބާ (މުސީބާތް)ގެ ނަމުގަ އެވެ. ނަކްބާގެ ތެރޭގައި، ފަލަސްތީނުގެ 750000 އަށް ވުރެ ގިނަ މީހުން، އެމީހުންގެ ގެދޮރުން ނެރެ ފައްސައިލި އެވެ.

އޭގެ ފަހުން، އަރަބިންނާއި އިޒްރޭލާ ދެމެދު 1967 ވަނަ އަހަރު ހިނގި ހަ ދުވަހުގެ ހަނގުރާމައިގައި، އަރަބިންގެ މައްޗަށް އިޒްރޭލު ކާމިޔާބު ހޯދައި، އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ބިންތަކުގައި އުޅުނު ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ނެރެ، ހުޅަނގު އައްސޭރި އާއި ގާޒާ އަށް ފޮނުވައިލުމުގެ މާއިންސާނީ އަމަލުތައް ހިންގި ދުވަސް މަޝްހޫރުވެފައިވަނީ، ނަކްސާ ދުވަހުގެ ނަމުގަ އެވެ. އެހަރަކާތުގެ ތެރޭގައި ފަލަސްތީނުގެ 350000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން ނެރެ ހުޅަނގު އައްސޭރި އާއި ގާޒާ އަށް ފައްސައިލި އެވެ.

ގާޒާގެ ކުޑަކުދިންތަކެއް،

ގާޒާގެ ކުޑަކުދިންތަކެއް،

"ހަނގުރާމައިގެ ހިރަފުސްގަނޑުގެ ތެރޭގައި އިޒްރޭލުން މީގެ ކުރިން ވެސް ވަނީ، ފަލަސްތީނުގެ ނަސްލު ފޮހެލުމުގެ ހަރަކާތްތަކެއް ވަރަށް ފުޅާ ގޮތެއްގައި ހިންގާފައި. އަނެއްކާ މިހާރު އިޒްރޭލުން މަސައްކަތް ކުރަމުން އެދަނީ، އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ، ފަލަސްތީނުގެ ނަސްލު ފޮހެލުމުގެ އަމަލުތަކެއް ހިންގަން ތައްޔާރުވަމުން،" އދ.ގެ ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން މިހާތަނަށް ހިންގި އަސްކަރީ ކޮންމެ ހަރަކާތެއް ވެސް ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ފަހަނަޅައި ގޮސްފަ އެވެ. އަދި މާޒީގައި އިޒްރޭލުން ހިންގާފައިވާ ފަދަ ހިތާމަވެރި އަމަލުތަކެއް ތަކުރާރުވުމުގެ ކުރިން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، ފާޅުގައި އިޒްރޭލުން ހިންގާ މިފަދަ އަމަލުތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނުތާ ހަ ވަނަ ދުވަހު (އޮކްޓޫބަރު 7، 2023) އިޒްރޭލުން ވަނީ، ގާޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ 1.1 މިލިއަން މީހުން އެ ސަރަހައްދުން ފައިބައިގެން ދިއުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ. އެ މުހުލަތު ހަމަވުމަށް ފަހު އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާގެ އުތުރު ސަރަހައްދަށް އަރައި، އެ ސަރަހައްދުން ފެންނަ ފަލަސްތީނުގެ ކޮންމެ މީހަކަށް ހަމަލާ ދީ ނުވަތަ ބިރު ދައްކައި، އެ ސަރަހައްދުން ފައިބައިގެން ދިއުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ފަށާފައިވާ ހަނގުރާމަ އަށް މިއަދަށް ނުވަ ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 280 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ

އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިތުރު 9500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރި އަށް ދެމުންދާ ހަމަލާތަކުގައި އެ ސަރަހައްދުން ވެސް ފަލަސްތީނުގެ 54 މީހަކު ޝަހީދުވެ އިތުރު 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންގޮސްފައިވެ އެވެ.

އދ. އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 1300 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.